ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާއިން މިއަދު ރެކޯޑު އަދަދެއް ކަމަށްވާ 14 މީހުން ފައްސިވެ މުޅި ރަށުގައި ކޮވިޑުގެ ހާލަތު ގޯސްވެއްޖެ އެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން މިރޭ ނެރުނު ތަފާސްްހިސާބުތައް ދައްކާގޮތުން މިއީ އެ ރަށުގައި ރެކޯޑު އަދަދެކެވެ. އަދި މުޅި އަތޮޅުންވެސް ދެވަނައަަށް އެންމެ ގިނަ މީހުން ފައްސިވި ރަށަކަށް ފަރެސްމާތޮޑާ ވަނީ ވެފައެވެ.

މިއަދު ފައްސިވި 14 އާއެކު އެ ރަށުން ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 23 އަށް އަރާފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު ވަނީ 20 އަށް އަރާފައެވެ. އަދި މިއަދު ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ 3 އަށް އަރާފައެވެ.

"ވަގުތު" އަށް މައުލޫމާތުލިބިފައިވާ ގޮތުގައި ފަރެސްމާތޮޑާގެ ހާލަތު ގޯސްވީ މާލެއިން ދަތުރުކުރާ ބޯޓެއްގެ މީހަކު ކޮވިޑަށްް ފައްސިވުމާާއި ގުޅިގެންނެވެ. އެއަށްފަހު އެ ބޯޓުގެ އިތުރު މީހުންތަކެއް ވެސް ފައްސިވިއެވެ. އަދި ރަށުގެ ގިނަަ އަދަދެއްގެ މީހުން ވަނީ ކަރަންޓީނުގައެވެ.

މިވަގުތު މޮނީޓަރިންގައި އޮތް ފަރެސްމާާތޮޑާ ހެލްތް ސެންޓަރުން މައުލޫމާތުދޭ ގޮތުގައި މިވަގުތު ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރިޔަށްދަނީ އޮންލައިންކޮށެވެ. އަދި ގޭގެއަށް ބޭސް ފޯރުކޮށްދިނުމުގެ ހިދުމަތް އެރަށު ސިއްހީ މަރުކަޒުން ދަނީ ކުރަމުންނެވެ. ރަށުގެ ކޮވިޑު ޓާާސްކްފޯހާއި ހެލްތް ސެންޓަރ އަދި ކައުންސިލުން ވަނީ ރަށު ރައްޔިތުން ކޮންޓެކްޓް ޓްރޭސިން އަށް އެއްބާރުލުން ދިނުމަށް އެދިފައެވެ.

ރަށުގެ ސިއްހީ މަރުކަޒުން ވަނީ ޑައިރެކްޓް ކޮންޓެކްޓުން ގިނަކަން ފާހަގަކޮށްފައެވެ. އަދި ރަށުގެ އާރްއާރްޓީ ޓީމުން އެ ހުރިހާ އެންމެންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ.