ފަލަސްތީނުގައި އެހީއަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ކަސްޓަމްސްގެ މުވައްޒަފުންގެ ފަރާތުން 50،000 ރުފިޔާ ހަދިޔާ ކޮށްފިއެވެ.

ކަސްޓަމްސްއިން ވިދާޅުވީ، އެމުއައްސަސާގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނަށް އެހީވުމުގެ ގޮތުން 50،000 ރުފިޔާ މިއަދު ކުރި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން މޯލްޑިވްސް (އައިއޭސީ) އާއި ހަވާލު ކޮށްފައިވާ ކަމަށެވެ.

އައިއޭސީ މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އިބްރާހިމް ޝާޒް "ވަގުތު" އަށް ވިދާޅުވެފައިވަނީ ފަލަސްތީނަށް އެހީވުމުގެ ފުރުސަތު މިދިޔަ ރޯދަމަހުގެ ތެރޭގައި ހުޅުވާލި ނަމަވެސް، ރޭގެ 12 އާއި ހަމައަށް އެ ކެމްޕޭނު ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ވެމްކޯއާއި ކަސްޓަމްސް ކަހަލަ މުއައްސަސާތަކުން އެހީ ދެއްވާނެ ކަމަށް އަންގާފައިވާ ކަމަށް ޝާޒް ވަނީ ވިދާޅުފައެވެ.

ފަލަސްތީނަށް އެހީވުމަށް ކަސްޓަމްސްއިން ފައިސާ ހަވާލު ކޮށްފައިވާއިރު، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މުވައްޒަފުންގެ ފަރާތުން ވެސް ވަނީ ބައިލައްކަ ރުފިޔާ ހަދިޔާ ކޮށްފައެވެ.

ފަލަސްތީނަށް އެހީވުމަށް ދެވޭ ފައިސާތައް ހަރަދު ކުރަނީ ޢައްޒާގެ ތެރޭގައި މަސައްކަތް ކުރާ ހަތަރު އެންޖީއޯއަކާއި ގުޅިގެންނެވެ. ޝާޒް ވިދާޅުވީ، އެންޖީއޯތަކުން ޢައްޒާގެ ރައްޔިތުންނަށް ބޭނުންވަނީ ކޮންކަހަލަ އެހީތެރިކަމެއްތޯ އެންގުމުން އެބޭފުޅުން އެތަކެތި ފޯރުކޮށްދެއްވާ ކަމަށެވެ.

ޝާޒް ވިދާޅުވީ، މިހާރު ވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި މިވަގުތު އެންމެ ބޮޑަށް އެގައުމުގެ ރައްޔިތުން ބޭނުން ވެފައިވަނީ ހަމަލާތަކުގައި ގެއްލުން ލިބިފައިވާ ތަންތަން އާރަސްތު ކުރުން ކަމަށްވާތީ އެކަމުގައި ބޭނުންވާ ތަކެތި ފޯރުކޮށްދޭ ކަމަށާއި ކާތަކެތި ވެސް ފޯރުކޮށްދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޑީމަކްރަތީ

    ކަސްޓަމުގެ ހިންގުންތެރި ސީ.ޖީއައް ވަރައްބޮޑައް ސުކުރިއްޔާ ވަރައް ބުރަކޮއް އުޅުއްވުމުގާވެސް ކޮވިޑު ބަލީގާތިއްބެވި އޮފިސަރުންގެ ހާލްވަރައްކާރިންބަލައްވާކަން ފާހަގަކުރަން ؟