ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމާލައަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގި އޮޕަރޭޝަންތަކުން ފަހުން ހައްޔަރު ކުރި 10 މީހުންގެ ތެރެއިން އެކަކު މި ހަމަލާއާ ގުޅުމެއް އޮތް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދުގެ ހަމަލާއާ ގުޅުން ހުރި ހަތަރު މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. އަދި އެއަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ އޮޕަރޭޝަންތައް ވަރުގަދަކޮށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި 10 މީހަކު ހައްޔަރު ކުރިއެވެ.

ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ނިންމަވާލައްވަމުން ސުޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ ފަހުން އެ ހައްޔަރު ކުރެވުނު 10 މީހުންގެ ތެރެއިން އެކަކު ރައީސް ނަޝީދުގެ ހަމަލާއާ ގުޅުމެއްވާ ކަން ފުލުހުންނަށް ހޯދިފައިވާ ކަމަށެވެ.

އެ މީހަކު އަދިވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ބަޝީރު ވިދާޅުވިއެވެ. އެހެންކަމުން މިއީ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވި ފުލުހުންގެ ހައްޔަރަށް ގެންދެވުނު ފަސްވަނަ މީހާއެވެ.

އެހެން ނަމަވެސް މިއީ ކޮން ތާކުން ހައްޔަރު ކުރި މީހެއް ކަމެއް ނޭނގެއެެވެ.

ފުލުހުން ފަހުން ހިންގި އޮޕަރޭޝަންތަކުގައި މާލެއާއި ހުޅުމާލޭގެ އިތުރުން އައްޑޫ ސިޓީން ވެސް ބަޔަކު ހައްޔަރުކުރިއެވެ. މީގެ ތެރެއިން އައްޑޫން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ދޫކޮށްލައިފައެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް ދިން ބޮމުގެ ހަަމަލާ ދެވުނުތާ މަސް ދުވަސްވެގެން ދިޔައިރު ފުލުހުންނަށް އެކަށީގެންވާ ކުރިއެރުންތަކެއް ތަހުގީގެއް ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން އޮޕަރޭޝަންތަކެއް ކޮށްގެން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވިއެވެ. އަދި ފަހުން ޖަރުމަނަށް ވަޑައިގެން އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން ވެސް ނަޝީދު ފަރުވާ ހޯއްދެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜިޒާ

    ޖޯކް
    ޗަރްކޭސީ ދުނިޔޭގެ ޝޫޓިންނެއް