ހދ. ހަނިމާދޫގައި އޮންނަ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން އެ ރަށުގައި އިތުރު ވަސީލަތްތަކާއި ސިނާއަތްތައް ތަރައްގީ ކުރުމަށް އަށް ލައްކަ އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ނަގަން ސަރުކާރުން ނިންމައިފިއެވެ.

މިފަދަ ނިންމުމެއް ނިންމުމާ ގުޅިގެން އިންޑިއާ ސަރުކާރުގެ ނުފޫޒު ރާއްޖެއަށް ގަދަ ކުރާ ކަމުގެ އަޑު އަނެއްކާ ވެސް ގަދަވެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުން ވެސް އެބައެވެ. މިއީ އިންޑިއާއަށް ދެވިގެންދާ ބިމުގެ ބައެއްގެ ގޮތުގައި ވެސް ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އިންޓަނޭޝަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއަށް ޖުމުލަ 853،937 އަކަ ފޫޓުގެ ބިމެއް ނެގުމަށް ވަނީ ހުށަހަޅައިފައެވެ. އެކަމުގެ ލިޔެކިއުންތަކުގައިވާ ގޮތުން މި ސަރަހައްދުގައި ރަންވޭ ދިގު ކުރަން ބޭނުންވާ ސަރަހައްދުގެ އިތުރުން ވެސް ބައެއް އިމާރާތްތައް ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވި ގޮތުގައި މި ވަގުތަށް އަދި ވަކި ގޮތެއް ނިންމައި މުޅި ޕްރޮޖެކްޓް ފައިނަލް ކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން މަޝްރޫއަށް ނަގާ ސަރަހައްދު ވަކި މިންވަރެއް ނުނިންމާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ވިޔަސް އެ މަޝްރޫއަށް ބޮޑު ސަރަހައްދެއް ނަގަން ބޭނުންވާތީ ނިންމާ ސަރަހައްދު ބޮޑުވުމަކީ ގާތް ކަމެއް ކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އިންޑިއާ ކޮމިޝަނުން "ވަގުތު" އަށް ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތަށް އިތުރަށް ބިން ބޭނުންވާނެ ކަމަށެވެ.

ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ރަންވޭގެ ދިގުމިން 1100 މީޓަރުން 2200 މީޓަރަށް ދިގު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން އެއާބަސް 320 އަދި ބޮއިންގް 737 މަރުކާގެ އުޅަނދުތަކަށް ރަންވޭގައި ޖެއްސޭނެ ކަމުގައި ބެލެވެއެވެ.

މި މަސައްކަތް ކުރުމަށް އިތުރަށް ބިން ބޭނުން ވާނެ ކަމަށް އިންޑިއާ ހައި ކޮމިޝަން ވިދާޅުވީ މި ބިމުގައި އުފައްދާ އެސެޓް ވާނީ ދިވެހި ސަރުކާރުގެ މިލްކަކަށް ކަމަށެވެ.

ދުނިޔޭގައި މަޝްރޫއުތައް ހިނގާ އުސޫލުން މި މަޝްރޫއުގައި ވެސް އިންޑިއާއިން ހަމައެކަނި އެ މަޝްރޫއު ހިންގުމަށް އެހީތެރިވެދޭނީ ކަމަށާއި މަޝްރޫއު ނިމުމުން އިތުރު އެއްވެސް މަސައްކަތެއް އިންޑިއާއިން އެ ތަނުގައި ނުހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުއަށް ބޭނުންވާ ބިން ހޯދުމުގެ މަސައްކަތް ކުރިއަށް ދަނީ ދިވެހި ސަރުކާރާއި ހަނިމާދޫ ކައުންސިލް ގުޅިގެން ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވިއެވެ. މި ކަމުގައި އިންޑިއާގެ ބައިވެރިވުމެއް ނެތް ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފޫހި

    ތެދެއް އިންޑިޔާގެ ބައިވެރިވުމެއްނޯންނާނެ. އިންޑިުާ އެދޭގޮތަށް ބަސްބުނާނީ ދިވެހިސަރުކާރުން. ކޯޗެއް ނުލިބިގެންތަ ތަރައްގީއޭ ކިޔައިގެން މިނިވަންކަން ގެއްލުވާލާ ފަރަނިވެތިމިވަނީ. ކާބަފައިންވެސް މިތާއުޅުނީ އުފަލުގައި އެއީމިނިވަންކަން އޮތީމަ. ހަނިމާދޫން މީހުން ނުބޭލިއަސް ރަނގަޅު.

    4
    1
  2. އބ

    މަސްރޫއު ނިމޭނީ ހަނިމާދޫން މީހުން ވެސް ބާލައިގެން. އެ ވައިގެ ބަނދަރު ދިވެހީންނަށް "ހިންގައ"ދޭށާ "ދިވެހި ބަލި މީހުން އުފުލައިދޭން" ތިބޭ ކުދީންކޮޅާ އެ ކުދީންކޮޅުގެ އާއިލާ އުޅޭނެ ތަނާ އެކުދީންކޮޅު ކުޅިވަރުކުޅެ އެތިފޮދުފޮދު ބޮއިލާ އުޅޭނެ ތަންތން ހަދަން ވެސް ބިން ބޭނުންވާނެތާ.

    3
    2