ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުންތަކެއް ކޮވިޑް-19 ޖެހި، ރާއްޖެ އާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ލޯން ސްކީމްގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްފިއެވެ.

ލޯނު ލިބޭ ދަރިވަރުންގެ ވަގުތީ ނަތީޖާ އިއުލާންކޮށްފައި ވަނީ މެއި މަހުގެ 24 ވަނަ ދުވަހުއެވެ. މީގެ ކުރިން މިނިސްޓްރީން ނިންމާފައި އޮތީ ޝަކުވާތަކަށް ބެލުމަށް ފަހު މި މަހުގެ 10 ވަނަ ދުވަހު ނަތީޖާ އިއުލާން ކުރުމަށެވެ.

އެހެން އޮއްވާ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ އާއި މި މަސައްކަތް ކުރާ ބައެއް މުވައްޒަފުންނަށް ވެސް މި ބަލި ތަހަންމަލް ކުރަން ޖެހުމުގެ ސަބަބުން، އެ މިނިސްޓްރީއަށް ލިބިފައިވާ ޝަކުވާތައް ބެލުމަށްފަހު ދަރިވަރުންނަށް ޖަވާބު ދިނުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ.

އެހެންކަމުން ލޯން ސްކީމުގެ ދާއިމީ ނަތިޖާ އިއުލާން ކުރުމަށް ކުރިން ހަމަޖައްސާފައިވާ ތާރީހު މި މަހުގެ 20 ގެ ނިޔަލަށް ފަސްކޮށްފައިވާ ކަމަށެވެ.

މިފަހަރު 417 ދަރިވަރަކަށް ވަނީ ލޯނުގެ ފުރުސަތު ލިބިފައެވެ.

މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ކެޓެގަރީން އެޕްލިކޭޝަން ހުށަހަޅާ، ޝަރުތު ފުރިހަމަވި އެމްބީބީއެސް އަށް އަދި ޕައިލެޓް ލައިސަންސް އަށް ކިޔަވަމުންދާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން ނިންމައިފައިވާ ކަމަށެވެ. އެގޮތުން އެމްބީބީއެސް ކިޔަވަމުންދާ 65 ދަރިވަރަކަށް ފުރުސަތު ލިބފައިވާ އިރު ޕައިލެޓް ލައިސަންސްއަށް ކިޔަވަމުންދާ 16 ދަރިވަރަކަށްވެސް ވަނީ ލޯނު ލިބިފައެވެ.

މިނިސްޓްރީން ވިދާޅުވީ މި ކެޓަގަރީން ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ ކިޔަވަމުންދާ ކޯސް ނިންމުމަށް އެންމެ ކުރު މުއްދަތެއް އޮތް ފަރާތްތަކަށާއި ފިތުރު ޒަކާތާއި މުދަލު ޒަކާތުން ލިބުން އެދޭ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް އަދި އެކަޑަމިކް މެރިޓް ސްކޯ އިން އެއްމެ މަތިން ސްކޯ ކުރާ ފަރާތްތަކަށް ކަމަށެވެ.

މިފަހަރުގެ ލޯން ސްކީމްގައި އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ފުރުސަތު ހުޅުވާލިއެވެ. އަދި ލޯނު އެހީގެ ދަށުން ތައުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ގައުމަކަށްވެސް ދިއުމުގެ ފުރުސަތު މިނިސްޓްރީން ވަނީ ފަހި ކޮށްދީފައެވެ. އެގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ހަރަދެއް އެއްކޮށް ދޭނީ އިއުލާންކޮށްފައިވާ ގައުމުތަކަށެވެ. އެ ނޫން ގައުމެއްގައި ކިޔެވުމަށް ލޯނުދޭނީ އިއުލާންކޮށްފައިވާ ގައުމުތަކުގެ ތެރެއިން ދަރިވަރު އިހްތިޔާރުކުރާ ގައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.