މިހާރު ރާއްޖޭގައި މިއޮތް މާހައުލުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލު މިފަދައިން ވިދާޅުވެފައި ވަނީ ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ރައީސް ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލުމާ ގުޅިގެން އެ ޕާޓީގެ ތެރޭގައި ބޮޑެތި ހިޔާލުތަފާތުވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެ މައްސަލަ ބޭރުކޮށްލާފައިވަނީ އެމްޑީޕީ މެމްބަރުންގެ ވޯޓާއި އެކީއެވެ.

މިކަމާއި ގުޅިގެން ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޙައްޤު ގޮތް ހޯދަން އެންމެން ވެސް ވަކާލާތު ކުރަންވީ ތިމާއާއި ކަންކަން އަރާހަމަ ކުރާނީ ކޮންއިރަކުކަން ނޭނގޭތީ ކަމަށާއި އެއްވެސް މީހަކަށް ބޭއިންސާފެއް މެދުވެރިވާއިރު ބެރުޖަހައި އުފާކުރުމަކީ ނާތަޙުޒީބު ކަމެއްކަން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަށް ވެސް މިހާރު އެނގިވަޑައިގަންނަވާނެ ކަމަށެވެ.

އަދި މިމާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.

“މިއަދު މިއޮތް މާހައުލުގައި ރައީސް ނަޝީދަށް އިންސާފު ލިބުމަކީ މުޞްތަޙީލް ކަމެއް. ޢަދުލުވެރިކަން ޤާއިމްކުރެވޭނީ އެއް ވިސްނުމެއްގެ އަހުލުވެރިން ގުޅިގެން މަސައްކަތްކޮށްގެން" ޖަމީލު ވިދާޅުވިއެވެ.

ޒަމީލްގެ މައްސަލަ ބޭރުކޮށްލިއިރު، މަޖިލީހުން ވަނީ ޒަމީލްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި ވެސް އެދިފައެވެ. އެހެން ނަމަވެސް ޕީޖީން ވެސް ވަނީ އެމައްސަލަ ބޭރުކޮށްފައެވެ.