ރާއްޖެ އަށް ކުރިމަތިވި ސުނާމީ ކާރިސާ އަށް ވުރެ މިހާރުގެ ހާލަތު މާ ބޮޑަށް ނުރައްކާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް ކޮވިޑްގެ ތިން ވަނަ "ރާޅެއް" އަރައި، ގިނަ ބައެއްގެ ފުރާނަ ވަނީ ވަކިވެގެން ގޮސްފައެވެ. ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި ކޮވިޑް-19 ޖެހިގެން 100 އަށް ވުރެ ގިނަ މީހުން ވަނީ ނިޔާވެފައެވެ. މިދިޔަ މަހު އެކަނި ވެސް މި ބަލީގައި 88 މީހުން ދުނިޔެއާ ވަކިވެފައިވެއެވެ. ރާއްޖެ އިން މިހާތަނަށް މި ބަލީގައި ނިޔާވެފައި ވަނީ 182 މީހުންނެވެ. މި ބަލީގައި ނިޔާވި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ދިވެހިންނެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ކޮވިޑްގެ އެކި ވައްތަރުތައް ފެތުރެމުން އަންނަ އިރު، ރާއްޖެ އަށް އޮތް ނުރައްކަލަކީ މި ބަލި ޖެހޭ މީހުންގެ އަދަދު އިތުރުވުމެވެ. ގިނަ ބަޔަކު ކޮވިޑަށް ފައްސިވަމުން ދިއުމަކީ ރާއްޖޭގެ ސިއްހީ ނިޒާމަށް ވެސް ބުރޫ އަރާނެ ފަދަ ހާލަތެކެވެ.

ކޮވިޑްގެ ހާލަތު މިހާ ގޯސްވެފައި ވަނިކޮށް ރިޔާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުނާމީ ކާރިސާ އަށް ވުރެ މިހާރުގެ ހާލަތު މާ ބޮޑަށް ވެސް ނުރައްކާވެފައިވާ ކަމަށެވެ.

ކޮވިޑްގެ ނުރައްކަލުގައި ދުވާލަކު އެތައް ރައްޔިތަކު މި ދުނިޔެ ދޫކޮށްދާ އިރު، މި ބަލިމަޑުކަމުން އަރައިގަތުމަށް ދައުލަތުގެ ތިން ބާރުގައި އޮތް ހަދަ އާއި ނަފްރަތު ދޫކޮށްލައި ގައުމީ އެއްބައިވަންތަ ރޫހެއްގައި ނުކުންނަން އަދިވެސް ނުވޭތޯ އޭނާ ސުވާލު ކުރެއްވިއެވެ.

ރިޔާޒް "ވަގުތަށް" މިރޭ ވިދާޅުވީ ކޮވިޑް ބަލީގައި އެތައް ބައެއްގެ ފުރާނަ ވަކިވެގެންދާ އިރު، ސަރުކާރަށް މާ ބޮޑު ކަމަކަށް އެކަން ނުވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިހުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ނުކުރާ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ރައީސް މައުމޫންގެ ވެރިކަމުގައި ފެނުނު، ސުނާމީ ކާރިސާގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރި ތަން. އެއީ އޭރުގައި ހިޔާލު ތަފާތުވާ މީހުން ބައިވެރިކޮށްގެން ގައުމު އަރާސްތު ކުރެއްވީ އެމަނިކުފާނު. އެއީ އެންމެންނާ ގުޅިގެން ކުރި މަސައްކަތެއް،"ރިޔާޒް ވިދާޅުވިއެވެ.

"އެކަމަކު މިހާރަކު އެ އެއްބައިވަންތަކަމެއް ނުފެނޭ. މިއީ އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އަޅުގަނޑު ދެކެނީ. ދުވާލެއްގެ މައްޗަށް 10 ނޫނީ 12 މީހުން މަރުވެގެންދާ އިރު، ސަރުކާރު ސީރިއަސްވެގެން އުޅޭ ތަނެއް ނުފެނޭ،" ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އެއް އުފައްދައިގެން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އެ ތަނުން ވެސް އެންމެ ރަނގަޅަށް މަސައްކަތް ކުރެވޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ގައުމުގައި އޮތް ބަލިމަޑުކަމުން ސަލާމަތް ކުރެވޭނީ މައުމޫން އޭރުގައި ދެއްކެވި ފަދަ ލީޑަޝިޕެއް ދައްކައިގެން ކަމަށް ވެސް ރިޔާޒް ވިދާޅުވިއެވެ.

