އައްޑޫސިޓި ހިތަދޫ "ވިދުވަރު-1" ދޯނިން ގދ. ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން 1800 ކިލޯގެ ކަނޑުމަސް ހަދިޔާ ކޮށްފިއެވެ.

ފަރެސްމާތޮޑާ ކައުންސިލްގެ ނައިބު ރައީސް ނަސްރުﷲ މުހައްމަދު "ވަގުތު" އަށް ވިދާޅުވީ، ވިދުވަރު-1 ދޯނިން އެރަށަށް މަސް ހަދިޔާ ކޮށްފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރަށުގެ ހާލަތު ވަރަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އެގޮތުން މިވަގުތު ވެސް 70 ވަރަކަށް ގެ މޮނިޓަރިންގް އަށް ލާފައިވާ ކަމަށާއި މަސްވެރި ރަށެއް ނަމަވެސް ގެތައް ކަރަންޓީނު ކޮށްފައި އޮތުމާއި ގުޅިގެން ގިނަ ގެތަކުން މިވަގުތު މަސް ހުސްވެފައިވާ ކަން ނަސްރުﷲ ވަނީ ފާހަގަ ކޮށްފައެވެ.

ނަސްރުﷲ ވިދާޅުވީ، ވިދުވަރު-1 ދޯނިން ރަށަށް 1800 ކިލޯގެ މަސް ހަދިޔާ ކޮށްފައިވަނީ ރައްޔިތުންގެ ހާލަތު އެނގި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށާއި އެކަން ރަށުގެ ރައްޔިތުން އުފަލާއި އެކީ ބަލައިގަތް ކަމަށެވެ.

"މި ހާލަތުގައި އެފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވީތީ ރަށުގެ ރައްޔިތުންގެ ފަރާތުންނާއި ކައުންސިލްގެ ފަރާތުން ވިދުވަރު-1 ދޯނީގެ ކެޔޮޅު ނަސްރު އަށާއި ދޯނީގެ ހުރިހާ ފަޅުވެރިންނަށް އިހްލާސްތެރި ޝުކުރު ދަންނަވަން" ނަސްރުﷲ ވިދާޅުވިއެވެ.

އައްޑޫސިޓީ ހިތަދޫއަށް ނިސްބަތްވާ ވިދުވަރު-1 ދޯނިން މިއަދު ފަރެސްމާތޮޑާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެއްވާފައިވާއިރު، މިދިޔަ ރޯދަމަހާއި ދިމާކޮށް އެ ދޯނިން ވަނީ ހިތަދޫގެ ރައްޔިތުންނަށް ވެސް ކަނޑުމަސް ބަހާފައެވެ.