ހދ. މަކުނުދޫން ކަރަންޓީނުގައި ނެތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މަކުނުދޫ ކައުންސިލުން ކުރި އިއުލާނެއްގައި ވިދާޅުވެފައި ވަނީ، މަކުނުދޫގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދެއްކި މީީހަކު ކޮވިޑް-19 އަށް ފައްސިވެފައިިވާ ކަމަށެވެ. އެހެން ކަމުން ގެއިން ނުނިކުތުމަށް ރައްޔިތުންނަށް އަންގާފައިވާކަމަށް އިއުލާންގައިވެއެވެ.

މަކުނުދޫ ކައުންސިލުން ވަނީ މިސްކިތުގައި ޖަމާއަތް ހަދައިގެން ނަމާދު ވެސް ނުކުރުމަށް އަންގައިފައެވެ.

މީގެ އިތުރުން ރޯގާގެ އެއްވެސް އަލާމާތެއް ފެންނަ ނަމަ ސިއްހީ މަރުކަޒަށް ގުޅައި، ޑޮކްޓަރަށް ދެއްކުމަށް ވާނީ އިލްތިމާސްކޮށްފައި ކަމަށާއި، ކައުންސިލުން ވަކި ގޮތެއްް އަންގަންދެން ކެފޭ، ރެސްޓޯރެންޓު އަދި ގާޑިޔާތައް ބަންދުކުރުމަށް ވަނީ އަންގާފައި ކަމަށް އެ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން މަކުނުދޫ މުޖްތަމައުގެ ތެރެއިން މި ބަލި ފެނިފައެއް ނުވެއެވެ.

މިހާރު ރާއްޖެއިިން ފައްސިވާ މީހުންގެ އަދަދު ވަނީ ދަށަށް ދާން ފަށާފައެވެ. އިއްޔެ ވަނީ 590 މީހަކު މި ބައްޔަށް ފައްސިވެފައެވެ. މީގެ ތެރެއިން 461 މީހުންނަކީ އިއްޔެ ނެގި ސުންކުން ކޮވިޑަށް ފައްސިވި މީހުންނެވެ. ފައްސިވި މީހުންގެ ތެރެއިން 389 މީހުން ފައްސިވެފައި ވަނީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 195 މީހުން އަދި ރިސޯޓްތަކުން ހަ މީހުން ވަނީ ފައްސިވެފައެވެ.