މެޖިސްޓްރޭޓް ކޯޓުތަކުގެ ބޭނުމަށް ވަރި އަދި ކައިވެނީގެ ސެޓްފިކެޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިއުލާންކޮށްފިއެވެ.

މި ކަމާގުޅޭ މަޢުލޫމާތުޝީޓް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އިއުލާނުގައި ވިދާޅުވެފައިވެއެވެ.

އިއުލާނުގައި ވިދާޅުވެފައި ވަނީ މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާނަމަޑިޕާޓްމަންޓްގެ މެއިލް އެޑްރެސް [email protected] އަށް 09 ޖޫން 2021 ވަނަ ދުވަހުގެ 09:00 ގެ ކުރިން މެއިލް ކުރުން އެދޭކަމަށެވެ.

ސެޓްފިކެޓް ހަދައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 10 ޖޫން 2021 ވަނަ ދުވަހު 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން މެއިލް ކުރަން ޖެހޭނެއެވެ.

އިއުލާނުގައި ވިދާޅުވެފައިވާ ގޮތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބޭނުން ވަނީ 500 ވަރީގެ ސެޓްފިކެޓް އަދި 1500 ކައިވެނީގެ ސެޓްފިކެޓް ހަދައިދޭނެ ފަރާތެކެވެ.

ކައިވެންޏާއި ވަރީގެ ތަފާސް ހިސާބުތައް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެންމެ ފަހުން އިއުލާން ކޮށްފައި ވަނީ 2018 ވަނަ އަހަރު އެވެ. އެތަފާސް ހިސާބުތަކަށް ބަލާއިރު އެއަހަރު 5290 ކައިވެނި ކުރިއެވެ. އަދި 3166 ވަރި އެއަހަރު ކޮށްފައި ވެއެވެ.

2018 ވަނަ އަހަރު ރާއްޖޭގައި ކުރި ކައިވެނިތަކުގެ ތެރެއިން %59 ކައިވެނި ކުރީ މެޖިސްޓްރޭޓް ކޯޓުތަކުގައެވެ. އަދި %63 ވަރި ކޮށްފައި ވަނީ މެޖިސްޓްރޭޓް ކޯޓުތަކުގައެވެ.

ކޮންމެ ކައިވެންޏަކާއި ގުޅިގެންނާއި، ކޮންމެ ވަރިއަކާއި ގުޅިގެން ދެމީހުންނަށް ސެޓްފިކެޓް ދެއެވެ. އެއީ ކައިވެނި ނުވަތަ ވަރީގެ ތަފްސީލް ލިޔެފައި އޮންނަ ކުޑަ ސެޓްފިކެޓެކެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެމަންޖެ

    އަޅުގަނޑު ތިކަން ކޮއްދީފާނަން އެކަމަކު ފުރަތަމަ މަށާވެސް އިންނާނެ މީހަކު ހޯދައިދޭން ޖެހޭނެ. ނަޝީދުމެން ކަހަލަ މީހަކު މަބޭނުމީ.

  2. ރައްޔިތުން

    ތިޔަ ސެޓިފިކެޓް ހެދޭގޮތަށް ކޮންމެ ކޯޓަކަށް އެވަސީލަތްތައް ހޯދައިދިނީމާ ތިޔަފަދަ ކުޑަ މަސައްކަތެއް އެއިދާރާގެ މުއްވަޒަފުން ކޮށްލުމަކީ ނުހަނު ފަސޭހަކަމެއް، އެކަމަކު ތިޔަ ކަންތައްވެސް ތިޔަ އުޅެނީ ދެން ހާދަ ބޮޑު ކަަމަކަށް ހަދައިގެންނޭ، ކިހާ ދެރަ. އަދި އެކަމަށްދާނެ ޚަރަދެއް އެމީހަކުން އަތުން ނެގޭ ގޮތަށް ސެޓިފިކެޓަށް އަގެއް ނެގީމާ އެނިމުނީ އަދި ގެއްލިގެން އަލުން ހަދާކަމަށްވާނަަމަވެސް އެ ކޯޓެއްގައި ރައްކާކުރެވިފައިވާ އެޑާޓާ ތަކުން އެކަން ކިހާ ފަސޭހައިން ކުރެވޭނެ. ގޮތް ހެދެން އެބައޮޔް، މީދެން ބޮޑުވަރު

  3. ިމުހައްމަދު

    ސެޓުފިކެޓަކީ ބޯދާ އެއްޗެއް. މިހާރު ދޭންވާނީ ލައިސަންސް ފަދަ ކާޑެއް ނުވަތަ އައިޑީ ކާޑު ފަދަ ކާޑެއް. މިކާޑު އެ މީހެއްގެ ފޯނަށް ނުވަތަ އީމެއިލްއަށް ފޮނުވީމާ އެމީހަކު އަމިއްލައަށް ޕްރިންޓްކޮށްގެން ގެންގުޅެންވީ. ކާޑު ހިފައިގެން ގެސްޓްހައުސްއެއްގެ ރޫމް ހިފަން ދިއުމުން ވަގުތުން ދެމަފިރިންތޯ ބަލައިލެވެންވާނެ. މިހާރު މިކަހަލަ ކާޑެއް ހެދުމަށް 100 ރުފިޔާވެސް ހޭދަކުރާކަށް ނުޖެހޭނެ. ފުލުހުން ދޫކޮށްފައިވާ ކާޑު ހިފައިގެން މަގުމަތީގައި އުޅޭއިރު ވަގުތުން ބަލާލެވޭހެން އެގޮތަށް މިހާރު ތިޔަ އެއްޗެއް ހެދޭނެ. އަދިވެސް ބޯދާ ގޮތްތައް ދޫކޮށްލުމުގެ ވިސްނުމެއް މިމީހުންގެ ކިބައިގައި ނެތް ދޯ.