ކ. ހިންމަފުށިން ކޮވިޑް ޖެހުނު މީހުންގެ އަދަދު 800 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް އެ ރަށު ސިއްހީ މަރުކަޒުން ހާމަކޮށްފިއެވެ.

ހިންމަފުށީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު މިއަދު ވިދާޅުވީ މިދިޔަ އޭޕްރީލް 19 ވަނަ ދުވަހުން ފެށިގެން އެ ރަށުގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާތަނަށް އައިއިރު 817 މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 162 ގައިދީން ވެސް ހިމެނެއެވެ.

ކޮވިޑް ޖެހުނު ގައިދީންގެ ތެރެއިން 11 މީހަކު އިއްޔެ ރަނގަޅުވެފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއާ އެކު ބަލި ޖެހިގެން ފަރުވާ ހޯދަމުން އަންނަ ގައިދީންގެ އަދަދަކީ 151 ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައިވާ އެއް ރަށަކީ ވެސް ހިންމަފުއްޓެވެ.

ރާއްޖޭގައި ހުރި ޖަލުތަކުގެ ތެރެއިން އެންމެ ބޮޑަށް ކޮވިޑް ފެތުރިފައި އޮތީ ވެސް އައްސޭރި ޖަލުގައެވެ. އައްސޭރި ޖަލުގައި މަސައްކަތް ކުރަމުން އަންނަ ގިނަ އަދަދެއްގެ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވެސް ކޮވިޑަށް ވަނީ ފައްސިވެފައެވެ. އެކަމަކު އެ ބަލީގައި މިވަގުތު ފަރުވާ ހޯދަނީ އެންމެ ހަ މީހުންނެވެ. ބަލި ޖެހުނު އެހެން އޮފިސަރުން މިހާާރު ވަނީ ބަލިން ފަސޭހަވެފައެވެ.

ހިންމަފުށިން ކޮވިޑް ޖެހުނު މީހުންގެ ތެރެއިން 498 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. ހިންމަފުށިން މިހާތަނަށް 1،722 ސުންކެއް ނެގި އިރު، މިވަގުތު ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 300 އަށް ވުރެ މައްޗަށް އަރައެވެ.

އެ ރަށުގައި ކޮވިޑް ފެތުރެން ފެށުމާ އެކު، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް ވަނީ އަޅައިފައެވެ. އެގޮތުން އެ ރަށަށް އަރައި ފޭބުން މަނާކޮށްފައި އޮންނަތާ މިހާރު ދޮޅު މަހެއްހާ ދުވަސް ވަނީ ވެފައެވެ.