ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް، ފިލައިގެން އުޅޭތީ ފުލުހަށް ހާޒިރުވުމަށް އެ ދެބޭފުޅުންނަށް ޗިޓު ފޮނުވައިފިއެވެ.

މި ދެބޭފުޅުން ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވާފައި ވަނީ ޓްވިޓާ މެދުވެރިކޮށެވެ. މިކަން ހާމަކޮށް ފުލުހުން ވިދާޅުވީ، ނަޝީދާއި ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ފުލުހުން ތަހުޤީޤުކުރަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ.

ނަޝީދާއި ގާސިމް ރާއްޖެއިން ބޭރުގައި ފިލައިގެން ދިރިއުޅެމުންދަނީ، ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ފޮނުވުމުންނެވެ. މި ބޭފުޅުންނަށް ބޭސްފަރުވާއަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވެފައިވާއިރު، އަނބުރާ ރާއްޖެ ނައިސް ބޭރުގައި ވަނީ ވަޒަންވެރިވެފައެވެ.

"މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ޙުކުމް ތަންފީޒު ކުރަމުން ގެނދިޔަ ގައިދީއަކު ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރުމަށްޓަކައި ފޮނުވާލުމުން، ބޭސްފަރުވާ ކުރުމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވުމުން، އެނބުރި ރާއްޖެ ނައިސް ޙުކުމަށް ފިލައިގެން އުޅޭ މައްސަލަ ތަހުޤީޤުކޮށް ބަޔާން ނެގުމަށްޓަކައި" ފުލުހަށް ގާސިމާއި ނަޝީދު ހާޒިރު ކުރާ ސަބަބު ބަޔާންކޮށް އެ ދެބޭފުޅުންނަށް ވަކިވަކުން ފުލުހުން ފޮނުވާފައިވާ ޗިޓުގައި ވެއެވެ.

ޖަލުގައި ހުންނެވުުމަށްފަހު ނަޝީދު ބޭރަށް ވަޑައިގަތީ އުނަގަނޑުގައި ރިއްސާ ކަމަށާއި، އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ވިދާޅުވެ އިތުރުފުޅު ހައްދަވައިގެންނެވެ. ގާސިމް ޖަލުން ފިލާފައި ވަނީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ އެވެ. އެއަށްފަހު ސިންގަޕޫރުގައި ފަރުވާ ހޯއްދަވައިގެން، ރާއްޖެ ވަޑައިގަނެވޭނެ ފްލައިޓެއް ނެތްކަމަށް ވިދާޅުވެ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ޔޫކޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޥަހީދު

    ބަރާބަރު އަވަހަށް ގެނެސް ހައްޔަރު ކުރޭ

  2. ތުނިޔަ

    ނަޝީދު އިތުރުފުުޅު ހެއްދެވީމަ ސަރުކާރުން ޖެހޭތަ ފޮނުވަން! އަންތަރީސް!

  3. ވަތަން

    ޔަގީން ޔާމިނު ހީކަރުވަނީ

  4. އަޙްމަދް

    ހެހޭ: ފިއްލަވައިގެން އުޅުއްވާ ގައިދީންގެ ލީޑަރުން!