އދ. ގެ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބުވުމާ އެކު، ކުރިން ނުހުޅުވުނު އެތައް ދޮރެއް ހުޅުވި ރާއްޖެ އަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ ވިދާޅުވެއްޖެއެވެ.

އަފްގާނިސްތާނުގެ ކުރީގެ ފޮރިން މިނިސްޓަރު ޑރ. ޒަލްމާއި ރަސޫލްއާ ވާދަކުރައްވައި ބޮޑު ތަފާތަކުން ޝާހިދު ވަނީ އދ. ގެ އާއްމު މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންފައެވެ. މިއީ އދ. ގައި ދިވެއްސަކަށް މިހާ މަތީ ޝަރަފެއް ލިބިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން އިސްވެ މަރުހަބާ ވިދާޅުވުމާ އެކު، ޝާހިދު ފުރަތަމަ ވެސް ހަނދާން އާ ކުރެއްވީ ރާއްޖޭގެ ރައްޔިތުންގެ މަތިންނެވެ. ރާއްޖޭގެ ރައްޔިތުންނަށް ތަހުނިޔާ އާއި މުބާރަކްބާދީ ފޮނުއްވެވީ ވަރަށް ޖޯޝުގައި ހުންނަވައެވެ. އިންޓަވިއު ނިންމަވާލެއްވީ، "ވަގުތު" އާއި އެ ޓީމުގެ ހުރިހާ ނޫސްވެރިންނަށް ވެސް މަރުހަބާ އާއި ތަހުނިޔާ ފޮނުއްވަމުންނެވެ.

އދ. ގެ 193 މެމްބަރު ގައުމުތަކުގެ މެދުގައި ނެގި ސިއްރު ވޯޓުގައި އާއްމު މަޖިލީހުގެ ރައީސްކަމަށް ޝާހިދު އިންތިހާބުކޮށްފައިވަނީ 143 ގައުމުގެ ވޯޓާއެކުގައެވެ. މި އިންތިހާބުގައި ރަސޫލްއަށް ލިބިވަޑައިގެންނެވީ 48 ވޯޓެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް އިންތިޚާބުކުރުމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭ އެ މަޖިލީހުގައި ވާހަކަ ދައްކަވަނީ

ނިއު ޔޯކްގައި ހުންނަވައި ޝާހިދު "ވަގުތަށް" ވިދާޅުވީ އާއްމު މަޖިލީހުގެ ރައީސްގެ ގޮނޑި ކާމިޔާބުވުމަކީ ވަކި ފަރުދަކަށް ލިބުނު ފަހުރެއް ނޫން ކަމަށާއި، އެއީ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބުނު ކާމީޔާބީއަކާއި ޝަރަފެއް ކަމަށެވެ. މިއީ ރާއްޖޭގެ ރައްޔިތުން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި މިކަމުން ހާމަވީ ސަރުކާރުގެ "ސިޔާސަތުގެ ވަރުގަދަކަމާއި" "ސިޔާސަތުގެ ގަދަކަން" ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

"އަދި އަޅުގަނޑު ގަބޫލު ކުރަނީ މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތޫނު ވިސްނުންފުޅުގެ ސަބަބުން ކަމަށް. ޑިމޮކްރަސީގެ ހަރުދަނާ މިސާލުގެ ސަބަބުން. ތަރައްގީ އަށް ރާއްޖޭގެ ރައްޔިތުން ބޭނުންވާ މިންވަރު. ތިމާވެށި ހިމާޔަތް ކުރުމުގައި ބޭނުންވާ ކަން،" ޝާހިދު ވިދާޅުވިއެވެ.

ރާއްޖޭގެ ހާރިޖީ ދާއިރާގައި އެންމެ ތަޖުރިބާކާރު ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝާހިދު ފޮރިން މިނިސްޓަރު ކަމާ ނޮވެމްބަރު 17، 2018 ގައި ހަވާލުވެވަޑައިގެންނެވި ފަހުން އެންމެ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރެއްވީ ބޭރު ގައުމުތަކާ އޮތް ގުޅުން ބަދަހި ކުރެއްވުމެވެ. ޝާހިދު ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ސަބަބުން ދުނިޔޭގެ ގައުމުތަކާ އޮތީ ބީރައްޓެހި ގުޅުމެކެވެ.

ޝާހިދު، އެމެރިކާގެ ނިއު ޔޯކްގައި ހުންނަ އދ. ގެ އާއްމު މަޖިލިހުގައި

ޝާހިދު ވަނީ ވަޒީރު ކަމަށް ވަޑައިގެން ބޭރު ގައުމުތަކާ އޮތް "ބީރައްޓެހި" ގުޅުން ބަދަހި ގުޅުމަކަށް ބަދަލު ކުރައްވައިފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ މިހާ މަތީ ޝަރަފެއް ރާއްޖެ އަށް ލިބިފައި މިވަނީ ރާއްޖެ އާއި ބޭރު ގައުމުތަކާ ދެމެދު އޮތް ގުޅުމުގެ ވަރުގަދަ ކަމުގެ ސަބަބުންނެވެ.

އެކަމުގެ ސަބަބުން މި ގޮނޑި ކާމިޔާބު ކުރަން އެއްވެސް އުނދަގުލެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ނޮވެމްބަރު 17، 2018 ގައި ރައީސް އިބްރާހިމް ވެރިކަމަށް ވަޑައިގެންނެވި އިރުން ފެށިގެން ގެންގުޅުއްވީ ހަރުދަނާ ހާރިޖީ ސިޔާސަތެއް، މި ހަރުދަނާ ސިޔާސަތުތައް ދުނިޔޭގެ ގައުމުތައް ވަނީ ބަލައިގެންފައި، އެކަމުގެ ނަތީޖާ މި ފެނިގެން ދިޔައީ،" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކަށް އިންތިހާބުވުމާއެކު، ރާއްޖެ އަށާއި ދިވެހި ރައްޔިތުންނަށް ކުރިން ނުލިބުނު އެތައް ފުރުސަތުތަކެއް ދެން ލިބޭނެ ކަމަށެވެ. ހާއްސަކޮށް ޓޫރިޒަމާއި އިގްތިސާދަށް މިކަމުން ފައިދާވާނެ ކަމަށް ވިދާޅުވިއެވެ.

ޝާހިދު، އދ. ގެ އާއްމު މަޖިލިހުގައި. --- ފޮޓޯ: ފޮރިން މިނިސްޓްރީ

"ދިވެއްސަކު މި މަގާމުގައި އިނީމަ، އިހަށް ނުހުޅުވުނު އެތައް ދޮރެއް ހުޅުވިގެންދާނެ، ރާއްޖެއާ ގުޅަން ބޭނުންވާ ވެރިން ތިބޭނެ. ވެރިން ރާއްޖެއާ ބައްދަލު ކުރަން ބޭނުން ވާނެ. އަޅުގަނޑު ފޮރިން މިނިސްޓަރުކަމުގައި ހުރެގެން ކުރިން ބައްދަލުނުވި ކިތަންމެ ވަޒީރުންނަކާ ދެން ބައްދަލު ކުރެވޭނެ،" ޝާހިދު ވިދާޅުވިއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ކާމިޔާބުކުރަން ދިވެހި ސަރުކާރުން ހޭދަކުރީ ތިން މިލިއަން ރުފިޔާއެވެ. މި ކަމަށް ހަރަދު ކުރަން 4.3 މިލިއަން ރުފިޔާ ވަނީ މި އަހަރަށް ފާސްކޮށް، ބަޖެޓުގައި ހިމަނައިފައެވެ.

އެކަމަކު، އދ. ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރަން ޔާމީންގެ ވެރިކަމުގައި 1.1 މިލިއަން ޑޮލަރާ (17 މިލިއަން ރުފިޔާ) ހޭދަކޮށްގެން ވެސް އިންތިހާބު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ. އޭރުގައި ރާއްޖެ އަށް ލިބިފައި ވަނީ 46 ވޯޓެވެ.

ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑި ކާމިޔާބުނުވީ އޭރުގެ ސިޔާސަތުތައް ބޭރު ގައުމުތަކުން ބަލައިނުގަތީމަ ކަމަށެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައި ވަނީ ސެޕްޓެމްބަރު 14، 2021 ގައެވެ.

ރާއްޖެ އަށް އދ. ގެ އާއްމު މަޖިލިހުގެ ރައީސް ކަން ލިބުނު އިރު، ރާއްޖެ އިން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑިއަށް ވާދަކުރަން ވެސް ނިންމައިފައެވެ. ޝާހިދު ވިދާޅުވި ގޮތުގައި އދ. ގެ އާއްމު މަޖިލިހުގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމުގެ ސަބަބުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ރާއްޖެ އަށް ހޯދުމަކީ މިހާރު ފަސޭހަ ކަމަކަށް ވާނެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ ދުނިޔޭގައި އެންމެ ބާރު ހިނގާނެ އެއް ލީޑަރަށް ވާނެއެވެ. މީގެކުރިން ނަމަ އާންމު މަޖިލީހަށް މައްސައެއް ގެންނަން ބޭނުން ނަމަ ރައީސަކަށް ހުންނަވާ ބޭފުޅަކާ މަޝްވަރާކޮށްގެން މައްސަލަ އެޖެންޑާ ކުރާ ތަން ފެނެއެވެ. އަދި ބައެއް މައްސަލަތައް އެޖެންޑާގެ ކުރިއަށް ގެންގޮސްގެން ކުރާ ފަހަރު ވެސް އާދެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މަޖިލީހުގެ ރައީސަކަށް ހުންނަވާ ބޭފުޅަކު ނިސްބަތްވާ ގައުމަށް ވެސް ފައިދާކުރެއެވެ. އިގްތިސާދީ ކުރިއެރުމާއި ތަރައްގީގެ އެތައް ފުރުސަތެއްގެ ދޮރު ހުޅުވިގެންދެއެވެ.

އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސަކު ހޮވުމަށް ނިއު ޔޯކުގައި ބޭއްވި އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވުމަށް ފަހު ޝާހިދު ދެއްވި ތަގްރީރުގައި ވިދާޅުވީ އާއްމު މަޖިލީހުގެ އާ ރައީސް ކަމާ ހަވާލުވެވަޑައިގެން، އެންމެ ފުރަތަމަ ޚާއްސަ އިސްކަމެއް ދެއްވާނީ ކޮވިޑް-19ގެ ހާލަތު އަރައިގަތުމަށް ދުނިޔެ ކުރާ މަސައްކަތަށް އެއްބާރުލުން ދެއްވުން ކަމަށެވެ. އަދި ކުރިއަށް ވުރެ ވަރުގަދަ، ފެހި އަދި ނޫ މުޖުތަމައުއެއް ބިނާ ކުރުމާއި އާއްމު މަޖިލީހުގައި ޒުވާނުންގެ އަޑު އިތުރުކޮށް، ޒުވާނުންނަށް އޮތް ޖާގަ އިތުރުކޮށްދިނުމާއި ޖިންސީ ހަމަހަމަ ކަމަށް ވަކާލާތުކޮށް، ޖިންސީ ތަފާތުކުރުންތަކާއި ދެކޮޅަށް އަޑު އުފުލުން ފަދަ ކަންކަން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ކޮވިޑް

    އިސްލާމް ދީނަށް ފުރައްސާރަ ކުރަންތޯ؟ އިތުރު ވައްކަންތައް ކުރުމަށްތޯ؟ނޫނީ ރައްޔަތުން ނަހާ ކުރަންތޯ؟

    57
    4
  2. ޢަންނި

    ނަރަކައިގެ ދޮރުބާ؟ އދ. އަކީ ވަކިބައެއްގެ މަސްލަޙަތު ހިމާޔަތްކުރާ ބައެއް.

