ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ޖެމްސް (ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް) ގެ ޚިދުމަތް ކަނޑާލަން އެންގި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން މިއަދު ހުށަހަޅައިފި އެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ ހަތަރެއް އަދި ފަސް ވަނަ ދުވަހު ސްޕްރީމް ކޯޓޫގެ ޖެމްސް ހުއްޓުވާލަން އެ ކޯޓުގެ މުވައްޒަފުންނަށް އުއްތަމަ ފަނޑިޔާރު އެންގެވި ކަން ސާބިތުވާކަމަށް ނިންމައި، ކުރިމިނަލް ކޯޓުން އިއްވި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުންވެސް އެ ހުކުމަށް ހައިކޯޓުން ތާއީދު ކޮށް ހުކުމަށް ބަދަލެއް ގެންނަން ނުޖެހޭކަމަށް ހުކުމް ކޮށްފައެވެ.

ޖެމްސް މައްސަލައިގައި ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ކުށް ސާބިތުވާކަމަށް ހުކުމް ކުރުމުގެ އިތުރުން، ދަށު ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރވި މައްސަލައިގައި ދައުލަތުން އުފުލި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާވެސް އުއްތަމަ ފަނޑިޔާރުގެ މައްޗަށް ސާބިތުވެފައިވެއެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރަށް އިއްވާފައިވަނީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އެ މައްސަލަވެސް މިހާރު ވަނީ ސްޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

މިހާރު ޤާނޫނުތައް ހުރިގޮތުން މި މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި މައްސަލައިގައި ވަކިގޮތެއް ނިންމަންޖެހެއެވެ. ދަށު ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފިނަމަ އުއްތަމަ ފަނޑިޔާރުގެ މަޤާމު އޮޓަމެޓިކުން ގެއްލޭނެ އެވެ.