ކޮވިޑް-19 ބަލީގައި އަންގާރަ ދުވަހުގެ ރޭ ނިޔާވި އުމުރުން 10 އަހަރުގެ ފާތުމަތު މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލެވެފައިވާ މިންވަރު ދެނެގަތުމުގެ އެއްވެސް މަސައްކަތެއް އަދި އެއްވެސް ތަހުގީގެއް ފުލުހުންގެ އިދާރާއިން ކުރަމުން ނުދާ ކަމަށް ހިއުމަން ރައިޓް ކޮމިޝަން (އެޗްއާރުސީއެމް) ވިދާޅުވެއްޖެއެވެ.

މިޝްކާގެ މަރުގެ މައްސަލައާއި ގުޅިގެން މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ބައްދަލުވުމުގައި ހެލްތު މިނިސްޓަރުގެ އިތުރުން އެޗްއާރުސީއެމްގެ ތިން ބޭފުޅެއް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ކޮމިޓީގެ މެމްބަރުންގެ އިތުރުން މިޝްކާ ނިސްބަތްވާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފުވެސް ބައިވެރިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ވާހަކަދައްކަވަމުން މުއުމިނާ ވިދާޅުވީ މިޝްކާގެ މަރުގެ މައްސަލައާއި ގުލޭ ރިޕޯޓެއް މިއަދުގެ ވަގުތެއްގައި މަޖިލީހަށް ހުށަހަޅާފައި ވާނެ ކަމަށެވެ. އެ ރިޕޯޓަކީ މިޝްކާގެ ބައްޕައާއި ބޮޑުބޭބެގެ ފޯނު ކޯލް އިންޓަވިއުއަކުން ދިން މައުލޫމާތުތަކެއްގެ މައްޗަށް އެކުލަވާލި ރިޕޯޓެއްކަން ފާހަގަކުރެއްވިއެވެ. ނަމަވެސް މަޖިލީހަށް އެ ރިޕޯޓު ހުށަހެޅިފަހުން އެ ހާދިސާގެ ޓައިމްލައިންއެއް އާއިލާއިން ހިއްސާކުރެއްވި ކަމަށްވެއެވެ. އާއިލާއިން ފޮނުވި ޓައިމްލައިންއާއި އެޗްއާރުސީއެމްއިން އެކުލަވާލި ރިޕޯޓުގައި ކުދި ތަފާތުތަކެއް ހުރުމުން އެ ލިޔުންވެސް ކޮމިޓީއާއި ހިއްސާ ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއުމިނާ ވިދާޅުވި ގޮތުގައި މި މައްސަލައާއި ގުޅޭ ގޮތުން އެޗްއާރުސީއެމްއިން ކުރަމުންދާ ތަހުގީގަށް ސަރުކާރުގެ މުއަސަސާތަކުގެ އެއްބާރުލުން ލިބިގެން ނުދެއެވެ. އެގޮތުން ހެލްތު މިނިސްޓްރީއިން މި މައްސަލައާއި ގުލޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް އުޒުރުވެރިވާ ކަމަށް މުއުމިނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ކަމާއި ގުޅުންހުރި އިދާރާތަކުން އަދި މައުލޫމާތެއް ނުލިބޭ. ފުރަތަމަ ހެލްތު މިނިސްޓްރީއިން ވިދާޅުވީ ރިޕޯތް އާންމުކުރުމުން އަޅުގަނޑުމެންނަށް އެ މައުލޫމާތުތައް ފޮނުއްވާދެއްވާނެ ކަމަށް. އޭގެ ފަހުންވެސް ސިޓީއެއް ފޮނުވާފައި ވަނީ. އެކަމަކު އަޅުގަނޑުމެންނަށް އަދިވެސް މައުލޫމާތު ލިބިފައެއް ނުވޭ." މުއުމިނާ ވިދާޅުވިއެވެ.

މީގެއިތުރުން ޖެންޑާ މިނިސްޓްރީއިންވެސް އެޗްއާރުސިއެމްއިން ކުރިއަށް ގެންދާ ތަހުގީގަށް އެއްބާރުލުން ނުދޭކަން ފާހަގަކުރިއެވެ. ފުލުހުންނަށް ލިޔުމުން އެއިދާރާއިން އެންމެ ފުރަތަމަ މައުލޫމާތު ދީފައި ނުވިނަމަވެސް ފަހުން ގުޅުމުން އެ މައްސަލައާއި ގުޅުން ހުރި އެއްވެސް ކަމެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ވިދާޅުވިކަން އެޗްއާއުސީއެމްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

މިޝްކާއަށް ސިއްހީ އިދާރާތަކުން އިހުމާލެވެފައިވާ މިންވަރު ދެނެގަތުމަށް ކުރި ތަހުގީގަށްފަހު އާންމު ކުރި ރިޕޯޓުގައި ބައެއް އުނި ކަމަށް ބުނެ އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައިދިނުމަށް އާއިލާގެ ފަރާތުން ފުލުހުންގެ އިދާރާގައި އެދިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހާށަވިޔަނި

    ހިންގާ ތަހުޤީޤުތަކުގައިވެސް އިހުމާލު. ރޯޔަލް ފެމެލީގެ ކުއްޖަކަށްނުވާޓީ އަޅާނުލެވި. ރޯޔަލް މީހުން ރޭޕްކުރިޔަސް ގެވެށި އަނިޔާކުރިޔަސް އޯކޭ

    19
  2. Anonymous

    ނުދޭނެ. އިހްމާލު އެބައޮތޭ ނުކެރޭނެ ސާފު މަޢްލޫމާތު ދޭކަން. ދީފިއްޔާ ފަޟީޙަތް ވެ ބޭޒާރު ވާނެ.
    ކުރަން ވީކަމަކީ އިސްތިއުފާ ދޭންވީ. ފެއިލްވެއްޖެ.
    ފުރަތަމަ ހިވި އެރެއިން އެރެއަށް މައްސަލަ ނިންމާނެހެން. ރައްޔިތުން އޭރުވެސް ކިޔޭ. ތިޔަވާނީ އިބިލީހު ކާވެންޏަށޭ. ހަމަ އެހެންމިވީ

    11
  3. Anonymous

    މޫމިނާ ހަދާނެތަ ތެދެ އް؟

    1
    2