    51
  3. ބުލް ބުލޭ

    ވަލު ދޮރޯށި ވެސް ހުޅުވިގެން ދާނެ ދޯ؟

    48
  4. އިބްރާހީމް

    މަނިކުފާނަށް މަރުހަބާ.ގިނަބަޔަކު ހީކުރިގޮތާއި ޚިލާފަށް މަނިކުފާނުގެ ތަޤްރީރު ވަރަށް ފުރިހަމަ. ޝުކުރިއްޔާ ރައީސް.

    5
    49
  5. Anonymous

    ނަމަ ނަމަ ނުބަ އި ދޮރެ އް ނުހުޅުވަ އްޗޭ

    37
    1
  6. ޢަހުމަދު

    މަރުހަބާ، އެކަމު އަފުގާނިސްތާނާ ވާދަކޮށްގެން މަވެސް ތިގޮނޑި ނަގާނަން

    36
    1
  7. އުގުރި

    ތިކަހަލަ ވިކޭ މީހުން ތިކަހަލަ މަގާމް ތަކަށް. އައ އީމަ އަސަރު ކުރާނީ އިސްލާމް ދީނަށާ އި މިދިވެހި ގަ އުމަ އާ..

    41
    1
  8. މުރާދު

    ލާދީނީފިކުރުގެމީހުން ވަރަށްމަސައްކަތްކުރޭ މިގައުމަށް އިސްލާމްދީންނޫން އެހެންދީތައް ގެނައުމަށް
    އަދި ބޭރުގެބައެއްފަރާތްތަކުންވެސް ވަރަށްޝަކުވާކުރާކަމެއްއެއީ ދިވެހިރާއްޖޭގައި އިސްލާމްދީންނޫން
    އެހެންދީންތަކަށް ޖާގަނެތުން މިގައުމުގެ ކާބަފައިންވަނީ ނުހަނުގިނަމަސައްކަތްތަކެއްކުރައްވާ ފުރާނައިން ގުރުބާންވެލައްވައިންވެސް ގައުމާ،އިސްލާމްދީން ހިމާޔަތްކުރައްވާ އެނަސީބު މިޖީލަށް ފޯރުވާދެއްވަފައި ވީމާ. ކުރިންނުހުޅުވިވާ ދޮރެއްކަމަށްބައްލަވާ ރާއްޖޭގައި އިސްލަމްދީންނޫން އެހެން
    ދީންތަަކަށް ދޮރުހުޅުވަން މަސައްކަތްނުކުރެއްވުމަށް ވަރަށްއާދޭހައެކު ޝާހިދަށްދަންނަވަން ރާއްޖެ
    އ.ދ އާއްމު މަޖިލީހުގެ ރައީސަކަށް ޝާހިދުހޮވުން އެއީ މިކަމާގުޅުންހުރިކަމަކަށްވެދާނެ އަދި
    އެމެރިކާގެ އެހީއަށް ޝާހިދު ޝުކުރުދަންނަވާފައިވޭ އެދުމެއްނެތި ވެދުމެއްނުކުރާނޭ ބުނެވޭ
    އެމެރިކާގެބޭނުމަކީ ޝާހިދުމެދުވެރިކޮށް ރާއްޖޭގައި އެހެންދީތައް ފެތުރުންކަމަށްވެދާނެ އެކަހަލަ
    ވިސްނުމެއްނުގެންގުޅުއްވާނެކަމަށް އުއްމީދުކުރަން ރާއްޖޭގައި އެހެންދީންތަކަށް

    31
    1
    • ސަލީމް

      يالله... ޝާހިދު އަށް ހެޔޮވިސްނުން ދެއްވާށި! ޢިސްލާމް ދީނާއި ދިވެހި ގައުމް އަދި އިސްލާމީ ދުނިޔޭގެ ހެވަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީގު ދެއްވާށި! ... ނޫންނަމަ އޭނާގެ ނުބައިކަމުން އަޅަމެން ސަލާމަތް ކޮއްދެއްވާށި..!

