ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ލިބޭނެ އިންތިޒާމު ހަމަ ޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

ކޮވިޑަށް ފައްސިވާ މީހުންނަށް 24 ގަޑިއިރު އޯޕީޑީ ހިދުމަތް ދިނުމުގެ މަސައްކަތް ފަށާފައިވަނީ އެބަލީގައި ފަރުވާ ނުލިބި 10 އަހަރުގެ ކުއްޖަކު ނިޔާވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ހެލްތް މިނިސްޓްރީ އަށާއި ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

ފަރުވާ ނުލިބުމުގެ ސަބަބުން ނިޔާވި މިޝްކާ މުހައްމަދުގެ މަރާއި ގުޅިގެން ހެލްތް މިނިސްޓްރީން އާއްމު ކޮށްފައިވާ ރިވިއުގައި އިހުމާލުގެ ބޮޑެތި މައްސަލަތަކެއް ފާހަގަ ކޮށްފައިވެއެވެ. އެހެން ނަމަވެސް އެކަމުގައި އިހުމާލުވި އެއްވެސް ފަރާތަކަށް އަދި ފިޔަވަޅު އަޅާފައެއް ނުވެއެވެ.

މި ހާދިސާ ހިނގާދިއުމުން، އެފަދަ ހާދިސާއެއް ދެވަނަ ފަހަރަށް ތަކުރާރު ނުވާނެ ގޮތަށް ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އޭގެ ތެރެއިން، މާލެ ސަރަހައްދުގައި މާލެ، ހުޅުމާލެ، ވިލިމާލޭގައި ކޮވިޑަށް ފައްސިވާ މީހުންނަށް އައުޓް ޕޭޝަންޓް ބޭސިސްގައި ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައި އެ ތަންތަނަކީ 24 ގަޑިއިރު ހިދުމަތްދޭ ތަންތަނަށް ބަދަލުކުރުން ހިމެނެއެވެ. އަދި މިހާތަނަށް މި ބައްޔަށް ފައްސިވެފައިވާ މީހުންނަށް 'ވޯކް އިން' ކޮށްގެން ހިދުމަތް ލިބޭނެ އިންތިޒާމުތައް ވެސް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އޭއިރުން ބައްޔަށް ފައްސިވާ މީހުންނަށް އަމިއްލައަށް ގޮސްގެން ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް ރިވިއުގައި ވަނީ ފާހަގަ ކޮށްފައެވެ.

މިފަދަ އިންތިޒާމެއް ހަމަ ޖައްސަމުން އަންނަ ނަމަވެސް، އެކަމުގެ ތަފްސީލެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

އެ ކަންކަމުގެ އިތުރުން ވަކި ހިދުމަތެއްގެ ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ގާއިމްކޮށް ކުއްލި ހާލަތްތަކުގައި ގުޅާނެ ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުމާއި ބައްޔަށް ފައްސިވާ ފަރާތްތަކުން ކުއްލި ހާލަތުގައި އެމްބިއުލާންސް ހޯދުމަށް ބޭނުން ވެގެން ގުޅައިފިނަމަ، އެތަނަކުން ބޭނުންވާ ސިއްހީ ހިދުމަތް ދިނުމަށް އެމްބިއުލާންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި އެފަރާތްތަކަށް އެކަން އަންނަނީ އަންގަމުންނެވެ. މިގޮތަށް ނިންމާފައިވަނީ މިޝްކާ ހޮސްޕިޓަލަށް ގެންދިއުމަށް އައިޖީއެމްއެޗްއަށް އެމްބިއުލާންސެއް ފޮނުވުމަށް އެދުމުން އެކަން އެގޮތަށް ފޯރުކޮށްދީފައި ނުވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮވިޑް

    ބަލަ ކުރިން ތިކަން ނުކޮށް ތިބީ ބައެއްގެ ފުރާނަ ދުއްވާލަންތޯ؟ މިއަދު ތިކަން ކުރެވިފަ އޭރު ނުކުރީ މިހިސާބައް ރާއްޖޭގެ ހަލަތު ދުއްވާލަންތޯ؟