ކޮވިޑް-19 ބަލީގައި އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލެވެފައިވާ މިންވަރު ދެނެގަތުމަށް ކުރި ތަހުގީގަށްފަހު އާންމު ކުރި ރިޕޯޓުގައި ބައެއް އުނި ކަމަށް ބުނެ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

އާންމު ފަރާތަކުން ފުލުހަށް ހުށަހަލާފައިވާ މި މައްސަލާގައި ވަނީ މިޝްކާގެ މަރުގެ މައްސަލާގައި އިހުމާލެވެފައިވާ ފަރާތްތައް ދެނެގަނެ، އެފަރާތްތަކާއި މެދު ޖިނާއީ ތަހުގީގެއް ހިންގާ ދިނުމަށް އެދިފައެވެ.

ޕޮލިސް ކޮމިޝަނަރަށް ލިޔެފައިވާ މި ސިޓީގައި ވަނީ މިޝްކާގެ މައްސަލާގައި އިހުމާލުވި ފަރާތްތަކުގެ މަސްލަހަތު ހިމާޔަތް ކުރުމަށް، އެފަރާތްތަކުގެ ނަންތައް ހެލްތު މިނިސްޓްރީން އާންމު ކުރި ރިޕޯޓުގައި އުނިކޮށްފައިވުމުން ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިޝްކާއަށް އިހުމާލުވި މައްސަލަ އޮއްބާލަން މަސައްކަތް ކުރި ކަމުގެ މައުލޫމާތު ހެލްތު އިމާރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ގައި މަސައްކަތް ކުރަމުންދާ ދަރުމަވެރިންގެ ފަރާތުން ލިބިފައިވާކަން ފާހަގަކޮށްފައިވެއެވެ.

ޖިނާއީ ތަހުގީގެއް ކުރުމަށް އެދިފައިވާ އެއްފަރާތަކީ އެޗްޕީއޭގެ އިދާރީ ހިންގުމުގެ އޮނިގަނޑުގައި ކަނޑައަޅާފައިވާ "އިންސިޑެންޓް ކޮމާންޑަރު" ގެ މައްޗަށެވެ. އެފަރާތާއި މަތިކުރެވިފައިވާ ވަޒީފާގެ މަސްއޫލިއްޔަތު ގަސްތުގައި އަދާކޮށްފައި ނުވާކަމަށް މައްސަލަ ހުށަހެޅި ފަރާތުން ތުހުމަތު ކުރެއެވެ.

އިންސިޑެންޓް ކޮމާންޑަރަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރާ އިޙްތިޔާރުގެ ތެރެއިން ކަނޑައަޅާ ފަަރާތެކެވެ. އެ މަގާމުގެ މަޤްޞަދަކީ ރިސްކް ކެޓަރގަރީތައް ކަމުގައިވާ ބައްޔަށް ފައްސިވާ މާބަނޑު މީހުންނާއި، ދާއިމީ ބޭސް ބޭނުންކުރާ ފަރާތްތަކާއި، ކުޑަކުދިންނަށް ޚިދުމަތް ދިނުމުގައި އަވަސްކަން ގެންނަންޖެހޭނެ ފަދަ ހާލަތްތައް ހުރިތޯ ދުރާލާ ދެނެގަތުމެވެ، އަދި ހާދިސާއެއް ހިނގުމުގެ ކުރިން އެތެރޭގެ ޕްރޮސީޖަރުތައް އެކުލަވާލާ އެސެންޓަރުގެ ކްލަސްޓަރ/ސެކްޝަން ތަކުގެ މެދުގައި މަސައްކަތްތައް ތަރުތީބުކުރުމެވެ. މިފަދަ ހާދިސާއެއް ހިނގައިފިނަމަ އެ މައުލޫމާތު އެ މަގާމުގައި ހުންނަ މީހަކަށްލިބޭނެ ފަދަ ނިޒާމެއް ގާއިމްކޮށް ދުވަހުން ދުވަހަށް ތަންފީޒުކުރަން ޖެހޭ ކަންކަން ބެލެހެއްޓުމަކީ އިންސިޑެންޓް ކޮމާންޑަރުގެ މަސްއޫލިއްޔަތެކެވެ.

