ހދ. ކުޅުދުއްފުށި ސިޓީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިތުރު މީހަކު މީހަކު ހައްޔަރުކޮށްފިއެވެ.

މިއީ މި މައްސަލާގައި މިއަދު ހައްޔަރު ކުރި ދެވަނަ މީހާއެވެ.

މީގެ ކުރިން މިއަދު ވަނީ އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ،އެ މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން 20 އަހަރުގެ ދިވެހި ފިރިހެނަކު މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި މީގެ ކުރިން ދެ މީހަކު ހައްޔަރުކޮށްފައި ވެއެވެ. އެއިރު ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ދިވެހި ފިރިހެކަނާއި 25 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އޭގެ އިތުރުން، ރަހީނުކުރި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މެއި މަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 ހާއިރެވެ.

ރަހީނު ކުރުމުގެ ސަބަބުން އަނިޔާވި ޒުވާނާގެ ބޮލަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ފަހުން އެމީހާ ވަނީ އިތުރު ފަރުވާއަށް މާލެ ގެނެސްފައެވެ.