ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ގޮތެއް ނިންވާނީ ވަރަށް ވިސްނަވާފައި ކަމަށާއި ސަނީފަށް އިތުބާރު ކުރެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުލް މުޣުނީ ވިދާޅުވެއްޖެއެވެ.

މެންބަރު މުޣުނީ މިފަދައިން ވިދާޅުވީ، މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ރޭ ބޭއްވި ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައެއް ބޭރުކޮށްލަން ސަނީފް ވޯޓު ދެއްވާފައިވަނިކޮޮށެވެ. އަދި އެކަމާ ގުޅިގެން ރައީސް ނަޝީދުގެ ސަޕޯޓަރުން ސަނީފަށް ފާޑުކިޔާފައިވަނިކޮށެވެ.

މުޣުނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައި ވަނީ މެންބަރު ސަނީފް އެންމެ ރަނގަޅު ގޮތް ނޫން ގޮތަކަށް ވޯޓު ނުދެއްވާނެ ކަމަށެވެ. އަދި މެންބަރު ސަނީފަށް ތިނަދޫ ރައްޔިތުން އިތުބާރު ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.

މި ޕޯސްޓާ ގުޅޭ ގޮތުން މުޣުނީ "ވަގުތު" އަށް ވިދާޅުވީ އޭނާ އިޝާރާތް ކުރުމަކީ މަޖިލީހުގައި މުޣުނީއާއި ސަނީފް ކުރައްވާ ހުރިހާ މަސައްކަތަކަށެވެ. އަދި ވިދާޅުވީ ރޭގެ ކޮމިޓީގައި ނިންމެވި ނިންމެވުމާއި އަދި އެހެން މައްސަލަތަކުގައި ވެސް ސަނީފް ވޯޓް ދެއްވާނީ ވަރަށް ވިސްނަވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ޚިޔާލު ތަފާތު ވެދާނެ، ސަނީފް ކޮންމެ ނިންމެވުމެއް ވެސް ނިންމަވާނީ ވަރަށް ވިސްނަވާފައި،" މުޣުނީ ވިދާޅުވިއެވެ.

މަޖިލީހުގެ އިމްތިޔާޒު ކޮމިޓީން ރޭ ބޭރުކޮށްލަން ނިންމި މައްސަލައަކީ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލްގެ މައްޗަށް މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ތުހުމަތުކޮށް އެ ކޮމިޓީއަށް ހުށަހެޅި މައްސަލައެކެވެ.

ޒަމީލަށް މި ތުހުމަތު ކުރަނީ މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށް ގެންދާ އިންކުއަރީއަށް ސިފައިންގެ ވަކިވަކި ބޭފުޅުން ހާޒިރުނުކުރެވޭނެ ކަމަށް މަޖިލީހަށް އެންގި ލިޔުމުގައި ޒަމީލްގެ ސޮއި އޮތުމުންނެވެ.

އެ މައްސަލަ ކޮމިޓީން ބޭރުކޮށްލަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. ނާޒިމްގެ ހުށަހެޅުއްވުން ފާސްކުރަން އެމްޑީޕީގެ ހަތަރު މެންބަރަކު ވޯޓު ދެއްވިއެވެ.

އެ މެންބަރުންނަކީ ސަނީފްގެ އިތުރުން ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދާއި، މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާއި، ގަމު ދާއިރާގެ މެންބަރު މުހައްމަދު ވަސީމެވެ.

މި މެންބަރުން އެ ގޮތަށް ވޯޓު ދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ޅިޔަނު، އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ލޮބީ ކުރައްވައިގެން ކަމަށްވެއެވެ. ބިގޭ އެ ގޮތަށް އެންގެވީ ވެސް ރައީސް ސޯލިހް ކަމަށް އެމްޑީޕީގެ މެންބަރުން އެބަ ވިދާޅުވެއެވެ.

ޒަމީލަށް ދައުވާ ކުރަން މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުުގައި ވެސް އެދުނެވެ. އެކަމަކު ޕީޖީން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފުރަތަމަ ފުލުހަަށް ހުށަހަޅަން ލަފާދީ އަނބުރާ މަޖިލީހަށް ފޮނުވާލާއިފައެވެ.

މި މަހުގެ ހަވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭއިން ހަފުތާއެއްހާ ދުވަހު ފަރުވާ ހޯއްދެވުމަށް ފަހު ޖަރުމަނަށް ވަޑައިގެންނެވި ގޮތަށް އެމަނިކުފާނު ހުންނެވީ އެ ގައުމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނާޅި

    ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަކީ ވަކި ސިޔާސީ ބަޔަކަށް އަޅުވެތިވެގެން ތިބޭ ގޮތަކަށް މެމްބަރުން ހުވާކޮށްގެން ތިބޭބަޔެއްނޫން، މެމްބަރުން ހުވާކުރީ އިސްލާމް ދީނަށް ހުރުމަތްތެރި ކޮށް ހިތާ ޤާނޫނުއަސާސީއާއި ރައްޔިތުން ހިމާޔަތްކޮށް ޤައުމީ މަސްލަހަތު އިސްކުރަން !

  2. ޖާބެ

    ވިޔަފާރި ނެގޯށިއޭޝަނެއްތަ

  3. އަބްދޫ

    އެމްޑީޕީ ގެސަރުކާރު ނަސީދު މުށުތެރޭން ދޫވެގެން ދިޔައީ ހެއްދެވި ގާނޫނީ ބޮޑެތި ފުށުއެރުމާއި އެކު ގާނޫނުއަސަސޢާއިހަިލާފަށް ގާނޫނުއަސަސީގަޑުބަޑުކޮށް ބާރުތަށް އަތށް ނަގާ ދުސްތޫރީގެ ބޭރުން ގައުމު އަމިއްލަޔަށް ހިންގަން ފެށުމުން . މިވާހަކަ މިލިއުނީ މުލީއަގެގަ ނަސިދު ލިއުއްވި ލިއުން މިހަރުވެސް އަތުގަ އޮތީމާ.މިހާރުވެސް ނަސިދުގެ ނިންމެވުންތަކުންފެންނަނި ގާނުނައި ގަނޫނުއސާސީ އޮތީ ނަސީދުގެ ފައިދަށުގަ ހެން އެއީ އެއްވެސް އެްޗެއްނޫންހެން. ނަސީދު ހިތަށްއަރާ ވާހަކައެއްބުނީ އެގޮތަށް ވަގުތުން ގާނޫނު ބަދަލުވެގެން ދާންޖެހޭހެން. މިހިސާބަސް ކަންކަން ދިޔައީމާ އަމިއްލަ ޕާޓީގެ މެމްބަރުންވެސް އިދިކޮޅަށް ނިކުންނަންފަށާނެ. ކޮންމެމިހަކީ އެޅިބަތަކަށް ރިހަވެގެން އުޅޭ މީހެއްނޫން.