      30
  9. އަހްމަދު

    ރައީސް ޔާމީންގެވެރިކަމުގަ ރާއްޖޭގަތިބިލާދީނީ ހުރިހާމީހުންދިޔައީ ޔަހޫދީންނާގުޅިގެން ރާއްޖެއަށްދަތިކުރުމަށް މަސައްކަތްކުރަމުން ތިޔަގޮނޑިހޯދަންޔަހޫދީންނާއެކުވެފައިވާއެއްބަސްވުން ތަކުގެސަބަބުން އަހަރުމެންގެ މިރާއްޖެސަލަތްވެއްޖިއްޔާ ކިތަންމެހާވެސް ރަނގަޅު

    39
    1
  10. ގައުމީ ލޯބި

    އަހަރުމެންގެ ޓެކްސް ފައިސާ ބޭނުންކޮށްގެން ކެންޕެއިން ކުރީ.. އަމިއްލަ މަންފާ އަށް ދައުލަތް ބޭނުން ކުރަނީ.. އެމެރިކާޔަށް ވިކިގެން ނޫނީ މިތަނަށް ނުހޮވޭނެ..

    އިޒްރޭލްގެ ޕްރޮޕަގަނޑާއަށް މަގުފަހިކޮށްދޭން ވައުދުވީމަ، އެމެރިކާގެ ރުހުންލިބެނީ..!

    26
    1
  11. އޮފީސް ކުއްޖެއް

    އެމެރިކާގައި ތިހިރީ އަމިއްލަ ކުރިއެރުމަށް ކުރާ މަސައްކަތެއްގައި.. ކީއްވެ ދައުލަތުން މީނާގެ ޚަރަދު ކުރަނީ..؟

    ދައުލަތުގެ މަގާމު އަމިއްލަ މަންފާޔަށް.. ޓެކްސް ޕޭޔަރުންގެ ފައިސާ މީނާ އެމެރިކާގައި ހުރުމަށް ޚަރަދު ނުކުރޭ..

    އަހަރުމެން ދަރުވާފައި ނަގާ ލޯނުން މީނާ އެމެރިކާގައި ހުރުމުގެ ޚަރަދު ނުކުރޭ!

    ކޮންމެ ދުވަހަކަށް 2589 ޑޮލަރު، މީނާގެ ހުރުމުގެ ޚަރަދަށް އެބަދޭ.. މިކަން ހުއްޓާލާ..! މިހާރު 1 މަހަށް ވުރެ ގިަނަ ދުވަސް މިވަނީ ދުވާލަކު މިވަރަށް ޚަރަދު ކުރާތާ
    މިފައިސާ ހޯދާފައި ދައުލަތުގެ ހެލްތަށް މިފައިސާ ޚަރަދުކުރޭ!

    މިހާރުވެސް އެދައްކަނީ ދައުލަތުގެ ކުންފުނި ވިއްކާވާހަކަ..! މިހ

    22
  12. އައައަ

    ތި ހުޅުވޭ ހުރިހާ ދޮރަކުންވެސް ވަންނަނީ ގެއްލުމާއި ހަލާކު ކޮރަޕްޝަނާ އަނިޔާ

    22
    1
  13. Anonymous

    ކަލެއައް ތިމޮޅުވެވުނިީ އަފުއަާނަާއި ވަާދަކޮއްގެން

    14
    1
  14. މަރުޙަބާ ޝާހިދު!

    ޝާހިދަށް މަރުޙަބާ! ތިފަދަ ފަޚުރުވެރި ކަންކަމަކީ ދުނިޔެމަތީގަ އި ﷲ މިންވަރު ކުރަ އްވާ ނިޢުމަތްތަކެވެ! މިފަހަރު ތި މަޤާމު ރާ އްޖެ އަށް ލިބުމަކީ ވަރަށް ބޮޑު ޝަރަފެކެވެ. ރަ އީސް އިބޫ އަށް ވެސް މަރުޙަބާ ދަންނަވަމެވެ!

