ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ޚައިތަމްގެ އަނބިކަނބަލުން ޝަޖާން މުއާޒް ޝަހީމާއި ދެމަފިރިންގެ އެއްމާބަނޑު ދެ ކުދިންގެ ހާލަތު ރަނގަޅު ކަމަށް ޚައިތަމް ވިދާޅުވެއްޖެއެވެ. ޚައިތަމްގެ އަނބިކަނބަލުން އިންނެވީ އެއްމާބަނޑު ދެކުދިންނަށް ބަލިވެއެވެ.

ޚައިތަމާއި އޭނާގެ މާބަނޑު އަނބިކަނބަލުންނާ އިއްޔެ މަގުމަތިން ބަޔަކު ދިމާކޮށް އަޑުގަދަކޮށް ގޭތެރެއަށް ވެސް ވަންނަން އުޅެފައިވެއެވެ. މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު އަނބިކަނބަލުންނަށް ހޮސްޕިޓަލުގައި ފަރުވާ ވެސް ދޭން ޖެހުނެވެ.

ޚައިތަމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއާއި އަނބިކަނބަލުންނާއި ބަޔަކު ދިމާކޮށްލި މައުލޫމާތު ލިބިގެން ދެމަފިރިންގެ ހާލަތު ބެލި އެންމެންނަށް ވެސް ޝުކުރު އަދާ ކުރައްވާ ކަމަށެވެ. މީގެ ސަބަބުން އަނބިކަނބަލުންނާއި ދެ ދަރިންގެ ހާލަތު ވެސް ދަށްވި ކަމަށް ޚައިތަމް ވިދާޅުވިއެވެ.

"އަލްހަމްދުﷲ، މިހާރު ތިން މައިންގެ ހާލު ވެސް ރަނގަޅުވެ ރޭގެ ވަގުތެއްގައި ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި،" ޚައިތަމްގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

ޚައިތަމާއި ޝަޖާންއާ ކައިވެނި ކުރެއްވީ މީގެ އަށް މަސް ކުރިންނެވެ. ޝަޖާން އެއްމާބަނޑު ދެކުދިންނަށް ބަލިވި އިންނެވިތާ ހަ މަސް ދުވަސް ވެފައިވާކަމަށް "ވަގުތު" އަށް މައުލޫމާތު ލިބިފައިވެއެވެ.

މެންބަރު ޚައިތަމާއި އަނބިކަނބަލުންނާ ދިމާކޮށްލާފައި ވަނީ، ދިރިއުޅުއްވާ ގެ ކައިރިން މަގުމަތިންނެވެ. ބަޔަކު މީހުން މެންބަރާއި އަނބިކަނބަލުންނާ ދިމާކޮށް ގެއަށް ވެސް ވަންނަން މަސައްކަތް ކުރި ކަމަށްވެއެވެ. އަދި ޚައިތަމަށާއި އަނބިކަނބަލުންނަށް އިންޒާރު ދީފައިވާ ކަމަށް އެނގިފައިވެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަން ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.