އައްޑޫސިޓީން މިއަދު ކޮވިޑް-19 އަށް ފައްސިވީ އެންމެ މީހެއް ކަމަށް އައްޑު އެކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނެފިއެވެ.

އޭއީއެޗުން ބުނީ، މިއަދުގެ ހަވީރު 18:00 އަށް އެސިޓީން ފައްސިވެފައިވާ އެންމެ މީހެއް ކަމަށާއި އޭނާ އަކީ ފޭދޫން ފައްސިވެފައިވާ މީހެއް ކަމަށެވެ.

މިއާއި އެކީ އައްޑޫން މިބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 309 އަކަށް އަރާފައެވެ. އެހެން ނަމަވެސް މިވަގުތު ބަލި ޖެހިފައި ތިބީ 112 މީހެއް ކަމަށް އޭއީއެޗުން ބުންޏެވެ.

އޭއީއެޗުން ބުނީ، މި ބަލި ޖެހުނު މީހުންގެ ތެރެއިން އައްޑޫން 195 މީހަކު ރަނގަޅުވެފައިވާއިރު، ބަލީގައި ދެ މީހަކު ވަނީ އައްޑޫން ނިޔާވެފައެވެ. އަދި މިވަގުތު ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް އޭއީއެޗުން ބުންޏެވެ.

އައްޑޫގެ ރަށްތަކުގައި ހުރި ކޮވިޑްގެ ވޭދަނަތަކަށް ބަލާއިރު، ހިތަދޫން މިހާތަނަށް 71 މީހަކު، މަރަދޫން އަށެއް، މަރަދޫފޭދޫން ދޭއް، ފޭދޫން ތިނެއް، ހުޅުދޫން 26، މީދޫން އެކަކު އަދި އައްޑޫ ސައުތްޕާމް ރިސޯޓުން އެކަކު ވަނީ ފައްސިވެފައެވެ.

އޭއީއެޗުން ބުނީ، މިދިޔަ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުން ފެށިގެން މިހާނަތަނަށް 5،097 ސުންކު ނަގާފައިވާ ކަމަށާއި މިހާތަނަށް ފައްސިވޭދަނަތަކާއި ގުޅިގެން 469 މީހަކު ގާތުން އެއްތާވި ކަމަށް އެނގިފައިވާ ކަމަށެވެ.