ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި އަހުމަދު ހުސެއިން މަނިކު (ފިޔާތޮށި އަހުމަދު މަނިކު) ކޮވިޑް ބަލީގައި އަވަހާރަވެއްޖެއެވެ.

ފިޔާތޮށި އަހުމަދު މަނިކަކީ ދިވެހިންގެ ތެރެއިން ދުނިޔޭގައި ތިއްބެވި އުމުރުން 100 އަހަރުން މަތީގެ މަދު ބޭފުޅުންގެ ތެރެއިން އެކެކެވެ. އޭނާ އަވަހާރަވެފައިވަނީ ކޮވިޑް ޖެހި ހާލު ސީރިއަސްވެގެން އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަނިކޮށެވެ.

ރައްޔިތުންގެ މަޖިލިހުގެ މެމްބަރު ކަމާއި ށ. އަތޮޅާއި ނ. އަތޮޅުގެ މެމްބަރު ކަން ކުރެއްވި އަހުމަދު މަނިކަކީ ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި އަބްދުﷲ ޔާމީންގެ ބައްޕާފުޅު އަބްދުލްގައްޔޫމް ސީދީގެ ދެބެންގެ ދެދަރި ބޭފުޅެކެވެ.

އަހުމަދު މަނިކުގެ ބޭފުޅުންގެ ތެރެއިން ރާއްޖޭގެ ފުރަތަމަ ޕައިލެޓް، މުހައްމަދު ނައީމް (ޕައިލޮޓް ނައީމް) ހިމެނޭ އިރު އޭނާ އަށް ކާފަވިދާޅުވާ ބޭފުޅުންނާއި މުނިކާފަ ވިދާޅުވާ ބޭފުޅުންނާއި ހޫރުކާފަވިދާޅުވާ ބޭފުޅުންނާ އެކު އާއިލާގެ މެމްބަރުންގެ ޖުމްލަ އަދަދު 200 އާ ގާތްކުރާނެއެވެ.

އަހުމަދު މަނިކުގެ އެއްބަޑުއެއްބަފާ ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަތަމާ އަބްދުއްލަތީފާއި މަޝްހޫރު ތާރީހު ލިޔުންތެރިޔާ އަބްދުލްހަކީމް ހުސެއިން މަނިކު ހިމެނެއެވެ. ފިޝަރިޒް މިނިސްޓަރު ޒަހާ ވަހީދާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އަބްދުﷲ ކަމާލުއްދީނަކީ ވެސް އަހުމަދު މަނިކުގެ އާއިލީ ބޭފުޅުންނެވެ.

ސަރުކާރުގެ ބައެއް އޮފީސްތަކުގެ އިސް މަގާމުތައް ވެސް ފުރުއްވެވި ފިޔާތޮށި އަހުމަދު މަނިކު ވަނީ ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރުމަނިކުފާނު އަދި ކުޅަދާނަ އަދީބު ފަޟީލައްތުޝައިހު ހުސެއިން ސަލާހުއްދީނުގެ މުވައްޒަފެއްގެ ގޮތުގައި ބަގީޗާގޭގައި މަސައްކަތް ކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު