އދ. ދަނގަތީ ފަޅުގައި އޮތް ސަފާރީއަކުން ޑައިވިންގއަށް ފޭބި ޒުވާނަކު ނިޔާވެއްޖެ އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، އެ ޒުވާނާ ހަބަރު ހުސްވެފައި އޮއްވާ ފެނުނީ އޭނާ ޑައިވިންގއަށް ފޭބި ފަހުން ހަބަރު ނުވެގެން، އެ ސަފާރީގެ ފަޅުވެރިން އޭނާ ހޯދަމުުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ.

އެ ޒުވާނާގެ ހަށިގަނޑު މިހާރު އޮތީ ދަނގެތީގައެވެ. އޭނާ އެރަށަށް ގެންދިޔަ އިރުވެސް ނިޔާވެފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ނިޔާވެފައި އޮއްވާ ފެނުނީ ރ. އަތޮޅު އިނގުރައިދޫއަށް ނިސްބަތްވާ ޒުވާނެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިރޭ 22:30 ހާއިރު ދަނގަތީ ފަޅުގައި އޮތް ބްލޫ ފޯސް 1 ސަފާރީން މޫދަށް ފައިބައިގެން އުޅެނު 32 އަހަރުގެ ޒުވާނެެއްކަމަށްވާ މުމްތާޒް ހުސައިންގެ ހަބަރެއް ނުވެގެން ބެލިއިރު، ސަފާރި ކައިރި މޫދު އަޑީގައި އޮއްވާ ފެނުނު ކަމަށެވެ.

އޮފިޝަލް ވިދާޅުވިގޮތުގައި، އޭނާ މޫދުން އަޑިން ނެގިއިރުވެސް ހަރަކާތެއް ނެތް ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އޭނާ ދަނގެތި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަންގާރަ ދުވަހު ހަވީރު ވަނީ އެންދަމަން އުޅުނު މީހަކު ވެސް ކުއްލި ގޮތަކަށް ނިޔާވެފައެވެ.