ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގައި އިންނަވާ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) ގެ ބަދަލުގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އިންނަވާ ގޮތަށް އެމްޑީޕީން ނިންމައިފިއެވެ.

241 ކޮމިޓީގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންނަށް ބަދަލެއް ގެނެސްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް އެ ކޮމިޓީން އިންކުއަރީއެއް ހިންގަމުން ދަނިކޮށެވެ.

އަނދުންގެ ބަދަލުގައި އިންތި ހިމެނޭ ގޮތަށް ކޮމިޓީއަށް ބަދަލެއް ގެނައިއިރު އިންތިއަކީ މިހާރު މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެެއިން ރައީސް ނަޝީދަށް އެންމެ ބޮޑަށް ތާއީދު ކުރައްވާ އެއް މެންބަރެވެ.

މީގެ ކުރިން ވެސް ކޮމިޓީއަށް ބަދަލެއް ގެނައެވެ.

އެއީ ރައީސް ނަޝީދު މި ވަގުތު ނެތުމުން މަޖިލީސް ހިންގެވުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވާތީ އީވާގެ ބަދަލުގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިނެވެ. ހިސާނަކީ ނަޝީދުގެ ގާނޫނީ ވަކީލު ކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން އަނެއްކާ އީވާ ވަނީ ކޮމެޓީއަށް އެނބުރި ވަޑައިގެންފައެވެ.

މިހާރު ކޮމިޓީގައި ތިއްބެވި އެމްޑީޕީގެ ގިނަ މެންބަރުންނަކީ ނަޝީދާ ވަރަށް އަރިސް އަދި އެމަނިކުފާނަށް ވަރަށް ތާއީދުކުރައްވާ މެންބަރުންނެވެ.

241 ކޮމިޓީން ހިންގާ އިންކުއަރީއަށް އެކި ބޭފުޅުން މިހާރު ހާޒިރު ކުރަން ވަނީ ފަށައިފައެވެ. އިއްޔެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އިންޓެލިޖެންސްގެ އެކި އޮފިސަރުން ހާޒިރު ކުރިއިރު މިއަދު ވަނީ މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ހާޒިރުކޮށްފައެވެ.

241 ކޮމިޓީގެ ބައްދަލުވުންތައް ގެންދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ.

މި ކޮމިޓީއަށް ސިފައިންގެ އިސް ބޭފުޅުން ހިމެނޭހެން ސިފައިންގެ 40 ބޭފުޅަކު ހާޒިރު ކުރަން އެދުމުން އެމްއެންޑީއެފުން ވަނީ ދެކޮޅު ހަދައިފައެވެ. އެކަމާ ގުޅޭ ގޮތުން މަޖިލީހަށް ފޮނުވި ލިޔުމުގައި ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ ސޮއި އޮތުމުން އޭނާއަށް ދައުވާ ކޮށްދޭން ވެސް ވަނީ އެދިފައެވެ.

ނަޝީދުގެ ސެކިއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް މި ފެށީ، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުއްޅޭއި

    ކަލޯ ކަލޯމެންގެ ސަރުކާރު ބޭނުންގޮތަކަށް ތެޅިބާލާ މުޅިގައުމު ވިއްކާލާ ރައްޔިތުންނަށް އެއްކަމެއްވެސް ކުރާކަށް ނުކެރޭނެ ތިބެންޖެހޭނީ ބަލަން އިތުރު އެއްކަމެއްވެސް ކުރާކަށް ލާހިކައެއްނޫން ރައްޔިތުން މިފަހަރު އެތިބެނީ ސައިޒްގައި ރައްޔިތުން އިދިކޮޅަށް ހަންދަމަލާ އަޑޫ ކީއްކުރަން މުޅި ގައުމު ވިއްކަލިޔަސް ހަމަ ގައިމުވެސް ޕީޕީ އެމް ފިޔަވައި ދެން އެކަކަށްވެސް ނުކުންނާކަށް ނުކެރޭނެ އެތަނުގެވެސް މަދު މީސްކޮޅެއް ނުކުންނާނީ ދައުރު ނުނިމެނީސް އަވަހަށް ގައުމު ވިއްކަލާ އަހަރެމެން ތިބެން ޖެހޭނީ ހަމަ ފެލިފެލި 30 އަހަރުވެސް ނިދަނީ ހިތުން ޒުވާން މަހުޖަނު ނިދަނީ އަންހެނުންނަށް ބަލަން ނޭގޭ އިމްރާނުވެސް ހަމަ ނިދަނީ

  2. ސސ

    ބަދަލުގައި ތިގޮތަކަށް ކޮމޮޓީގައި ހިތުހުރި މީހަކަށް ބައިވެރި ވެވޭތޯ ؟ ކަލޭމެން ބޭނުން ހާގޮތަކަށް މިއަދު މަޖިލިސް ތިޔަ ގެންދަނީ ކުރިން ތިޔަބައްކައްކާ ކުޅެން ނުލިބުނީމަ!