ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރުކޮށްފިއެވެ.

ޝިފާ ކޮމިޓީއަށް ހާޒިރުވާ މަންޒަރު ހިމެނޭ ވީޑިއޯއެއް މަޖިލީހުގެ އިދާރާއިން ދެންމެ ވަނީ ޓްވީޓްކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ޝިފާ ހާޒިރު ކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ހިންގާ އިންކުއަރީއަށް ކަމަށެވެ.

އިންކްއަރީ ކުރިއަށް ގެންދަނީ ކޮމެޓީގެ ސިއްރު ބައްދަލުވުމެއްގައި ކަމަށް ވާތީ ކޮމެޓީގައި ދެކެވޭ ވާހަކަތަކެއް ސާފެއް ނުވެއެވެ.

ކުރީގެ މޭޔަރު ޝިފާ މިއަދު މަޖިލީހަށް ހާޒިރުކުރިއިރު، އިއްޔެ ވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް އޮފިސަރުން ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ޝިފާ މަޖިލީހަށް ހާޒިރު ކުރިއިރު، ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ހުންނަ ނީލޯފަރު ހިނގުން މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަން އެނގިފައިވެއެވެ.

ނަޝީދަށް ހަމަލާ ދިން ފަހުން މިހާރު ވަނީ އެ މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހަދައިފައެވެ. އެއީ އެ ސަރަހައްދު ކައިރީ ހުރި ބިއްލޫރިޖެހިގޭ ޕާކިން ޒޯނަކަށް ބަދަލު ކުރުމަށް ފަހުގައެވެ.

241 ކޮމިޓީން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސް ބޭފުޅުން ހިމެނޭ ހެން ސިފައިންގެ 40 ބޭފުޅަކު ހާޒިރު ކުރަން ވެސް ނިންމައިފައެވެ. އެކަމަކު ވަކިވަކި ސިފައިން މަޖިލީހަށް ފޮނުވަން އެމްއެންޑީއެފުން ވަނީ ދެކޮޅު ހަދައިފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިންތާ މިއަދަށް މަސް ދުވަސްވީއެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ދަލޭކަ ބިޑިއަޅުވައިގެން ގެންދެބަލަ

  2. އަހްމަދު

    ދެންކޮންޑޮރާމާއެއްކުޅުއްވަން ތިއުޅުއްވަނީ ޝިފާއަކީ އެތައްކްރަޕްޝަނެއްހިންގައިގެން ދަޢުވާކުރަންފޮނުވައި ޝަމީމުއައްއުންސުރުނުފެނިގެން ދަޢުވާނުކޮށް ދޫކޮށްލާފަހުރި ޢާއިލީ އަދި ޕާޓީގެ އިސްބޭފުޅެއް ދެންއިތުރުޑުރާމާކުޅެ ރައްޔިތުންވާވެއްދުމުގެ ބޭނުމަކީކޮބައިބާ

  3. ޑައެލޯގް

    ތިކަމެއް ނުބެލޭނެއެވެ. ތިކަންދާނީ ބޮނޑުނަގުލަށެވެ.

  4. ނަސީ

    މަޖިލީސް ދަށުން ފުލުސްއޮފީސް ހިންގަން ފެނޭ