ރާއްޖޭގެ ތިމާވެއްޓާއި ގުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމުގެ މަސައްކަތް އެންވަޔަރަމެންޓް މިނިސްޓްރީން ފަށައިފިއެވެ.

ދުނިޔޭގެ ތިމާވެށގެ ދުވަހާއި ގުޅިގެން މިއަދު ދެއްވި ހިތޯބުގައި މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ކޮވިޑް-19 ގެ މި ހާލަތު ބުނެދެނީ، ވަށައިގެންވާ މާހައުލާއި ގުޅުންކެނޑުމަކީ ނަފްސާނީ ދުޅަހެޔޮކަމަށްވެސް އޭގެ ނޭދެވޭ އަސަރުކުރާކަމެއް ކަމުގައި ކަމަށެވެ.

ޝައުނާ ވިދާޅުވީ މި ދަނޑިވަޅަކީ ރާއްޖޭގެ ތިމާވެށީ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވެމުންދާ، އަދި ކުރުމަށް ރޭވިފައިވާ ދަނޑިވަޅެެއް ކަމަށެވެ.

"މިގޮތުން، ދިވެހިރާއްޖޭގެ ތިމާވެއްޓާއި ޤުދުރަތީ ވަސީލަތްތައް ހިމާޔަތްކުރުމުގެގޮތުން، 2030 އާއި ހަމަޔަށް އެންމެ ކުޑަވެގެން ދިވެހިރާއްޖޭގެ ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 20 އިންސައްތަ ހިމާޔަތްކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތްކުރަމުން" ޝައުނާ ވިދާޅުވިއެވެ.

މިހާރުވެސް 73 ސަރަހައްދެއް ހިމާޔަތްކޮށްފައިވާއިރު، ހައްދުންމައްޗާއި، އަރިއަތޮޅު އަދި މާޅޮސްމަޑުލު ދެކުނުބުރީގެ އިތުރު ސަރަހައްދުތައް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ޝައުނާ ހާމަކުރެއްވިއެވެ.

އަދި، ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި، ވަކާލާތު ކުރައްވަމުންދާ ކަންވެސް ދާދި ފަހުން މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވި ޝައުނާ ވިދާޅުވީއެވެ.

"ހިމާޔަތްކުރާ ސަރަހައްދުތަކުން ލިބޭ ފައިދާ އެންމެބޮޑަށް ކުރާނީ އަދި ކުރަންވާނީވެސް ރައްޔިތުން. މި މޭރުމުން، ތިމާވެށީގެ ގޮތުން ފާހަގަކޮށްލެވޭ ތަންތަން ރައްކާތެރިކޮށް، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ތިމާވެށީގެ މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް އައު ވިސްނުންތަކަކާއިއެކު މަސައްކަތްތަކެއް ކުރެވިދާނެކަމަށް އަޅުގަނޑު ދެކެން" ޝައުނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގިނަ ރަށްތަކަކަށް އާދަޔާ ހިލާފަށް އުދައެރުމުގެ ހާދިސާތަކަކީ އަޅުގަނޑުމެން ކޮންމެ ދުވަހަކުހެން ތަޖުރިބާކުރަމުން އަންނަކަމެއް ކަމަށް ޕޮލިޓިކަލް އެންޑް އެންވަޔަރަމެންޓަލް ސައިންސް އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ ޝައުނާ ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ މިފަދަ މައްސަލަތަކުން ދިރިއުޅުމުގެ ހުރިހާ ދާއިރާއަކަށް އޭގެ އަސަރުކުރާކަން ފާހަގަކުރައްވާ ޝައުނާ ވިދާޅުވީ، އިގްތިސާދަށާއި، އާންމު ސިއްހަތު އަދި ކާބޯތަކެތީގެ ޔަގީން ކަމަށާއި، ގޯތި ގެދޮރަށްވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާ ކަމަށެވެ.

ރާއްޖެއަކީ ފަތުރުވެރިކަމާއި މަސްވެރިކަމަށާއި ދަނޑުވެރިކަމަށް ބަރޯސާވާ ގައުމެކެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ސީދާގޮތުންނާއި ނުސީދާގޮތުން ގާތްގަނޑަކަށް 50000 މީހުން ވަޒީފާއަދާ ކުރެއެވެ. އަދި މަސްވެރިކަމާއި ދަނޑުވެރިކަމުގައި ގާތްގަނޑަކަށް 17000 މީހުން މަސައްކަތްކުރެއެވެ. މި ސިނާއަތްތަކުން ލިބޭ ނަފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބިލިބި ހުންނާނީ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތްކޮށް، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް ތަޙައްމަލު ކުރުމުގެ ގާބިލުކަން އިތުރުކޮށް ވަރުގަދަކޮށްގެންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ އަނެއް މައްސަލައަކީ އަޅުގަނޑުމެންގެ ކަނޑުފަޅު ތައައްޔަރުވުމުގެ ސަބަބުން ފަރުތަކަށާއި، އެ ފަރުތަކުގައިވާ ދިރުންތަކަށް، އަދި މަސްވެރިކަމަށާއި އަޅުގަނޑުމެންގެ ސިއްޙަތަށް އަދި އޭގެ ސަބަބުން ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކެއްކުރާ ކަމެއް ކަމަށާއި، އެކަންކަމުން އަރައިގަތުމަށް، އެކަށީގެންވާގޮތެއްގައި ކުނި މެނޭޖްކުރުމަކީ މި ސަރުކާރުން ވަރަށްބޮޑު އަހަންމިއްޔަތުކަމެއްދޭ ކަމެއް ރައީސް އޮފީހުގެ ޕޮލިސީ ޑިރެކްޓަރުކަން އަދާކުރައްވާފައިވާ ޝައުނާ ވިދާޅުވިއެވެ.

