ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ 8:30 ވާން އުޅެނިކޮށް، ނަޝީދުގެ ގެކޮޅު ގ. ކެނެރީގެ އިން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވަނިކޮށް، އައިއީޑީއެއް ގޮއްވައިލި މައްސަލައާ ގުޅިގެން އިސްކަންދަރު ކޮށީގައި އޮންލައިންކޮށް ބޭއްވި ޕްރެސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ މިހާތަނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން މުހިންމު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

ޝިފާއު ވިދާޅުވީ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން 150 އަށް ވުރެ ގިނަ ފަރާތްތަކުން ތަހުގީގަށް މައުލޫމާތު ހޯދާފައިވާ ކަމަށާއި 25 އަށް ވުރެ ގިނަ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށެވެ. އަދި ނަޝީދަށް ދިން ހަމަލައާ ހަރުކަށި ފިކުރާ ދެކޮޅަށް ހިންގަމުން އަންނަ އޮޕަރޭޝަންގެ ދަށުން 14 މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. ޝިފާއު ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރު ކުރި 14 މީހުންނާއި ނިރުބަވެރި ހަމަލައާ ގުޅުމެއްވޭތޯ ވެސް ބަލަމުން އަންނަ ކަމަށެވެ.

އަދި ނަޝީދަށް ދިން މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް މައްސަލަ ސާބިތު ކުރަން ފޮރެންސިކް މުހިންމު ހެކިތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ޝިފާއު ވިދާޅުވީ ހޯދުނު ހެކިތައް މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ކަމަށެވެ.

"މި މައްސަލައިގެ ތަހުގީގަށް އެއްކުރެވިފައިވާ ފޮރެންސިކް ހެކިތަކުން ވެސް މުހިންމު ހެކިތަކެއް ލިބިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. މިއީ މި މައްސަލައިގެ އިންސާފަށް ވާސިލްވުމަށް މުހިންމު ދައުރެއް އަދާ ކުރާނެ ހެކިތަކެއް،" ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ ބޭރުގެ އެކި ތަޖުރިބާކާރުންނާއި ފުލުހުން ގުޅިގެން ހިންގާ ތަހުގީގުގައި ސީސީޓީވީ ފުޓޭޖްތަކާއި އާންމުންގެ ފަރާތުން ގާތްގަނޑަކަށް 200 ވަރަކަށް ގަޑިއިރުގެ ވީޑިއޯ ލިބިފައިހުރިއިރު އެއިން ވެސް މުހިންމު މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެކަންކަމުގެ ތަފްސީލަކަށް ފުލުހުން މިއަދު ނުދެއެވެ.

"ސީސީޓީވީ ފުޓޭޖް އެނަލެސިސްތަކުން މައްސަލައިގެ ތަހުގީގަށް ވަރަށް މުހިންމު ކުރިއެރުންތަކެއް ލިބިފައިވާކަން ފާހަގަކޮށްލަން،" ޝިފާއު ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުން މިހާތަނަށް މައުލޫމާތު ހާމަކޮށްފައިވާ މީހުންނަކީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުއެވެ. މި މީހުންގެ ތެރެއިން އަދުހަމްއަކީ އަތަމާ ޕެލެސް ކައިރީ ހުރެފައި ބޮން ގޮއްވާލި ކަމަށް ތުހުމަތު ކުރެވޭ މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އިބުނުސީނާ

  ކޮވިޱުގެ މުސީބާތުގައި އެތައް ރައްޔިތުން ތަކެއް މިދިނިޔެއާއި ވަކިވެގެން ދާއިރު އެކަމާނޫޅެ ކަހަރުވަކެކޭވެސް ހިތަށް ނާރުވާ މި ތެޅި ބާލަނީ ކިހިނެއްވެގެންތަ؟ މި ގައުމަށް ދުއްޕާން ޖައްސާ މުނާފިގަކާ ހެދި ކިހިނެއް ވެގެންތަ މި ތެޅި ބާލަނީ.؟ގެރި ކޮށީގެ ބޮޱުވަޒީރަކަށް ވެސް ކަމުނުދާނެ.

  26
  1
 2. ކަނަމަނަ

  މިހާރު ހުސްނަޝީދު މީގެކުރިން މެރިމީހުންގެ މައްސަލަތައްކޮބާ

  25
  1
 3. ރަދީފް

  4K.އެލިބުނު ކުރިއެރުމަކީ މައްސަލައިގެ ފައިލް ޕޮލިސް ބިލްޑިންގެ އެއް ފްލޯއިން އަނެއް ފްލޯއަށް ގެންދެވުނު ވާހަކަ.އެވެސް ކުރިއެރުމެއްތާ؟ ވ.ވެދުން

  17
  1
 4. ކޮވިޑް

  ކޮބާ މީގަ އާވާހަކަ އަކީ؟ ބަލަ ރިލްވާން މައްސަލާގައި ތިޔައްވުރެ ގިނަ ވީޑިއޯ ފްޓޭޖް ބެލިން ދެއްތޯ؟ ފްޓޭޖް ތައް ދެއްކިވެސްމެ، ކޮބާ ދެވުނު ފުންމިން؟ ފުނަށް ދާވަރަކަށް ނޭވާހާސްވާނީ ދެން ޖެހޭނީ މައްޗައް އަރަން ދެއްތޯ؟

  24
 5. ވިސްނާ

  ޢަފް ރާޝީމް މައްސަލައި ގައި ވެސް އަދި ވެސް ކު ރި އެ ރުން ހަމަ ލިބި..

  23
 6. އ . ޖ . އ

  ނުލިބޭ
  މޮޅު ވާހަކަ ނުދައްކާ ކަލޭމެންވެސް ގޭގަ ތިބޭ ގައުމަށް ކަމެއް ކޮއްދެންޏާ.

 7. ޚިޔާލު 3

  ފުލުހުންގެ އިތުބާރު ދެމެހެއްޓުމަށް ވަރަށް ބޮޑަށް ސަމާލުވާންޖެހޭ މާޒީގައި ކަން ކަން ހިގާފައިވާގޮތުން ފުލުހުންގެ އިތުބާރުމިވަނީ ވަރަށް ބޮޑަށް ގެއްލިފައި ސަލާމަތީ ބާރުތަ ކަ ކީ އިތުބާރާއި އިޚްތިރާމު ލިބިގެންވާ ބަޔަ ކަށް ވުމަށް ކޮންމެ ސިފައިންގެ މީހަ ކާ ކޮންމެ ފުލުހެއްގެ އަޒުމު ވަރުގަދަ ކުރައްވާ ގައުމަށް ހިދުމަތް ކުރުމަށްފުރުސަތު ލިބުމުން ގައްދާރަ ކަށް ވުމަށް ވުރެ ބަތަލަ ކަށް ވުމަ ކީ ދެމިގެންދާ ފަޚްރުވެރި ޝަރަފެއް ނޫންތޯ.

 8. ސެންޗޯ

  ކުރިން ވެސް ފުލުހުން އަފުރާސީމްގެ މައްސަލާގައި ވެސް ކަނޑުގެއަޑީގެ ހުރިހާަ ގާތައްފުރޮޅައި ގެން މައްސަލަ ބަލާނެ ކަމައްބުނެފައިވޭ މިހާތަނަށްވެސް ވީކަމެއް ހަރާން ދެންވެސް ވާނީ ހަމަ އެހެން ލަނޑަޔާ ވާނީ ހަމަ ލަނޑަޔާ