ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން ކުރިއަށް ގެންދާ އިންކުއަރީއަށް ބޭނުންވާ މައުލޫމާތު ހޯދުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހާޒިރު ކުރާނެ ކަމަށް އެ ކޮމިޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ކޮމިޓީން ވަރަށް އަވަހަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ހޯމް މިނިސްޓަރު އިމްރާން ހާޒިރު ކުރަން އަންގަވާނެ ކަމަށެވެ.

"ފުލުހުންގެ މުއައްސަސާ މި އޮންނަނީ ހޯމް މިނިސްޓްރީގެ ދަށުގައި، އިންކުއަރީގެ އެ ހިސާބަށް، އެ މަރުހަލާއަށް ދިއުމުން، ހޯމް މިނިސްޓަރު އަޅުގަނޑުމެން ހާޒިރު ކުރާނެ،" ހިތަދޫ އުތުރު ދާއިރާ ތަމްސީލް ކުރައްވާ އެމްޑީޕީގެ މެންބަރު ވިދާޅުވިއެވެ.

241 ކޮމިޓީން ކުރިއަށް ގެންދާ އިންކުއަރީއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ސެކުއިރިޓީ ފޫއަޅުވާލަން ފުރުސަތު ލިބުނު ސަބަބު ދެނެގަތުމަށް ހިންގާ އިންކުއަރީއެކެވެ.

މި އިންކުއަރީއަށް މިހާތަނަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފުލުހުންގެ އިންޓެލިޖެންސްގެ ބައެއް އޮފިސަރުންނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުލް ރަހީމް ހާޒިރުކޮށްފައިވެއެވެ.

ނަޝީދުގެ ގެކޮޅު ކަމަށްވާ ގ. ކެނެރީގެ ހުންނަ ނީލޯފަރު މަގު ހުސްކޮށް ޕާކް ނުކުރެވޭ ގޮތަށް ހަދަން ބިއްލޫރިޖެހި ގޭގައި ޕާކިން ޒޯނެއް ހެދުން ލަސްވިއިރު، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި މާލެ ސިޓީގެ އޭރުގެ މޭޔަރު ޝިފާ މުހައްމަދު ވެސް 241 ކޮމިޓީއަށް ހާޒިރު ކުރިއެވެ.

މި ކޮމިޓީއަށް ސިފައިންގެ ވަކިވަކި ބޭފުޅުންތަކެއް ހާޒިރު ކުރަން އެދުމުން އެ ގޮތަށް އެ ކަން ނުކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން އެންގި މައްސަލަ އޮތީ ވަރަށް ހޫނުވެފައެވެ.

އެ ގޮތަށް ފޮނުވި ލިޔުމުގައި ސޮއި ކުރައްވާފައިވާ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވިއެވެ. އެކަމަކު ޕީޖީ އޮފީހުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފުރަތަމަ ފުލުހަށް ހުށަހަޅަން ލަފާދީ އަނބުރާ ފޮނުވާލައިފައެވެ.

މި މައްސަލަ މަޖިލީހުގެ އިމްތިޔާޒު ކޮމިޓީއަށް ވެސް ހުށަހެޅުނެވެ. ސީދާ ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ ވަނީ އެ ކޮމިޓީން ބޭރުކޮށްލައިފައެވެ. މި ގޮތަށް ފާސްކުރީ އެމްޑީޕީގެ ހަތަރުގެ މެންބަރެއްގެ ވެސް ވޯޓާ އެކީއެވެ. އެހެންވެ އެމްޑީޕީ އެތެރޭގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެފައެވެ.

ރައީސް ނަޝީދު މި ވަގުތު ހުންނެވީ ޖަރުމަނުގައެވެ. އެއީ މިދިޔަ މެއި މަހުގެ ހަވަނަ ދުވަހު އެމަނިކުފާނަށް ދިން ހަމަލާއިން ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ. އެމަނިކުފާނުގެ ޒަޚަމްތައް ފަސޭހަފުޅުވީ އޭޑީކޭއިން ވެސް ހެދި އޮޕަރޭޝަންތަކަކަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކޮވިޑް

    ހަމަ ފިސާރި ތެދެއް މިމީހުން މިމީހުންނާ ތަޅާފޮޅާ ތަން ވަރައް ބަލާލާ ހިތްވޭ.

    7
    1
  2. Anonymous

    އިމްރާން ބޭރުކުރަންޖެހޭ.. އޭނަ ވެސް ތިކަމުގައި ހިމެނޭ..

    4
    4
  3. މިލިޓަރީ

    އިމްރާނަކީ ސީދާ ބޯޑު ގައްދާރަ ޤައުމައް ގައްދާރުވީމީހެ

  4. ކަލޯ

    ވަ ރަށް ދެކެންބޭނުންވާ ދުވަހެއް: ވަ ރަށްބޮޑަށްއުފާވޭ އާމީން . .ހެއް ހެއް