މިގޮތުން ޖޫން މަހުންފެށިހެން އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމުގެ އަމަލީ މަސައްކަތް ފަށާފައިވާއިރު، ކުނި މެނޭޖްކުރުމާ ގުޅޭ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް މިހާރުދަނީ ކުރެވެމުން ކަމަށް ވިދާޅުވިއެވެ.

މި އިސްލާހު ގެޒެޓުކުރެވުމުން، ކުނި މެނޭޖްކުރާ މަރުކަޒުތަކުގައި ކުނި ވަކިކޮށް، ފަނާވާޒާތުގެ ކުނިން ކޮމްޕޯސްޓް އުފެއްދުމާއި، ރިސައިކަލް ނުވަތަ އަލުން ބޭނުންކުރެވޭ ޒާތުގެ ކުނި އެކްސްޕޯޓްކުރުމަށާއި އަދި އަންދާލެވޭ ޒާތުގެ ކުނި އިންސިނެރޭޓްކުރުމަށް ލުއި ފަސޭހަތަކެއް ލިބިގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ސސ

    ރައްޔިތުން މަރުވިޔަސް ތިޔަތަނެއް ހިމާޔަތް ކުރެވޭތޯ ބަލާތި، މީއަނެއް ކޮސްގޮވާ މީހާ ! ﷲ ކަޑު ލެއްވީ އިންސާނުން އޭގެ ފައިދާ ނަގަން !

    4
    1
  2. ލލ

    ބޭރުގެ އެޖެންޓުން ތިބެގެން ކޮސްގޮވަނީ !

    4
    1
  3. އަހު

    ކޮންމެވެސް މޮޅު ވާހަކައެއް ދައްކައިގެން ޓެކްސް ނެގޭނެ ގޮތެއް ހޯދަނީ. މީ ބަާވެރިކަމެއް!

    5
    1
  4. ޕެޑްމޭން

    އަދި، ކަނޑާއި، ކަނޑާއިގުޅިފައިވާ ސަރަހައްދުތަކުގެ 30 އިންސައްތަ ހިމާޔަތްކުރުމަށްޓަކައި ކަމަނާ މިނިސްޓަރު ދިން ފަހުން އާވައްތަރެއްގެ ޓިނެއް ބަޔަކު ތައްޔާރު ކުރީތޯއެވެ. ތިޔަ ހިމާޔަތްކުރަނީ ފިނިކޮޓަކޮޅުތަކުގައި ސަރަންފީތަކަށް ވެޑުވިތިއްބަވައިގެން މިވެނި ތަނެއް ހިމާޔަތްކޮށްފީމޭ ކަރުދާހުގައި ލިޔެ މީޑިޔާ މެދުވެރިކޮށް އިއުލާނުކުރާ އުސޫލުންނެވެ. އެއަކަށް ތަބާވޭތޯ ނުވަތަ ނޫންތޯވެސް ދެން ބަލާނެ މީހަކު ނެތެވެ. އެގޮތައް ރާއްޖޭގެ މުޅި ކަނޑާއި ކަނޑާގުޅިފައިވާ ސަރަހައްދުގެ ސައްތައްއިން ސައްތަ ހިމާޔަތްކުރެވިދާނެއެވެ. މިހެންކިޔާފަ ބަސްދީގަތުމެއްދިނީމަ އެއޮތީ ހިމާޔަތާއި ރައްކާތެރިކަން ދެވިފައެވެ. މިއަށް ކާބަފައިންކިޔަނީ "އަމާބުނީތީ ފަރައްދަނީއޭ" އެވެ.

  5. ސައްލި

    އިންޑިޔާ ވަޒީރުގެ ދެވަނަ ބޮޑު މަލިކް ހަދާފަ ހިމާޔަތް ކުރަނީތޯ ހަސަން ރަސްގެފާނު ވެރިކަން ކުރިގޮތަށް ! އުޅުނު ބަޔަކު މިއުޅެނީވެސް !

  6. ސާމީ

    ޢުޅެން މިހާ ދުއްޕާންބޮޑު ގައުމެތްނެތް ހުވާ ހުރިހާ އެތްޗެއް ހިމާޔައްކޮށްފަ މިއޮށްބޮޑު ކަނޑުން ރައީތުންނަށް ކޮންފަދާއެތްވަނީ ދޮށިންބާނާ މަސްކޮޅު ފިޔަވާ ހާދަ ބޮޑު ނަފައެތް ހޯދިދާނޭ މިއޮށްބޮޑުކަންދުން

  7. ރަބަރޭ

    މުޅި ކަނޑު ހިމާޔަތް ކޮއްބަލަ

  8. ޖާބެ

    މިއީ ވެސްޓްގެ ކޮލަނައިޒޭޝަން ، ކެޕިޓަލިސްޓިކް އެޖެންޑާ ޕްރިޕަގެންޑާ ފަތުރާ މީހެއް ގައުމެއް ތަރައްޤީވުން ހުއްޓުވައި އިންޑަސްޓްރީތައް ފުޑާލުމުގެ ސިޔާސަތު

  9. ކިނބޫ

    ހިކިފަސްތާ ތިބި އިންސާނުން ހިމާޔަތް ނުކުރެވިގެން އުޅޭ ބަޔަކަށް ތިކަމެއް ނުވާނެ.