އިންޑިއާގެ ލަކްޝަދީޕްގައި ގެނބުނު އާއިލާއެއްގެ މެމްބަރުންތަކެއް ދިވެހި ދެ ފުލުހަކު ސަލާމަތްކޮށްފިއެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާގެ ދަ ސަރުދާރު ވައްލާބާއީ ޕަޓޭލް ނޭޝަނަލް ޕޮލިސް އެކެޑަމީގައި އައިޕީއެސް ޓްރެއިނިން ފުރިހަމަ ކުރަމުންދާ ދެ ފުލުހަކު ލަކްޝަދީޕްގައި ގެނބެނު އާއިލާއެއް ސަލާމަތްކޮށްފައިވާ ކަމަށެވެ.

އެ އާއިލާ ސަލާމަތް ކުރީ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހުމަދު އަބްދުލް އަޒީޒާއި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނާޒިމް ކަމަށް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ވަނީ އެ ދިވެހިން ކުރި މަސައްކަތުގެ އަގު ވަޒަންކޮށް ތައުރީފްކޮށްފައެވެ.

ހަތަރު މީހުންގެ އެ އާއިލާގައި ދެ ކުޑަކުދިންވެސް ހިމެނޭ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިތުރުން ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ވެސް ވަނީ އެ ދެ ފުލުހުން ދެއްކި ހިތްވަރަށް ތައުރީފްކޮށްފައެވެ.