ހަލުވި ކަމާއި އެކީ ކޮވިޑް-19 ފެތުރެމުން އައި ށ. ކަނޑިތީމުގައި މިވަގުތު ބަލިޖެހިފައި ތިބީ 48 މީހުން ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެފިއެވެ.

ކަނޑިތީމުން އެންމެ ފުރަތަމަ ކޮވިޑް-19ގެ ވޭދަނަތަކެއް ފެނިފައިވަނީ މިދިޔަ މޭއި މަހުގެ ތެރޭގައެވެ. އެއީ އެރަށު ފްލޫ ކްލިނިކަށް ދެއްކި ބަޔަކާއި ކަރަންޓީނުގައި ތިއްބާ ފައްސިވެފައިވާ މީހުންނެވެ.

މިއާއި އެކީ ދުވަހުން ދުވަހަށް އެރަށުގައި ބަލީގެ ވޭދަނަތައް އިތުރުވެ ރަށް ވަނީ ބިރުވެރި ހާލަތަށް އައިސްފައެވެ. އެހެން ނަމަވެސް އާއްމުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެކީ މިވަގުތު އެރަށުގައި ކޮންމެވެސް ވަރަކަށް އަންނަނީ ބަލި ކޮންޓްރޯލް ކުރެވެމުން ކަން ފާހަގަ ކޮށްލެވެއެވެ.

ކަނޑިތީމު ސިއްހީ މަރުކަޒުގެ މެނޭޖަރ މުހައްމަދު ފަހުމީ "ވަގުތު" އަށް ވިދާޅުވީ، އެރަށުން ބަލި ޖެހުނު މީހުންގެ އަދަދު 125 އަށް އަރާފައިވީ ނަމަވެސް، މިވަގުތު އެކްޓިވް ވޭދަނަތަކުގެ ތެރޭގައި އުޅެނީ 48 ވޭދަނަ ކަމަށެވެ. އަދި ބަލި ޖެހުނު 77 މީހަކު ބަލިން ރަނގަޅުވެފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ފައްސިވެފައިވާ މީހުންގެ ތެރޭގައި ހިރާސް ބޮޑު މީހުން ތިބި ކަމަށާއި އެ މީހުންނަށް ފަރުވާ ދިނުމުގެ ކަންކަން ކައިރިން ކައުންސިލާއި ގުޅިގެން ސިއްހީ މަރުކަޒުން ބަލަމުން އަންނަ ކަމަށެވެ.

ކަނޑިތީމުން ކޮވިޑްގެ ވޭދަނަތައް ފެނުމާއި ގުޅިގެން ބަލިން ރައްކާތެރިވުމަށް ރަށުގެ އާއްމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުން ފަހުމީ ވަނީ ފާހަގަ ކޮށްފައެވެ. މިފަދަ ހައްސާސް ދަނޑިވަޅެއްގައި ނަރުހުން ކުރެއްވި ބުރަ މަސައްކަތް ވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

"މި އަދަދު ދަށްކުރެވިފައިވަނީ ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެކީ. މަދު ބަޔަކު ނޫނީ ހުރިހާ ބަޔަކު އެގޮތަށް އަމަލު ކުރި. އަޅުގަނޑުމެން ކުރި މަސައްކަތް ބަލައިގަނެ އެއްބާރުލުމެއް ދެއްވި" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ، ބައެއް ދުވަސް ދުވަހު އެންމެ ދެ ނަރުހުންނާއި އެކީ މަރުކަޒުގައި މަސައްކަތް ކުރަމުން ދިޔަ ކަމަށާއި އެހާލަތުގައި ވެސް ރައްޔިތުން ބޭނުންވާ ހިދުމަތް ދެވިފައިވާ ކަމަށެވެ.