ތ.ތިމަރަފުށީ މަދަރުސާއެއްގައި އައިއީޑީއެއް ގޮއްވާލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ މާދަމާގެ ތާވަލުގައިވާ ގޮތުން މި ޝަރީއަތުގެ އަޑުއެހުން ފަށަނީ މާދަމާ ހެނދުނު 10:00 ގައެވެ.

މައްސަލައިގައި ހައްޔަރު ކުރި އަށް މީހުންގެ މައްޗަށް ދައުވާ އުފުލުމަށް ފަހު، ކްރިމިނަލް ކޯޓަށް މި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ހުށަހެޅީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަހުގެ ތެރޭގައި މި މައްސަލައިގެ އަޑުއެހުންތައް ވެސް ފެށިއެވެ.

މި މީހުންގެ މައްޗަށް ތުހުމަތު ކުރަނީ އައިއީޑީއެއް ތައްޔާރުކުރުމަށްފަހު އެ ގޮއްވާލައި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކަލެއް ކުރިމަތިކުރުވުމަށް ތައްޔާރީތައްވަމުން ދިއުމާއި، ދަތުރު ދިއުމުގެ ނަމުގައި ފަޅު ރަށްރަށަށް ގޮސް ހަނގުރާމައިގެ އެކި އުކުޅުތައް ދަސްކޮށް، ތަމްރީންތައް ހަދަމުންދިޔުމެވެ. މިމީހުންގެ މައްޗަށް ވަނީ ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ލެބެއް ގޮއްވާލަން ރޭވި ކަމުގައި ތުހުމަތު ކޮށްފައެވެ.

މީގެ ތެރެއިން ތ. ތިމަރަފުށި، ފެހިވިދުވަރުގެ، އަބްދުﷲ ޝަރީފްގެ މައްޗަށް ތިން ދައުވާއެއް ކުރެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ކުށުގެ ދައުވާއެވެ.

ތ. ތިމަރަފުށި، އަސްރަފީވިލާ، އަޙްސަން މުޙައްމަދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ.

ރ.ކަނދޮޅުދޫ، ފެހިވިލާ، ޢަލީ އަރުހަމް މުޙައްމަދުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއާއި، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠުގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ސައިމާ، ޝަމާޚު ޝަރީފްގެ މައްޗަށް ވެސް ދެ ދައުވާއެއް ކުރިއެވެ. އެއީ ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، ކެނެރީގެ، ޢަލީ މުނީޒުގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ، އެއީ ނިރުބަވެރި ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޢަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދަޢުވާއާއި، ނިރުބަވެރި ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދަޢުވާއެވެ.

ތ. ތިމަރަފުށި، އަސުރުމާގެ، މުޙައްމަދު އާޞިރުގެ މައްޗަށް އުފުލާފައިވަނީ އެއް ދައުވާއެވެ. އެއީ ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރު ދިނުމުގެ ކުށުގެ ދަޢުވާއެވެ.

ތިމަރަފުށިން އެމީހުން ހައްޔަރު ކޮށްފައި ވަނީ ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައެވެ. ފުލުހުންގެ އޮޕަރޭޝަންގެ ސަބަބުން އެމީހުން ދޭން ރާވަމުން ދިޔަ ހަމަލާ ހުއްޓުވުނީ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބުރަކި

    ހަރުކަށި މީހުންނަކީ ކޮބާ ދީނަށް ފުރައްސާރަ ކުރުމަކީ މަޑުކަށިތަ؟؟؟
    ދީނައް ފުރައްސާރަ ކުރި އެކަކުވެސް ތިޔަހެން ސަރިޔަތައް ފިނުވި ތަނެއް ނުފެނޭ

    6
    4
  2. ޢަލީ

    ދީނާ ދެކޮޅަށް ހަޅޭލަވައި، ރިޕޯޓު ނެރުނު ހަރުކަށި ފިކުރުގެ މީހުން ކޮބައިތޯ؟

    6
    2
  3. ނުރަބޯ

    މިމީހުން އުމުރަށް ޖަލަށްލާ

    2
    5
  4. ޔާޔާ

    ކުށެއްނެތް މުސްލިމުން.
    އެބައިމީހުންނާ އެބައިމީހުންގެ އާއިލާ ތަކާ އެބައިމީހުންނަށް ހެޔޮއެދޭ މުސްލިމުން ގެ ދުޢާތައް އަނިޔާވެރިންގެ މައްޗައްވޭ. ﷲ އީ މުސްލިމުން ގެ އެހީތެރިވަންތަ ފަރާތް. އަހަރެމެން ވަކީލްކުރަނީ ﷲ އަށް. ނުނުހައްގުން އަނިޔާވެރިވެފައި ހިންހަމަޖެހިލައިގެން އަރާމުގަ އެއްވެސް ބަޔަކަށް ނުތިބެވޭނެ.

    6
    2
  5. ޢަބްދުﷲ

    ތިމަރަފުށިން ހައްޔަރުކުރި ހަރުކަށި ފިކުރުގެ މީހުންގެ ޝަރީއަތެއް މާދަމާ

    6 ގަޑިއިރު ކުރިން ( ޖޫން 5, 2021 )

    ކަށީގެ މިންގަނޑަކާ ބާވަތެއް ކަނޑައެޅީތަ؟ އަޖާއިބުން އަންތަރީސް!!!!!!!!!!!!!!!!