ކުޑަކުދިންގެ ހިޔާގައި ދިރުއުޅެމުންދާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އަވަސް ފިޔަވަޅުތަކެއް ކަމާއި ބެހޭ އިދާރާތަކުން އެޅުމަށް އާކުން ގޮވާލައިފިއެވެ.

އާކުން މިފަދައިން ގޮވާލާފައިވަނީ ކުޑަކުދިންގެ ހިޔާގައި ފާއިތުވި ދޮޅުމަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިން ހާދިސާއެއް ހިނގާފައިވާތީއެވެ.

އެގޮތުން އާކުން ބުނީ، ދައުލަތުގެ ބެލުމުގެ ދަށުގައިވާ އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބަލަހައްޓަމުންދާ މަރުކަޒުކަމުގައިވާ ކުޑަކުދިންގެ ހިޔާގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ އެޖަމިއްޔާއިން ކަންބޮޑުވާ ކަމަށާއި އަލިފާނުގެ ތިން ހާދިސާ ހިނގާފައިވަނީ ހިޔާގައި ދިރިއުޅެމުންދާ ކުދިން އެކި ރަށްރަށް ބަދަލުކުރުމުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު 10 އަށްވުރެވެސް މަދުވެފައިވަނިކޮށް ކަމަށެވެ.

"މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވެ، އެތަނުގައި ދިރިއުޅެމުންދާ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން މިކަންކަން ހުއްޓުވުމަށްޓަކައި މިފަދަ ހާދިސާތަކުގެ ފުރިހަމަ ތަޙްޤީޤެއް ކުރުމަށް ވެސް އާކުން ގޮވާލަމެވެ. މީގެ އިތުރުން މިމަހުގެ ހަތަރު ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ މަރުކަޒުގެ އަލިފާނާ ގުޅުންހުރި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލި ގޮވާލުން އަލުން ތަކުރާރުކުރަމެވެ." އާކުން ބުންޏެވެ.

އާކުން ވަނީ އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި ހިނގަން ފަށާފައި މިވަނީ މިފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތަށް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމާއި، މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުން ތަކާހުރެކަން ފާހަގަ ކޮށްފައެވެ.

މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކަކާއި އެކަށީގެންވާ ގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު މި މައްސަލަތައް އިތުރުވެފައިވާކަން ވެސް އާކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އާކުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަންތަރީސް

    ކުޑަކުދިންގެ ހައްގޭ ކިޔައިގެން ކުދިންތަކުގެ ދުވަސް ތިޔަަދުއްވައިލަނީ އެކުދިންނަށް ވެސް އުޅެން ގަވާއިދެއް އޮންނަން ޖެހޭނެ. މީހުންނަށް އިހުތިރާމް ކުރަން އެނގެން ޖެހޭނެ. ގަވާއިދަށް އިހްތިރާމް ނުކުރީމާާ އަދަބު ވެސް ދޭންޖެހޭނެ އެކުދިންވެސް ކުއްވެރި ވީމާ އަދަބު ނުދެވޭ ކަމަށް ވަންޏާ އެކުދިންނަށް ކިތައްމެ ހެޔޮއެދުނަސް ތިޔަވެވެނީ މުޅި މުޖުތަމައަށް ޣައްދާރު. ފާޑުފާޑު ގެ ނަންނަމުގައި ޖަމުއިއްޔާހަދައިގެން ޖީލްތަކެއް ހަލާކު ތިޔަކުރައްވަނީ

  2. މަނީމަނީ

    މަހީކުރީ ޕީޕީއެމް އޮފީސްކަމަށް