ކަނޑުގައިވާ ދިރުމުގެ ހަތަރު ބައިކުޅައެއްބައި ދިރިއުޅޭ ގެދޮރަކީ ފަރުތަކެވެ. މި ކުދި ޖަޒީރާ ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތްކޮށްދޭ އައްޑަނައަކީ ވެސް އެ ފަރުތަކެވެ. މަސްވެރިކަމުގެ ސިނާއަތާއި ފަތުރުވެރިކަމުގެ ސިނާއަތް ބިނާވެފައިވާ މުހިންމު ބަހާއަކީވެސް އެ މުރަކަތަކެވެ. ފަރުތަކަކީ މިހާ މުހިންމު ތަނަކަށްވާއިރު އެ މުރަކަތަކަކީ ރައްކާތެރިކަން ދެވިފައިވާ ތަނަކަށް ވާންޖެހެއެވެ. ދިވެހިންގެ ހިމާޔަތާއި ރައްކާތެރިކަމުގައި ފަރުތައް ވާފަދައިން ފަރުތަކުގެ ހިމާޔަތުގައި އަޅުގަނޑުމެން ތިބެންޖެހެއެވެ. އެ ފަރުތަކަކީ މި ކުޑަ ގައުމުގެ އިގްތިސާދީ ހަޒާނާއެވެ.

އުދައެރުން އަދި ސުނާމީ ފަދަ ކާރިސާތަކުން ސަލާމަތްކޮށްދޭ

ފަރުތަކަކީ 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ހާދިސާ ފަދަ ހާދިސާތަކާއި އުދައެރުން ފަދަ ކަންކަމުން ރަށްތައް ސަލާމަތް ކޮށްދޭ މުހިންމު އަސާސެކެވެ. ބާރު ސްޕީޑެއްގައި އަންނަ ބިޔަ ރާޅުތައް ފަރުތަކުގައި ޖެހުމުން ރާޅުގެ އޮއިވަރުގެ 97 އިންސައްތަ ބާރުމިން ދަށްކޮށްލައެވެ. ދަ ނޭޗަރ ކޮންސަވެންސީ އިން ކުރި ދިރާސާއަކުން ދައްކާ ގޮތުގައި 200 މިލިއަނަށް ވުރެ ގިނަ މީހުންނަށް، ފަރުތަކުގެ ސަބަބުން އެމީހުންގެ ގޯތިގެދޮރަށް ލިބޭ ގެއްލުންތައް ކުޑަވެއެވެ. ހަމައެހެންމެ ފަރުތައް ނެތުމުގެ ސަބަބުން އެމީހުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ލިބޭ ކަމަށްވެއެވެ. ޑިސެމްބަރު 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށް ނަޒަރުކޮށްލުމުންވެސް މިކަން ހާމަވެއެވެ. އެ ބޮޑު ކާރިސާގައި ރާއްޖޭގެ ގިނަ ރަށްރަކަށް ކުރި ގެއްލުން ކުޑަވެގެން ދިޔައީ ރަށްތަކުގެ ފަށައިގެންވާ ފަރުތަކުގެ ސަބަބުންނެވެ.

ފަރުތަކާއި، ކަނޑުގެ ދިރުންތައް ދައްކުވާދޭ ފޮޓޯއެއް--

ފަތުރުވެރިކަން ކުރިއެރުވުމަށްޓަކާ

ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސާދުގެ ރަންބިސް އަޅާ ކުކުޅެވެ. ފަތުރުވެރިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަކީ "ދުނިޔެމަތީގެ ސުވަރުގެ" ނުވަތަ "ދަ ސަނީ ސައިޑް އޮފް ލައިފް" އެވެ. ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަނީ ރާއްޖޭގެ ގުދުތަރީ ރީތިކަން ދެކިލަމަށެވެ. މިގޮތުން މޫދާ ވިލުގެ ޗާލުކަމަށް ބޯދޭ ފަރާތްތައް އިތުރުވަމުންދަނީ ފަރުތަކުގެ ޤުދުރަތީ ބަގީޗާގެ ސަބަބުންނެވެ. އެ ބަގީޗާއިން ހިތް އުފާކޮށް ލޮލަށް ފިނިކަން ގެނެވޭނީ ބަގީޗާ މަރުނުވެ ދެމި އޮވެގެންނެވެ. އެހެންކަމުން މި ޗާލު ފަރުތަކާއި ވިލުތައް ނެތިއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެއްވެސް ބޭފުޅަކު މިކަމާމެދު ފުންކޮށް ވިސްނާ ލެއްވިން ހެއްޔެވެ؟ މިކަންކަމާމެދު ވިސްނާލުމުން ކަންބޮޑުވަނީ ރާއްޖޭގެ ރަންބިސް އަޅާ ކުކުޅު ބިސް އެޅުން ހުއްޓާލާފާނެތީއެވެ. މި ސަބަބަށްޓަކައި ފަރުތައް ހިމާޔާތް ކުރުމަށް އިތުރު ސަމާލުކަމެއް އެބަ ދޭން ޖެހެއެވެ. އެއީ ފަރުތަކުގެ ސަބަބުން ފަތުރުވެރިކަން ކުރި އަރާ ފުޅާވަމުން ދާތީއެވެ.