    1
    10
  15. Happy

    މަރުހަބާ ސާހިދު.. ދިވެހިން ފަހުރުވެރިވޭ!

    2
    11
  16. އަހްމަދު

    ތިއީކޯ ސަރުކާރުގެ ހަރުދަނާ ކަމަކުން ނޫނީ މޮޅު ކަމަކުން ވާ ކަމެއް ނޫން.
    ތި ޔޫއެންއަކީ ކޮރަޕްޓެޑް ތަނެއް، ހުޅަނގު ގެ ޕްރޮޕެގެންޑާ ފަތުރާ ތަނެއް.
    އެހެންވީމާ ޑިމޮކްރަސީ އަށް ހުސްވެ އެމީހުންގެ ޕަޕަޓުންނަށް ވެގެން އުޅޭ ބޭނުން ގޮތެއް ހަދާލެވޭނެ ކަހަލަ ކުޑަ ގައުމެއްގެ ސޮރަކު ބޮޑުަގާމެއް ހަދާފަ ބޮޑު ކޮށްފަ އެތަނަށް ލީމަ ބޭނުން ކަންކަން ކުރެވޭނެ އެއްނު.
    މި ރާއްޖޭގެ އިސްލާމް ދީނާ ކުޅެން ނުބައި ދޮރުތައް ހުޅުވަން ނޫޅޭތި ނަމަ ނަމަ.

    19
    1
  17. މިތުރާ

    😅🤣😂 ފަހަރަކު ދޮރަކުން ވަދެފަ ނިކުމޭ،،،،،ފީކޯ އް

  18. ސޯލިހުބޭ

    އާނ! ނަރަކައިގެ ދޮރުތައް.

  19. ހުސޭނުބޭ

    ކާޕެޓް ގުދަނުގެ ދޮރާއި ފައިފުހި ގުދަނުގެ ދޮރު ވާހަކަ ދޯ ތިބުނީ!

  20. ޖާމިނު

    ރައީސް ޔާމީން ގޭގައި ހުންނެވިއަސް މިކަން ކާމިޔާބު ކޮށްދިނުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި.މުޅިގައިމު މިކަމުގައި އެމަނުކުފާނަށް ޝުކުރުވެރިވާންޖެހޭ

  21. Anonymous

    އިތުރައް ކެވެން އޮތް ހުރިހާ ދޮރެއްވެސް ހުޅުވިގެން ދާނެ ދޯ.

  22. ބޯކޯހަރާމް

    ޝާހިދު އެވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޢޭރުގެ ސިޔާސަތުތައް ބޭރުގެ ޤައުމުތަކަށް ކަމުނުދިޔައީއެވެ. ޢެއީ ދީނީ މިނިވަންކަމާއި، އެއްޖިންސުން ކައިވެނިކުރުމާއި މިކަންކަމަކީ އޭރުގެ ސިޔާސަތުގައި ހުރި ކަންކަމެއް ނޫނެވެ. އެހެންވީމަ އެ ޤައުމުތަކުން ނުރުހޭނެކަން އެނގެއެވެ. ނަމަވެސް މިހާރު އެކަންކަމަށް ޖާގަ ދޭނެކަން އެ ޤައުމުތަކަށް އެނގޭނެއެވެ. އެހެންވީމަ އެމީހުން ރުހޭނެއެވެ. އެ ވިދާޅުވި "ކުރިން ބަންދުވެފައި ހުރި އެތައް ދޮރެއް ހުޅުވޭނެ" މާނައަކީ ކުރިން ދެންނެވި ދީނީ މިނިވަންކަމާއި، އެއްޖިންސުން ކައިވެނިކުރުން ފަދަ ކަންކަން ހުޅުވިގެންދާނެ ވާހަކައެވެ. ދެން ތިބޭފުޅުން އަތް ޖައްސަވާށެވެ. އަޅުގަނޑުމެން ނުޖަހާނަމެވެ.