މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ނުކުރާ ހަ އަތޮޅެއް ފާހަގަކޮށްފިއެވެ.

ފެމަލީ ޕްރޮޓެކްޝަން އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ތެރެއިން، ކ އަތޮޅާއި، ހއ އަތޮޅާއި، ބ އަތޮޅާއި، ދ އަތޮޅާއި، ލ، ގއ އަތޮޅުން ގެވެށި އަނިޔާގެ އެއްވެސް މައްސަލައެއް ފުރަތަމަ ކުއަރޓަރުގައި ރިޕޯޓްކޮށްފައެއް ނުވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓް ކޮށްފައިވާ އަތޮޅުތައް - ފޮޓޯ: އެފްޕީއޭ

އެ އޮތޯރިޓީން އާއްމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ފުރަތަމަ ކުއާޓަރުގައި އެންމެ ގިނައިން ގެވެށި އަނިޔާގެ މައްސަލަތައް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެ ސަރަހައްދުން އެކަނި އެފަދަ 108 މައްސަލައެއް ރިޕޯޓްކޮށްފައިވެއެވެ. ދެވަނަ އަށް އެންމެ ގިނައިން އެފަދަ މައްސަލަތައް ރިޕޯޓްކޮށްފައި ވަނީ އައްޑޫ ސިޓީންނެވެ. އެ ސިޓީން އެފަދަ 23 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.

ތިން ވަނައަށް އެންމެ ގިނައިން އެފަދަ މައްސަލަތައް ރިޕޯޓްކުރި އަތޮޅަކީ ފުވައްމުލައް ސިޓީއެވެ. އެ ސިޓީން އެފަދަ 15 މައްސަލަ އަދި ގދ. އަތޮޅުން އެފަދަ 13 މައްސަލަ ރިޕޯޓްކޮށްފައި ވެއެވެ.

ގެވެށި އަނިޔާގެ މައްސަލަތަކަކީ ރާއްޖޭގައި ފުދޭވަރަކަށް އާއްމުވެފައިވާ މައްސަލައެކެވެ. މިފަދަ ކަންކަން ހުއްޓުވުމަށް ސަރުކަރާއި ކަމާއި ގުޅުން ހުރި އިދާރާތަކުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެ އޮތޯރިޓީން ބުނެފައިވާގޮތުގައި، މި އަހަރުގެ ފުރަތަމަ ކުއަރޓަރުގައި ގެވެށި އަނިޔާގެ 192 މައްސަލައެއް ހުށަހެޅިފައި ވެއެވެ.