ށ. ފީވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެއެވެ.

އެމްޓީސީސީން މިއަދު ވިދާޅުވީ އެ މަޝްރޫއުގެ މަސައްކަތުގެ 92 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން ފުންކޮށްފައިވާ ހާބަރ ބޭސިން އަލުން ފުން ކުރުމުގެ މަސައްކަތުގެ 78 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެމްޓީސީސީން ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރުމާއި 464 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 356 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 182 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި އަދި 2،320 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރުބައްތި ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުގެ އަގަކީ 67.6 މިލިއަން ރުފިޔާއެވެ.