މިޝްކާއަށް އިންސާފު ހޯދާދުނުމަށް ބާރުއަޅާ ފުލުހަށް ފޮނުވި މި ސިޓީގައި ވަނީ އިހުމާލުވި ފަރާތްތަކާއި މެދު ޖިނާއީ ތަހުގީގުކޮށް އެފަރާތްތަކަށް ޖިނާއީ ދައުވާ ކުރުމަށް ފޮނުވުމަށެވެ. އަދި މި މައްސަލާގެ ތަހުގީގު ނިމެނެދެން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަށް ސިވިލް ސާވިސް ކޮމިޝަނަށް އެންގުމަށްވެސް ބުނެފައެވެ.

"ފާތިމަތު މިޝްކާ / 11އ ނިޔާވުމަށް މެދުވެރިވި މައްސަލައިގައި މީހެއްގެ ފުރާނަ ގެއްލުމަށް މެދުވެރިވީ އިޙްމާލުން ކަމުގައިވާތީ އާއި އެކަމަކީ ޤާނޫނުލް އުޤޫބާތުގައި ސީރިއަސް ޖީނާޢީ މައްސަލައެއްކަމުގައި ބަޔާންކޮށްފައިވާތީ، މަސްއޫލިއްޔަތާއި ވަޒީފާ ބަޔާނަށް ރިޢާޔަތްކޮށް އޭނާގެ މައްޗަށް ތަޙުޤީޤު ހިންގަވައި، ޖިނާޢީ ދަޢުވާކޮށް ދެއްވައި އަދި މައްސަލަ ބަލަމުން އަންނަކަން ދިވެހި ސިވިލް ސާރވިސް ކޮމިޝަނަށް އަންގަވައި ދެއްވުން އެދި ދަންނަވަން" އެ ސިޓީގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނިރު

    އެންމެ ތަފުކެއްވެސް މިފަހަރު ދޫނުކުރާތި. ޒިންމާދާރު މަޤާމްތަކުގަ ތިބި މީހުންނަށް ފިލާނުތިބެވޭނެކަން ޖެހޭނެ އަންގާދޭން. ﷲގެ ރަހްމަތްފުޅުން ކާމިޔާބްވާނެ

    25
  2. އުގުރި

    މިދުނިޔެމަތީގައި ލިބޭނީ ބޭއިންސާފެއް..
    އާހިރަތުގައި މެނުވީ އިންސާފު ނުލިބޭ ހުށިކަމެވެ.

    20
    1
  3. Anonymous

    ހަމައެހެންމެ ތަންކޮޅެއްވެސް ދޫނުކުރަތި.
    އިތުރު ދަރިއަކަށް އިހްމާލުވިޔަ ނުދިނުމަށް ޓަކައި. މީކުށްވެރިން ހިމާޔަތް ކުރާ ސަރުކާރު.
    ތިޔަވާނީ ރަނގަޅަށް ވިއްޔާ މިސަރުކާރުގެ ބޮޑަކަށް. ނޫނީ ރޯޔަލް މީހަކަށް . ކުށްކޮށްފިއްޔާ އަދަބު ލިބެންޖެހޭނެ. އާންދޮގޭ. ކަންކަން ނުކުރެވެންޏާ އިސްތިއުފާ ދީފައި ގޭގައި ތިބޭ. އޭރަށް ނުޖެހޭނެ ޒިންމާ އުފުލާކަށް. ކޮންމެ ކަމެއް ގައިވެސް ދޮގާ މަކަރާއި އޮޅުވާލުން.

  4. އަހްމަދު

    ހެލްތުމިނިސްޓަރުގެމައްސަލަ ބާޣީނަސީމުތަހްގީގުކުރީމަވާނީ މިކަހަލަގޮތެއް މިކަހަލަނާގާބިލްމީހުންނާ ބޮޑެތިމަގާމުތައްހަވާލުކުރީމަ ވާނެހައެތިމިދަނީވަމުން

  5. ސުމާ

    މިގައުމުގައި އިންސާފެއް ނުލިބޭނެ.މި ގައުމަކީ ވަގުންނާއި މަކަރާއި ހީލަތްތެރިން ތިބި ގައުމެއް.ސަރުކާރުގަވެސް.

  6. ޝަރީފާ

    އަހަރެމެން ދިވެހި ރައްޔަތުން ގެ ފައިސާއިން ބޮޑު މުސާރަ ނަން ގަވައި ގެން ބޮޑެތި މަ ގާމު ތަކު ގައި ތިބެ ދިވެހި ރައްޔިތުން ގެ ލޭ ބޮމުން އެދަނީ ! ހުރި ހިތާމައެއް ގެ ބޮޑު ކަމާއެވެ.