މިއަދު ރާއްޖެ އިން އިތުރު 552 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުން ވަނީ އިއްޔެ ފައްސިވި މީހުންނަށްވުރެ އިތުރުވެފައެވެ. އިއްޔެ ފައްސިވީ 412 މީހުންނެވެ.

މިއަދު ފައްސިވި މީހުންގެ ތެރެއިން 271 މީހަކު ފައްސިވީ މާލެ އިންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން މިއަދު 249 މީހަކު ފައްސިވިއެވެ. ރިސޯޓްތަކުން 31 މީހަކު އަދި ތަރައްގީ ކުރަމުންދާ ރިސޯޓަކުން އެކަކު މިއަދު ފައްސިވިއެވެ.

މިއަދަކީ ފަހަކަށް އައިސް އަތޮޅުތެރެއިން އެންމެ ގިނަ މީހުން ކޮވިޑަށް ފައްސިވި ދުވަހެވެ.

މިއަދު ކޮވިޑަށް ޓެސްޓް ކޮށްފައި ވަނީ 5043 މީހުންނެވެ. އެހެންކަމުން ޓެސްޓް ކުރި މީހުންގެ ތެރެއިން %11 މީހުން ވަނީ މިއަދު ފައްސިވެފައެވެ. އިއްޔެ ކޮވިޑަށް ޓެސްޓް ކުރި މީހުންގެ ތެރެއިން ފައްސިވީ %8 މީހުންނެވެ.

މިއަދު ކޮވިޑަށް ފައްސިވި މީހުންގެ އަދަދު އިއްޔެއަށްވުރެ މަދުވި ނަމަވެސް މިހާރު ކޮވިޑް ޖެހިފައި ތިބި މީހުން ނުވަތަ އެކްޓިވް ކޭސްގެ އަދަދު މިއަދު ވަނީ 18462 އަށް މަދުވެފައެވެ. މިއަދަކީ އެކްޓިވް ކޭސްގެ އަދަދު މެއި މަހުގެ 19 ވަނަ ދުވަހަށްފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިގެން އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު މިހާރު ވަނީ 164 އަށް މަދުވެފައެވެ. މިއަދަކީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު މެއި މަހުގެ 01 ވަނަ ދުވަހަށް ފަހު އެންމެ މަދުވި ދުވަހެވެ.

ކޮވިޑް ޖެހިގެން މިއަދު މިހާތަނަށް ވަނީ ތިން މީހަކު ނިޔާވެފައެވެ.

ރާއްޖެ އިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ މެއި މަހުގެ 29 ވަނަ ދުވަހުން ފެށިގެން މަދުވަމުންނެވެ. މިހާރު އަދަދުތަކަށް އަންނަ ބަދަލަށް ބަލާއިރު މިހާރު އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކަށް މިމަހުގެ 09 ވަނަ ދުވަހަށް ފަހު ކޮންމެވެސް ވަރެއްގެ ލުއިތަކެއް ދިނުން އެކަށީގެންވެއެވެ.