އައްޑޫ ސިޓީގެ މަތިކިޅިއާ، މާފިށި ސަރަހައްދު ހިންގާ ބެލެހެއްޓުމަށް އައްޑޫ ސިޓީ ކައުންސިލާއި މިއަދު ހަވާލުކޮށްފިއެވެ.

މަތި ކިޅިގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އާމިނަތު ޝައުނާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އައްޑޫގެ މޭޔަރު އަލީ ނިޒާރެވެ.

މާފިށި ކިޅިގެ އެއްބަސްވުމުގައި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމެވެ.

ހުޅުދޫގެ ދެކުނަށްވާ ގޮތަށް އޮންނަ މާފިށި ސަރަހައްދަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ގެ ދަށުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 22ގައި ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަޙައްދެކެވެ.

މިސަރަޙައްދަކީ ވެސް، އެހެން ޗަސްބިން ސަރަހައްދުތަކެކޭ އެއްގޮތަށް، ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމާއި، ރަށުގެ މީރުފެން ފަށަލަ ތާޒާކޮށް ބޭއްވުމަށް މުހިއްމު ދައުރު އަދާކުރާ ސަރަޙައްދެކެވެ.

އަދި މިފަދަ ސަރަހައްދުތަކަކީ ކާބަން ސިންކްގެ ގޮތުގައި ކާބަން ރައްކާކުރާ ސަރަޙައްދުތަކެކެވެ. ސަރަޙައްދުން ފެންނަ ދިރުންތަކުގެ ތެރޭގައި ކުޅިފަލުގައި ހެދޭ ގަހުގެ ބާވަތެއް ކަމުގައިވާ ބުރެވި ގިނަ އަދަދަކަށް ހެދިފައވެއެވެ.

މިސަރަހައްދުގައިވާ ފެންގަނޑުން ރާއްޖެއިން މަދުން ނޫނީ ނުފެންނަ މަހުގެ ބާވަތެއް ކަމުގައިވާ ކޮންގަރއީލް ފެނެއެވެ. އަދި ގިނަ އަދަދަކަށް ތެލާޕިޔާ އާއި ކުޅިތަކުގައި އުޅޭ ފިނިހަކުގެ ބާވަތްތައް ވެސް މިސަރަޙައްދުން ފެނެއެވެ. މިސަރަހައްދަކީ ހިމާޔަތްކޮށްފައިވާ ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަޙައްދެކެވެ. އަދި މި ސަރަޙައްދުން ފެންނަ ދޫނީގެ ތެރޭގައި ދޮންފެންފޯއް ދޫނި، ދޮންދީނި، ހުވަދޫ ރާބޮނދި، މާކަނާ އަދި ތޭރަވާ ހިމެނެއެވެ.

މަތިކިޅި ބަލަހައްޓަން ހަވާލުކޮށްފައިވާ އިރު އެ ސިޓީގެ މަތިކިޅި ސަރަހައްދު ބެލެހެއްޓުމަށް މިއަހަރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގައި ވަނީ ހިމަނާފައެވެ.

އެގޮތުން އެ އެއްބަސްވުމުގެ ދަށުން، ޕީއެސްއައިޕީގެ ބަޖެޓުގައި ހިމެނޭ 300،000 (ތިން ލައްކަ ރުފިޔާ) ހިމެނޭގޮތަށް މިނިސްޓްރީން ޕްލޭން ކޮށްފައިވާ ގޮތަށް މަތިކިޅި ސަރަހައްދު ހިންގައި، ބަލަހައްޓާ އަދި ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.

އައްޑޫގެ މީދޫ އަދި ހުޅުދޫގެ މެދަށްވާ ގޮތަށް އޮންނަ މަތިކިޅި ސަރަޙައްދަކީ ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކޮށްފައިވާ ޗަސްބިން ސަރަޙައްދެކެވެ.

އެސަރަޙައްދަކީ ބޮޑު ޗަސްބިމުގެ ސަރަޙައްދެއްކަމުން، ރަށަށް ވެހޭ ވާރޭ މިސަރަޙައްދަށް ފަސޭހަކަމާއެކު ހިނދިގެން ދެއެވެ.

އެހެންކަމުން، މިސަރަހައްދަކީ އެރަށުގައި ފެންބޮޑުވުމުގެ ފުރުސަތު ކުޑަކޮށް ދިނުމުގެ ދައުރު އަދާކުރާ މުހިއްމު ސަރަޙައްދެކެވެ. މިސަރަޙައްދުގައިވާ ގަސްގަހާގެއްސަށް ބަލާލާއިރު، ގިނަ އަދަދަކަށް ހެދިފައިވަނީ ’ކާފަރުބުރު‘ ނަމަކަށް ކިޔާ ވިނައިގެ ބާވަތެކެވެ. އޭގެ އިތުރުން މި ސަރަޙައްދުގައި ބޯކަށިކެޔޮ، ކަށިކެޔޮ، ދިއްގާ އަދި ރުއް ގިނަ އަދަދަކަށް ހެދިފައިވެއެވެ. އަދި މި ސަރަޙައްދަކީ ޙިމާޔަތްކޮށްފައިވާ ގިނަ ޢަދަދަކަށް ދޫނި ޒިޔާރަތްކޮށް އާލާވާ ސަރަހައްދެކެވެ.

މީދޫ "މަތިކިޅި އެކޯ ގާޑެން" - ފޮޓޯ:- ވަގުތު އިމޭޭޖަސް / އިބްރާހިމް ޝާބިލް

އެއްބަސްވުމުގެ ދަށުން މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭނަށް ބޭނުންވާ އިކޯޓޫރިޒަމް އަދި އިކޯގާރޑަން ކޮންސެޕް ޑިޒައިން ތައްޔާރުކުރުމާއި މަތިކިޅި ސަރަޙައްދުގެ މެނޭޖްމަންޓް ޕްލޭން ޑްރާފްޓް ކުރުމާއި، މިސަރަޙައްދުގެ ރީސްޓޮރޭޝަންއަށް ބޭނުންވާ ގޮތަށް، މިސަރަޙައްދުގައި "އިންވޭސިވް ސްޕީޝީސް" އެއް ގޮތަށް ފެތުރެމުންދާ ކާފަރު ބުރު ސާފުކުރުމާއި، މިސަރަޙައްދު މެނޭޖްކުރުމަށް ބޭނުންވާ ޓޫލްސް ގަނެވޭނެެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މަތިކިޅީގައި ކުރުމަށް ރޭވިފައިވާ ރިސްޓޮރޭޝަންގެ މަސައްކަތްތަކަކީ މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރު ކަމުގައިވާ "މާހައުލީ ނިޒާމުތައް އިޔާދަކުރުން" މި ޝިއާރާއި ގުޅުންހުރި މަސައްކަތްތަކެވެ.

މީހުން ދިރިއުޅޭ ގިނަރަށްރަށުގައި ހުރި ބައެއް ކުޅި،ފާ، ޗަސްބިން ސަރަހައްދުތަކަކީ ކޮންމެވެސް ވަރެއްގެ ރިސްޓޮރޭޝަންއެއް ނުވަތަ ރީހެބިލިޓޭޝަން އެއް ބޭނުންވާ ސަރަޙައްދުތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ދިވެހި ރާއްޖޭގެ ރައްތަކަށް ބަލާއިރު ﷲ ވަނީ ކޮންމެ ރަށެއްގައިވެސް ޤުދުރަތީ ގޮތުން ފެން ހިންދާނެ ނިޒާމް ލައްވާފައި ވިސްނާ ފިކުރު ހިންގާ ބަޔަކަށްވާ ޢިބުރަތެއް!