ގއ. ވިލިނގިލިން ވަކި ތަރުތީބެއް ނެތި ނެގި ގިނަ އަދަދެއްގެ ސުންކުތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ވިލިނގިލި އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ކުރިއަށް ގެންދިޔަ ލައިވްގައި ހާމަ ކޮށްފައިވާ ގޮތުގައި އެރަށުން ވަކި ތަރުތީބެއް ނެތި އިއްޔެ ނެގި ސުންކުތަކުގެ ތެރެއިން 11 މީހަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

މިއާއި އެކީ އެރަށުން މި ބައްޔަށް ފައްސިވި މީހުންގެ އަދަދު ވަނީ 77 އަށް އަރާފައެވެ. އޭގެ ތެރެއިން މިވަގުތު ރަށުގައި އެކްޓިވްކޮށް އުޅެނީ 44 ވޭދަނައެވެ.

ވިލިނގިލިން ބަލި ޖެހުނު މީހުންގެ ތެރެއިން 33 މީހަކު ބަލިން ފަސޭހަވެފައިވާއިރު، މިހާތަނަށް އެރަށުގައި ވަނީ އިއްޔެ ވަނީ 29 ސުންކު ނަގާފައެވެ. އަދި މިހާތަނަށް އެރަށުން ޖުމްލަ 155 ސުންކު ނަގާފައިވާއިރު، 22 ސުންކުގެ ނަތީޖާ އަދި ނުލިބޭ ކަމަށް އެސެންޓަރުން ވަނީ ބުނެފައެވެ.

މި ލައިވްގައި ގއ. ވިލިނގިލި ފޯކަލް ޕޮއިންޓްގައި ހުންނަވާ އަސްމާ އަބްދުﷲ ވިދާޅުވީ، ފައްސިވެފައިވާ މީހުންގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭ ކަމަށާއި އަދި އެއީ ރަށަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. އަސްމާ ވަނީ އެރަށުގައި 500 އަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން އަންނަކަން ފާހަގަ ކޮށްފައެވެ.

އަސްމާ ވިދާޅުވީ، ބިދޭސީން ފައްސިވި ނަމަވެސް، މިވަގުތު ރަށުގައި ތިބި ގިނަ ބިދޭސީންނަކީ ވެކްސިން ޖަހާފައިވާ ފަރާތްތައްކަން ފާހަގަ ކުރެވޭ ކަމަށާއި އެހެން ނަމަވެސް ބިދޭސީންނަކީ އެއްކޮށް އުޅޭ ބައެއް ކަމުން އެކަމުގެ ބިރު ރަށަށް އެބަ އޮތް ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްތަކެއްގައި މިހާރު ވެސް ކޮވިޑް ފެތުރިފައި އެބައޮތެވެ. ކޮވިޑް ފެތުރެމުން ދާތީ މިހާރު ވެސް 70 އަށް ވުރެ ގިނަ ރަށް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.