ކުރީގެ ރައީސް މުހައްމަދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241) އިން ކުރިއަށްގެންދާ އިންކުއައިރީ އަށް ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓާ (އެންސީޓީސީ) ގެ އިސްވެރިޔާ ޒަކަރިއްޔާ މަންސޫރު ހާޒިރުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

''ވަގުތު" އަށް އެނގިފައިވާ ގޮތުން ޒަކަރިއްޔާ ހާޒިރުކުރަން ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ކޮމިޓީއަށް މަންސޫރު ހާޒިރުކުރަން ނިންމާފައިވާއިރު، ޗީފް އޮފް ޑިފެންސް އަދި ވައިސް ޗީފް އޮފް ޑިފެންސްވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

މި ކޮމިޓީން ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ސިފައިންގެ އިސް ބޭފުޅުން ހިމެނޭ ހެން ސިފައިންގެ 40 ބޭފުޅަކު ހާޒިރު ކުރަން ވެސް ނިންމައިފައެވެ. އެކަމަކު ވަކިވަކި ސިފައިން މަޖިލީހަށް ފޮނުވަން އެމްއެންޑީއެފުން ވަނީ ދެކޮޅު ހަދައިފައެވެ.

މި ބައްދަލުވުންތައް ކުރިއަށް ދަނީ މީޑިއާއަށް ނުވަދެވޭ ގޮތަށް ސިއްރުންނެވެ. ނަޝީދުގެ ސެކިއިރިޓީ ފޫއަޅުވާލި ގޮތުގެ މައްޗަށް މަޖިިލީހުގެ 241 ކޮމިޓީން އިންކުއަރީއެއް މި ފެށީ، މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ އެމަނިކުފާނު އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ. އެމަނިކުފާނު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ.

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެއިން ނުކުމެވަޑައިގެން މަޖީދީ މަގުގައި އޮތް އެމަނިކުފާނުގެ ކާރުކޮޅަށް އަރާވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށް އެސަރަހައްދުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑި ދަށުން ބޮމެއް ގޮއްވާލައިގެންނެވެ. އެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކުރިއެވެ.

މި ހަމަލާގެ ގެއްލުން ބޮޑުކުރަން ބޮމުގެ ތެރެއަށް އަޅާފައި ހުރި ރޭޒާ ފުއްތައް އެމަނިކުފާނުގެ ފުއްމާޕެމާއި ބަނޑާއި ފަޔަށް ވަދެގެން ދިޔައެވެ. ހަށިކޮޅަށް ވަދެފައި ހުރި އެ ރޭޒާ ފުއްތައް ނަގަން ހޭނައްތައިގެން 16 ގަޑިއިރުގެ އޮޕަރޭޝަންތަކެއް އޭޑީކޭ ހޮސްޕިޓަލްގައި ކުރިއެވެ. އަދި އިތުރު ފަރުވާ ހޯދުމަށް މިހާރު ހުންނެވީ ޖަރުމަނުގައެވެ.

ނަޝީދަށް ދިން ހަމަލައާ ގުޅިގެން ހަތަރު މީހުން ހައްޔަރު ކުރި އިރު، އެ އެންމެންނަކީ ވެސް ހަރުކަށި ފިކުރަށް ތަބާވާ ބައެއްކަން މިހާތަނަށް ރަސްމީ އިދާރާތަކުން އާއްމުކުރި މައުލޫމާތުތަކުން އެނގެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސސ

    ސިއްރުން ކަންކުރާތަނެއް ނޫން ޑިމޮކްރެޓިކް މަޖިލިސް ތަކަކީ ބޮޑެތި ތަހުޤީގު ތަކުގައި، އެމްޑީޕީ ޑިމޮކްރަސީއޭ ކިޔާއިގެން ރައްޔިތުން ލޮލުގައި އަދުން އަޅުވަނީ !