ރާއްޖެ އިން މިހާތަނަށް 67،538 މީހުން ކޮވިޑަށް ފައްސިވި އިރު، އެ ބަލި ޖެހިގެން މިހާތަނަށް އައިއިރު ރަނގަޅުވެފައި ވަނީ 47،333 މީހުންނެވެ. މި ބައްޔަށް މިވަގުތު ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު 20،014 އަށް އަރައެވެ. އަދި 191 މީހަކު އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖާބެ

    މިއީ ނޫހައް އަރުވާކަހަލަ މޮޔައެއްނޫން

    7
    1
  2. އަޅެފަހެ

    ޅޭ އިނބަތެދައްކަނޫ ކޮންކަހަލަ ވާހަކައެއްތަ ރިޔާޒު އިނބައަށް އެކަނި މިއީމާބޮޑު ކަމެކޭ ހީވެ ގެން ތިޔާ އުޅެނޫ މ

  3. އަޅެފަހެ

    އިނބައަށް އެކަނި މިކަންތައް އެހާބޮޑުކަމަކަށް ވެ ގެންތިއުޅެނޫ މިއީ އާދައި ގެރޯ ގާއެކޭ އެމީހެއް ގެ އުމުރު ހުސްވުމުން ކޮންމެމީހަކުވެސް މަރުވާނެ މިއީ މިހާރު ރައްޔިތުން ގެ ފައިސާއިން މުސާރަ ހިއްޕަވައި ގެން ތިއްބެވި ސަރުކާރު ގެ ވެރިން ގެ ވިސްނުން ހުރި ގޮތް ރިޔާޒޫ!!!!!!!!!!!!!!!!! ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  4. އަޅޯބަޅޯމަ

    ޅޭ އިނބަތެދައްކަނޫ ކޮންކަހަލަ ވާހަކައެއްތަ ރިޔާޒު އިނބައަށް އެކަނި މިއީމާބޮޑު ކަމެކޭ ހީވެ ގެން ތިޔާ އުޅެނޫ މަމެން ހިތަކަށް ނާރާ ކަހިރުވަކެކޭވެސް މިއޯ އިނބަމެން ގެނައި ސަރުކާރުން އެންމެ ފުރިހަމަ ގޮތު ގަ ތައްޔާރުވެފަ އޮތީމަ ވަން ގޮތޭ ދެން އިނބަތެދައްކަނޫ މައުމޫނު ގެ ވާހަކަ އެއީ އެދުވަސްވަރު ތަރައް ގީނުވެ އޮތީމަ "ޕާޓީ ސިސްޓަމް ނެތީމަ ވީ ގޮތަކީ ހަމަ އެއަށްވުރެ ކުރިއަށް ޖެހިލާފަ ކޮލެރާ ގެ ދުވަސްވަރު ރައީސް ނާސިރު އަމަލީ ގޮތުން އަމިއްލަފުޅަށްވެސް ނުކުމެ މަސައްކަތް ކުރެއްވިނޫންތޯ އެއީ މިހާރު ގެ "ތަރައް ގީނުވާތީ ވަން ގޮތޭ އިނބަ ސިޔާސީ ދާއިރާ ގަ އުޅެ މުސްކުޅި ވަންއިރޭވެސް އިނބަކަށް ނޭނ ގުނު ޅޭ!!!!!!!!!!!!!!!!؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  5. ޚިޔާލު 3

    ތި ވާހަކަ ރަ ގަޅު މުޅި ގައުމު އެއްބައިވަންތަވެ އެކު ގައި މި ބަލިމަޑުކަމާ ކުރިމަތިލާން ވެއްޖެ. އަމިއްލަ އުފެއްދުންތެރިކަމާއި ދަނޑުވެރިކަމާ މަސްވެރިކަން އިތުރަށް ފުޅާ ކުރަންވެއްޖެ. މި ހާލަތުން މިންޖުވުމު ގެ ކޮޅެއް މެދެއް އަދި ނުފެނޭ.

  6. ޅަވިޔަނި

    ޥެރިކަމަށް ތިބޭފުޅުން ގެނައި ސުނާމީގެ ސުންޕާކން މި ޤައުމަށް މި ދިމާވަނީ

    6
    1
  7. ކާފަބޭ2020

    ތިޔަމީހުންގެއެހީތެރިކަމާއެކު މިބަލާވެރިކަންމިއައީ ވީމާ ތިޔަމީހުން ޒިންމާއިންރެކެންއުޅޭނެކަމެއްނެތް! މިނިކަމެތިހާލަތުގަ ރައިއްޔަތުންއުޅޭތާދެއަހަރުވާންކައިރިވަނީ ތިމީހުންގެޖީބުތައްފުރޭތީ ހިނގަމުންދާ ވައްކަމާކޮރަޕްޝަން ނުފެންނަކަމަށްހަދައިގެންތިޔަތިބީ! ރައިއްޔަތުންބޮލުގަދަރަނި އަޅުވާނެމީހަކަށްނުވާނެކަމަށްބުނެ ވޭތުވެދިޔަ30އަހަރުވެސް ނުނަގާވަރަށް ދެއަހަރުބައިތެރޭނަގާ ފެންފޮދަކާނުލާދިރުވާލިއިރު ރުފިޔާފައިސާލިބޭތީ އަޅާނުލާތިބިކަންރައިއްޔަތުން.ނަށް ވަރަށްސާފް! ޤައުމަށް ޣައްދާރުނުވާށެވެ. އެއީ ސޮރީއަކުން ނިންމާލެވޭނެކަމެއްނޫނެވެ. ބޯކޮށްސަލާމް!!!!
    .

  8. ކަލޯބެ

    ނުގުޅޭ ދެ ހާލަތެއް

  9. Anonymous

    ޢޭރު ވެރިކަން ކުރަމުން ދިޔަ ސަރުކާރަށް ވުރެ ވެސް މި ސަރުކާރު މާ ނުރައްކާ 🙄