ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމުގެ ދައުވާ ކުރަން މަޖިލީހުގެ އިދާރާއިން ފޮނުވިއިރު، އެ މައްސަލަ ބެލުމުގެ މެންޑޭޓް އޮންނަ އިމްތިޔާޒު ކޮމިޓީއަށް އެ މައްސަލަ ނުފޮނުވާ ކަން އެނގިއްޖެއެވެ.

ޑިފެންސްގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މި ދައުވާ ކުރަން ފޮނުވީ ސިފައިންގެ 40 މީހަކު ވަކިވަކިން ހާޒިރު ކުރަން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެދުމުން އެ ކަމަށް ދެކޮޅު ހަދައި މަޖިލީހަށް ފޮނުވި ލިޔުމުގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

241 ކޮމިޓީއަށް ވަކި ވަކި ސިފައިން ހާޒިރު ކުރަން އެދިފައި މިވަނީ އެ ކޮމިޓީން ހިންގާ އިންކުއަރީއަކަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެއީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއެކެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީގެ ބައެއް މެންބަރުން "ވަގުތު" އަށް މައުލޫމާތު ދެއްވި ގޮތުގައި މި ކަމާ ގުޅޭ ގޮތުން 241 ކޮމިޓީގައި މަޝްވަރާ ކުރެވުމުން އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ފޮނުވާނެ ކަމަށް ބެލެވުނެވެ. އެކަމަކު އެ ކޮމިޓީއަށް އެ މައްސަލަ ނުފޮނުވާ ކަމަށް މައުލޫމާތު ދެއްވިއެވެ.

"އިމްތިޔާޒު ކޮމިޓީގެ މެންޑޭޓެއް އެއީ، އެކަމަކު އިމްތިޔާޒު ކޮމިޓީއަށް މައްސަލަ ނުފޮނުވައި އެ އޮތީ ދައުވާ ކުރަން ފޮނުވާފައި،" ކޮމެޓީގެ މެންބަރަކު ވިދާޅުވިއެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް މި މައްސަލަ ނުފޮނުވި ނަމަވެސް މަޖިލީހުގެ ގަވާއިދު 110 ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުން، މަޖިލީހުގެ ބާރުތަކާއި އިމްތިޔާޒުތަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ހިނގާފައިވޭތޯ ބެލުމަކީ އިމްތިޔާޒު ކޮމިޓީގެ މެންޑޭޓްގައި ހިމެނޭ ކަމެކެވެ.

މީގެ އިތުރުން މަޖިލީހުގައި އާންމުކޮށް އަމަލު ކުރާ އުސޫލަކީ ކޮމިޓީއަކުން ނިންމާ ނިންމުންތަކެއްގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި ރިޕޯޓް ފާސްކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާނެއެވެ. އަދި ރިޕޯޓަށް ކޮންމެ މެންބަރަކަށް ވެސް އިސްލާހު ހުށަހެޅުއްވޭއިރު އެއިން ކޮންމެ ހުށަހެޅުއްވުމަކަށް ވެސް ވޯޓަށް އަހާނެއެވެ.

މި ގޮތަށް ތަޅުމަށް ވެސް ނުފޮނުވައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން މަޖިލީހުގެ ބައެއް މެންބަރުން ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް މި ފެށީ، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.