ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ އިންކުއަރީއަށް ހުރަސް އަޅަމުންދާ ކަން ފާހަގަކުރެވިފައި ނުވާ ކަމަށް އެ ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލީހުގެ އިންކުއަރީއަށް ސަރުކާރާއި ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފުރިހަމައަށް އެއްބާރުލުން ލިބެމުންދާ ކަމަށެވެ.

"ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އިންކުއަރީއަށް ހުރަސްއަޅާ ކަމެއް އަދި ފާހަގަކުރެވިފައެއް ނުވޭ، ފުލުހުން ވެސް، އެމްއެންޑީއެފްގެ ވެރިން ވެސް، އަދި ވެސް އެހެން ބޭފުޅުން ވެސް ހަމަ ކޮމިޓީއަށް ހާޒިރުވެ ކުރާ ސުވާލުތަކަށް ޖަވާބުދީ އެއްބާރުލުން ދެމުން ދަނީ،" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް މިހެން ވިދާޅުވި އިރު، ސިފައިންގެ 40 ބޭފުޅަކު ވަކިވަކިން ކޮމިޓީއަށް ހާޒިރުކޮށްދޭން އެދުމުން އެ ކަން ނުވާނެ ކަމަށް އެމްއެންޑީއެފުން ކޮމިޓީއަށް ވަނީ އަންގައިފައެވެ. އެ ލިޔުމުގައި ސޮއިކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކޮށްދޭން ވެސް މަޖިލީހުގެ އިދާރާއިން އެދުނެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލާފައެވެ.

އަސްލަމް މިއަދު ވިދާޅުވީ ވަކިވަކި ސިފައިން ހާޒިރު ނުވުމާ ގުޅޭ ގޮތުން ކޮމިޓީއަށް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅިގެން 241 ކޮމިޓީން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

މި އިންކުއަރީއަކީ ރައީސް ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް 241 ކޮމިޓީން ހިންގާ އިންކުއަރީއެކެވެ. ކޮމިޓީގެ އަމާޒަކީ މި މަހުގެ ނިޔަލަށް އިންކުއަރީގެ މަސައްކަތް ނިންމައި ކޮމިޓީގެ ރިޕޯޓް އެކުލަވާލުމެވެ.

މި ކަމާ ގުޅިގެން ޑިފެންސް މިނިސްޓްރީގެ ނައިބު ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒުތަކަށް އަރައިގަތް ކަމަށް ތުހުމަތުކޮށް އިމްތިޔާޒު ކޮމިޓީއަށް ވެސް ޒަމީލްގެ މައްސަލަ ފޮނުވުނެވެ. އެކަމަކު އެ ކޮމިޓީގެ އަޣުލަބިއްޔަތުން ވަނީ އެ މައްސަލަ ބޭރުކޮށްލައިފައެވެ.

މި މައްސަލަ ބޭރުކޮށްލަން އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެއްވުމުން ރައީސް ނަޝީދުގެ އަރިސް ބޭފުޅުން ގެންދަވަނީ އެ ކަމާ ނުރުުހުން ވެސް ފާޅު ކުރަމުންނެވެ.

ރައީސް ނަޝީދަށް ބޮމުގެ ހަމަލާއެއް މިދިޔަ މަހުގެ ހަވަނަ ދުވަހުގެ ރޭ ދިންއިރު، އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. އެ ގައުމުގެ މިލިޓަރީ ހޮސްޕިޓަލަކުން އެމަނިކުފާނަށް ފަރުވާ ވެސް ދެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. .....

    މިއަދު މެންދުރު އިރެއްވެސް ނެތް...

    3
    1
  2. ސޫއޫދު

    ދިފާއީބާރުގެ ވެރިއަކީ ރައީސުލްޖުމުހޫރިޔާ ދެންތިބި މަގާމުތަކަކީ ރައީސް ދެއްވާފަތިބިމަގާމުތައް އެވަރުލިއުމެއްގަ ސޮއެއްކުރާނީ ރައީސުގެލަފަޔާއެކް 3ބާރުތެރެއިންވީމަ މަޖިލީސް ރައީސް އެބޭފުޅާގެ މެންބަރުންގުޅިގެން ސަރުކާރުގެ ވެރިޔާއާ މަޝްވަރާ ކުރުމެއްނެތި މިނިސްޓަރުން ބޭރުކޮއް ސަރުކާރައް ދަތިކުރީމަ މައްސަލަތައްދިމާވަނީ މީފެއްނަހަގީގަތަކީ އިބޫ އައް2 ވަނަދައުރެއް ނުދިނުމުގެ ގޮތުން ގިނަކަންތައްތަކެއްކުރެވެމުންދަނީ ވަދުތައްވެސް ފުއްދާނުދެވެނީއެހެންވީމަ މިދިޔަފަހަރު ބަޖެޓްފާސްކުރަންއުޅުނީމަވެސް ބެރުކުރީ ފުރަތަމަ