ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ އަތޮޅު ކައުންސިލްގެ ރައީސުންގެ މެންބަރުގެ މަގާމަށް ކުރިމަތިލި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުގެ ކެންޑިޑެސީގެ މައްސަލަ ހައި ކޯޓުން ބަލައިނުގަންނަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޝީރުގެ ކެންޑިޑެސީ ބަލައިނުގަތީ ކެންޑިޑެސީ ފޯމު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ ހަތަރު މިނެޓު ފަހުން ބަޝީރު އޭނާގެ ފޯމު ހުށަހެޅުއްވުމުން ކަމަށް ބުނެއެވެ.

މި މައްސަލަ އިންތިޚާބީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ބަޝީރު ހުށަހެޅުއްވިއިރު، އެއީ ހައި ކޯޓުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިންތިޚާބީ މައްސަލައެއް ނޫން ކަމަށް ކަނޑައަޅުއްވައި އެ މައްސަލަ ބަލައިނުގަންނަން ނިންމައިފައެވެ.

ހައި ކޯޓުގެ ރަޖިސްޓަރާގެ އެ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވަނީ ހައި ކޯޓަށް ބަޝީރު ހުށަހެޅުއްވި މައްސަލައަކީ އިންތިޚާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ބެލުމުގެ އިހްތިސާސް އޮންނަ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ނޫން ކަމުގައެވެ.

އެމްޑީޕީގެ ފަރާތުން ބަޝީރު މި މަގާމަށް ކުރިމަތި ލެއްވިއިރު، ދެން މި މަގާމަށް ކުރިމަތި ލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

މިހެންވެ އިންތިޚާބަކާ ނުލައި ނިމާލް އެ މަގާމަށް ހޮވިފައިވާ ކަމަށް އީސީއިން ކަނޑައަޅައެވެ. އެކަމަކު މި މައްސަލަ އަދި ސުޕްރީމް ކޯޓަށް ވެސް ބަޝީރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ހުށަހަޅާނެ ކަމެއް އަދި ނޭނގެއެވެ.

ބަޝީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޮންލައިންކޮށް ހުށަހަޅަން ޖެހޭ އެ ފޯމު އޭނާ ސުންގަޑި ހަމަވުމުގެ އެއް މިނެޓް ކުރިން ފޮނުވި ކަމަށެވެ. އެކަމަކު އީސީއަށް އެ ފޯމު ފަހުން ލިބިދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ބަޝީރު ވަނީ ސުންގަޑީގެ ކުރިން މެސެޖް ފޮނުވި ކަމަށް ފެންނަ ސްކްރީން ޝޮޓެއް ވެސް ޚިއްސާކުރައްވައިފައެވެ.

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުން އިންތިހާބު ކުރުމަށް ވޯޓުލުން އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގައެވެ. ގާނޫނުގައި އޮންނަ ގޮތުން އެ ކައުންސިލަށް ސިޓީ ކައުންސިލްގެ މެންބަރަކާއި، އަތޮޅު ކައުންސިލްގެ ރައީސަކާއި، ރަށު ކައުންސިލްގެ މެންބަރަކު އިންނަވާނެއެވެ. މި މެންބަރުން އިންތިޚާބު ކުރާނީ ކައުންސިލަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. އަބްދޫ

  ޢޮންލަ އިން ކޮށް ފޮނުވިޔަސް އެތަނުން ބަލަންޖެހޭނީ އެތަނަށް ރެސީވް ވީ ވަގުތު. އެކަން ނޭގުމަކީ މޮޔަކަން.

  14
  • އަލީމަނިކުޙަސަނު

   އެކަށީގެންވާ މުއްދަތެއް ލިބި އަދި އެދުވަހުގެ ވެސް ރަސްމީ ގަޑީ ލިބި، އެންމެ ފަހު މނިެޓްގައި ތިކަމާ އުޅުމުން ވަގުތަށް ސަމާލުކަން ނުދެވުނުކަން ފާހަގަވޭ/

 2. ލޯބިވާ ވަޠަން

  މިފެންވަރުގެ މީހުން ބޯޑްތަކަށް ކުރިމަތި މިލަނީ. ތި ފޮނުވި ޑޮކިެުމެންޓް އެތަނަށް ލިބުނުކަމަށް ވާނީ ގަޑިޖެހުމުގެ ކުރިން އެތަނަށް ލިބުމުން. 3 ދުވަސް ކުރިން ރަށުން ފުރި ބޯޓަށް ލީމޭ ބުންޏަސް ނުވާނެ.

  10
 3. Anonymous

  ބަޝީރުއަށް ތިއޮތީ އެޅިފައި ހަމަ ޅައެއްޗެއް.
  ގަޑިއަށް ފަރުވާ ނުބަހައްކަން ރައްޔިތުންނަށް އެނގުނީ. ނ.އަތޮޅަށް ފުރަތަމަވެސް ދޯކާތިދިނީ.
  ފަހުން ދެން ވަނީ ކޮންރަނގަޅެއް .

 4. ކަރީމް

  އެލްޖީއޭ ބޯޑްގެ އަތޮޅުކައުންސިލްގެ ރައީސްކަން ލިބިގެން އެފްބީގަ އުފާފާޅުކޮށްފަ ފަހުގަޑީގަ ގޮނޑި ވިއްކާލީ ކަމަށް އަތޮޅު އެމްޑީޕީ ކުދިން އެބަކިޔާ.އެހެންވީމާ މިވާގޮތް އެބައެނގޭ!!!!!