ގދ. ތިނަދޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

ތިނަދޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައިވަނީ ކޮވިޑް-19ގެ ވޭދަނަތައް އެރަށުގައި އިތުރުވަމުން އަންނަ ދަނޑިވަޅުގައި ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްގެ ގޮތުންނެވެ.

އެގޮތުން ތިނަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިރޭގެ އިޝާ ނަމާދުން ފެށިގެން 13 ޖޫން ގެ އިޝާ ނަމާދުގެ ނިޔަލަށް މިސްކިތްތަކުގައި ވަގުތީގޮތުން ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި މިސްކިތްތަކުގައި ހަމައެކަނި ބަންގި ގޮވުމަށެވެ.

"ބަންގީގެ ފަހުގައި (صلوا في بيوتكم) މިފަދައިން ދެ ފަހަރު ގޮވުމަށާއި، އަދި މި ދަނޑިވަޅުގައި މިސްކިތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާ ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުއާކޮށް، އިސްތިއްފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރަމެވެ" އިއުލާނުގައި ބުނެފައިވެއެވެ.

މިސްކިތްތައް ބަންދު ކުރުމުގެ އިތުރުން މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިފަހަރުތައް މަހަށް ފުރުމުގެ ކުރިން ކައުންސިލުން ހާއްސަ ހުއްދައެއް ނެގުމާއި ސިނާއީ މަސައްކަތްކުރާ ސައިޓްތަކުގެ މަސައްކަތް މާދަމާއިން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މަޑު ޖައްސާލުން ހިމެނޭ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.

އިއުލާނުގައި ބުނީ، ފިހާރަތަކުން ހިދުމަތް ދިނުމާއި ގުޅޭގޮތުން ތިނަދޫ އީއޯސީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރޭތޯ ކައިރިން މޮނިޓަރު ކުރާނެ ކަމަށާއި އުސޫލާއި ހިލާފުވާ ފަރާތްތަކާއި މެދު އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މީގެ އިތުރުން މިހާރެކޭ އެއްގޮތަށް ހަވީރު ހަތަރަކުން ފެށިގެން ރޭގަނޑު 9އަކަށް ޕޮލިސް ޕޯޓަލްއިން ހުއްދަ ނަގާފައިވާ ފަރާތްތަކަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި ހޮޓާ، ރެސްޓޯރެންޓް ތަންތަނުން ހިދުމަތް ދިނުމާއި ގުޅޭ ގޮތުން އީއޯސީން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށް އަމަލު ކުރޭތޯ މޮނިޓަރ ކޮށް ބެލޭނެ ކަމަށް އިއުލާނުގައި ވަނީ ބުނެފައެވެ.