ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ހިންގަމުންދާ އިންކުއަރީއަށް ނޭޝަނަލް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ހާޒިރުކޮށްފިއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝީފާ މުހައްމަދަށް ފަހު ކޮމިޓީން ބައްދަލު ކޮށްފައި ވަނީ ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއެވެ. އަސްލަމާ ބައްދަލުކޮށް ސުވާލު ކުރުމުގެ ސެޝަން މިހާރު ވަނީ ނިމިފައެވެ.

އަސްލަމާއި ޝިފާ މަޖިލީހަށް ހާޒިރު ކުރިއިރު، ރައީސް ނަޝީދަށް ހަމަލާ ދިނުމުގެ ކުރިން އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގޭ ހުންނަ ނީލޯފަރު ހިނގުން މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ޕްލޭނިން މިނިސްޓްރީގައި އެދިފައިވާ ކަން އެނގިފައިވެއެވެ.

ފަހުން މަޖިލީހުގެ އިދާރާއިން ކުރި ޓްވީޓެއްގައި ވަނީ އަސްލަމް ހާޒިރުވާ މަންޒަރު ހިމެނޭ ވީޑިއޯއެއް ވެސް ޚިއްސާ ކޮށްފައެވެ.

މި ބައްދަލުވުންތައް ކުރިއަށް ދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. މިއީ ނަޝީދުގެ ސެކިއުރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް ކޮމިޓީން ފަށާފައިވާ އިންކުއަރީއެކެވެ.

ނަޝީދަށް ހަމަލާ ދިން ފަހުން މިހާރު ވަނީ އެ މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހަދައިފައެވެ. އެއީ އެ ސަރަހައްދު ކައިރީ ހުރި ބިއްލޫރިޖެހިގޭ ޕާކިން ޒޯނަކަށް ބަދަލު ކުރުމަށް ފަހުގައެވެ.

241 ކޮމިޓީން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސް ބޭފުޅުން ހިމެނޭ ހެން ސިފައިންގެ 40 ބޭފުޅަކު ހާޒިރު ކުރަން ވެސް ނިންމައިފައެވެ. އެކަމަކު ވަކިވަކި ސިފައިން މަޖިލީހަށް ފޮނުވަން އެމްއެންޑީއެފުން ވަނީ ދެކޮޅު ހަދައިފައެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން ހަމަލާއެއް ދިންތާ މިއަދަށް މަސް ދުވަސްވީއެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެ ގައުމުގައެވެ.