މާލޭގައި އިއުލާނުކޮށްފައިވާ ކާފިއުއާ ހިލާފުވެގެން، އަނބުރާ ގައުމަށް ފޮނުވާލެވެންދެން "އެމްޕީއެލް ހިޔާ" ގައި ބައިތިއްބާފައި ތިބި ބިދޭސީން ކޮވިޑް-19 އަށް ޓެސްޓު ކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންގައިފިއެވެ.

އެޗްއާރްސީއެމުން ވަނީ މެއި މަހުގެ 31 ވަނަ ދުވަހު އެމްޕީއެލް ހިޔާއަށް ޒިޔާރަތް ކޮށްފައެވެ. ހިޔާގައި ބައި ތިއްބާފައި ތިބީ ސައްހަ ލިޔެކިޔުމެއް ނެތް ބިދޭސީންނެވެ.

ކޮމިޝަނުން ކުރި ޒިޔާރަތުގައި އެތަނުގެ މައުލޫމާތު ސާފުކޮށް، ހާލަތު ބެލުމުގެ އިތުރުން އެތަނުގައި އެވަގުތު ތިބި ބައެއް ބިދޭސީ މަސައްކަތްތެރީންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ.

އިއްޔެ އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ، ޒިޔާރަތުން ފާހަގަކުރެވުނު ކަންތައްތަކަށް ބަލައި ދައުލަތުގެ ކަމާ ގުޅުންހުރި އިދާރާތަކަށް ހުށައެޅުންތަކެއް ހުށައަޅާފައިވާ ކަމަށެވެ.

އެގޮތުން، ހުށަހެޅި ބައެއް ކަންތައްތަކުގެ ތެރޭގައި، ކޮވިޑްގެ ނަތީޖާ ލިބުމާ ހަމައަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ބޭތިއްބުމާއެކު އަލަށް މަރުކަޒަށް ގެންނަ ފަރާތްތައް ވަކިވާނެހެން ބޭއްތިއްބޭނެ ނިޒާމެއް ވަގުތުން ކަނޑައެޅުން ހިމެނެއެވެ.

ހިޔާއަށް ގެނެވޭ ބިދޭސީ މަސައްކަތްތެރީން ލަސްވެގެން 24 ގަޑިއިރު ތެރޭގައި ޑޮކްޓަރަކަށް ދައްކައި ސިއްހީ ގޮތުން ކޮންމެހެން ދޭންޖެހޭ ފަރުވާއެއް ހުރިކަން ނުވަތަ ނޫންކަން ކަށަވަރުކުރުމާއި އަދި ދާއިމީ ބައްޔަކަށް ބޭސްކުރާ ފަރާތެއް ނަމަ، ކާންޖެހޭ ބޭސް މެދު ނުކެނޑޭނެ ގޮތަކަށް ލިބޭކަން ކަށަވަރުކުރަން ވެސް ވަނީ ހުށަހަޅައިފައެވެ.

މަރުކަޒުގައި ތިބި ބިދޭސީ މަސައްކަތްތެރީންނަށް ވާނުވާ އެންގުމާއެކު އަންނައުނު ފޯރުކޮށްދޭން ކޮމިޝަނުން ވަނީ ހުށައަޅާފައެވެ.

ރިޕޯޓުގައި ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކަށްވެސް އެޗްއަރްސީއެމުން ވަނީ ހުށައެޅުންތަކެއް ހުށައަޅާފައެވެ. އެއީ ހިޔާ އަށް ގެނެވޭ ފަރާތަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތެއް ނަމަ، އެފަރާތަކަށް ލިބެންޖެހޭ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގެންދެވޭ ބިދޭސީ މަސައްކަތްތެރީންގެ ތެރެއިން ވަޒީފާގައި އުޅޭ ފަރާތްތަކަށް އެފަރާތަށް ވަޒީފާދިން ފަރާތަށް ގުޅައި ވާހަކަދެއްކޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖެއްސުން ހިމެނެއެވެ.

އެފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ ކުރީން އެފަރާތްތަކުން ކުރި މަސައްކަތްތަކަށް ލިބެންޖެހޭ ހައްގު އުޖޫރަ ލިބޭނެ އިންތިޒާމު ހަމަޖައްސައި
އެކަން ކަށަވަރު ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ.