ފަލަސްތީނުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރި 50،000 ރުފިޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) އާއި ހަވާލު ކޮށްފިއެވެ.

އައިއޭސީ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް "ވަގުތު" އަށް ވިދާޅުވީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ވެމްކޯއިން 50،000 ރުފިޔާގެ އެހީއެއް އެފަރާތްތަކާއި ހަވާލު ކޮށްފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ޝާޒް ވިދާޅުވީ، ފަލަސްތީނަށް އެހީވުމުގެ ފުރުސަތު މިދިޔަ ރޯދަމަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް، ރޭގެ 12 އާއި ހަމައަށް އެ ކެމްޕޭނު ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވެމްކޯއާއި ކަސްޓަމްސް ކަހަލަ މުއައްސަސާތަކުން އެހީ ދެއްވާނެ ކަމަށް އަންގާފައިވާ ކަމަށް ޝާޒް ވަނީ ވިދާޅުފައެވެ.

ފަލަސްތީނަށް އެހީވުމަށް ދެވޭ ފައިސާތައް ހަރަދު ކުރަނީ ޢައްޒާގެ ތެރޭގައި މަސައްކަތް ކުރާ ހަތަރު އެންޖީއޯއަކާއި ގުޅިގެންނެވެ. ޝާޒް ވިދާޅުވީ، އެންޖީއޯތަކުން ޢައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ އެންގުމުން އެބޭފުޅުން އެތަކެތި ފޯރުކޮށްދެއްވާ ކަމަށެވެ.

ޝާޒް ވިދާޅުވީ، މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މިވަގުތު އެންމެ ބޮޑަށް އެގައުމުގެ ރައްޔިތުން ބޭނުން ވެފައިވަނީ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަން އާރަސްތު ކުރުން ކަމަށްވާތީ އެކަމުގައި ބޭނުންވާ ތަކެތި ފޯރުކޮށްދޭ ކަމަށެވެ.

"ކާ އެއްޗެއްސަ ވުރެ މިވަގުތު ތަންތަން އާރާސްތު ކުރުމަށް މަސައްކަތް ކުރަނީ. ކާތަކެތި ވެސް ބޭނުން ވެއްޖެ ހާލަތެއްގައި ފޯރުކޮށްދެވޭ" ޝާޒް ވިދާޅވުިއެވެ.