ކަނޑު އަޑީގެ ރީތިކަމާއި ހިއްގައިމުކަން ތަޖުރިބާކޮށްލުމަށް ފަތުރުވެރިން--

ކާނާ އަދި އެތައް ބަލިތަކަށް ފަރުވާ ލިބޭ

ފަރުތަކަކީ ކަނޑުގައިވާ ދިރުމުގެ ހަތަރު ބައިކުޅަ އެއްބައި ދިރިއުޅޭ ގޯއްޗެވެ. ފަރުތަކުގެ ސަބަބުން މަސްވެރިކަމަށް ގިނަ ފައިދާތައް ލިބެއެވެ. މަސްވެރިންނަށް މަސް ބޭނުމުގައި އެން ހިފުންފަދަ އެތަކެއް ފަސޭހަތަކެއް ލިއްބައިދެއެވެ. މީގެ އިތުރުން ފަރުތަކުގެ ސަބަބުން އަޅުގަނޑުމުންގެ ތެރޭގައި އާންމުވެފައިވާ އެންމެ ނުރައްކާތެރި ބަލިތަކަށްވެސް ފަރުވާ ލިބެއެވެ. މިގޮތުން ފަރުތަކަށް ޖެހޭ ބަލިތަކުން ދުރުވުމަށް ފަރުތައް ބޭނުންކުރާ ސެކޯސްޓެރޮއިޑްސްއަކީ ހަށިގަނޑުގެ ނޭވާލުމުގެ ނިޒާމަށް ޖެހޭ ބައްޔެއް ކަމަށްވާ އާރްތްރައިޓިސް އަދި ތަފާތު ބާވަތްތަކުގެ ކެންސަރަށް ފަރުވާ ކުރުމަށް ބޭނުން ކުރެވޭ ބޭސްތައް ހެދުމަށް ފަރުތަކުން ލިބޭ މާއްދާތަކުގެ ބޭނުންކުރެއެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ގިނަ ބަލިތަކަށް ފަރުތަކުން ފަރުވާލިބެއެވެ.

މުރަކަ ހެއްދުމުގެ މަސައްކަތުގައި އުޅުނު ޒުވާނުން

ރާއްޖެއަށް ލިބިފައިވާ ގުދުރަތީ ރީތި ކަމަކީ އަޅުގަނޑުމެން ވިއްކައި، ކާން، ކުއްޔަށްދީ އާމްދަނީ ހޯދަން ގުދުރަތުން ދެއްވި އަގުބޮޑު ނިއުމަތެކެވެ. ބޭރުގެ ފަތުރުވެރިންނަށް އަޅުގަނޑުމެން ވިއްކާ މުދަލަކީ ގުދުރަތީ މި ރީތިކަމެވެ. ރަށްތަކުގެ ދޮންވެލީގެ އުފަލާއި، މި ކަނޑުފަޅުތަކުގެ ރީތިކަމެވެ. އެހެންކަމުން މި ރިޒްގުގެ ފައިދާ ލިބިގަތުމަށް އެތަންތަނާ މެދު ދެކޭ ގޮތް ބަދަލުކުރަން ޖެހެއެވެ. ފަރުތަކަށް ލިބެމުންދާ ގެއްލުމަކީ މުސްތަގްބަލަށް ހުރި ބޮޑު ބިރަކަށްވާއިރު ގައުމުގެ ސަލާމަތަށާއި މާލީ ފުދުންތެރިކަމަށް މި ފަރުތައް ހިމާޔަތް ކުރުނަ ޖެހެއެވެ. މިއަދަކީ ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަށް ވާއިރު މިފަރުތައް ހިމާޔަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ފަރުދީ ޒިންމާއެއްކަމުގައި ދެކެމާ ހެއްޔެވެ؟ ފަރުތަކަށް ގެއްލުން ލިބާ ކަންކަމާއި ދުރުވަމާ ހިނގާށެވެ. މޫދަށް ކުނި އެޅުމާއި، ޕްލާސްޓިކް ކޮތަޅުތަކުން އެ ލިބޭ ގެއްލުންތައް ކުޑަ ކުރުމަށް "ޕްލާސްޓިކަށް ނޫނެކޭ" ބުނަމާ ހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ަައަބޫ އަބުލަޣީ

    ސުނާމީ ފަދަ ބޮޑެތިރާޅު ފަރުތަކުގައި ޖެހުމުން ސްޕީޑްވަނީ މަތި، ރާޅުގެ އުސްމިން ވަނީ އިތުރު، ރާއްޖެއަށް އެރި ސުނާމީގައި އެދުވަހު ކަނޑުމަތީގައި ތިބި މީހުނަށް އޭގެ އިހުސާސެއް ނުވޭ. މަސްވެރިން ރަށަށް އައުމުން ރަށަށް ރާޅުއަރާ ގެއްލުންވެފައިވާކަން އެނގުނީ. ފަރުތަކަކީ ހަލާކުވަމުން ހެދެމުން ދާ ތަންތަން. މިރަށްތައް އުފެދިފައި އޮންނަތާ އެތައްހާސް އަހަރެއްވެއްޖެ. މިރަށްތައް މުޅިން ނެތިގެނެއްނުދޭ. ނުވެސްދާނެ. ގުދްރަތީގޮތުން އަންނަ އެއްވެސް ކަމަކީ އިންސާނުންނަށް ހުއްޓުވޭނޭ ކަމެއްނޫން.

  2. މެޑަމް

    ވަރަށް ފުރިހަމަ ލިޔުމެއް. ތިމާވެަި ހިމާޔަތް ކުރުމަށާއި ހޭލުންތެރިކަން އިތުރު ކުރުމަށް އަރުބާން ތިކުރާ ހިތްވަރަށް އައްސަރި ބަހާއި ސާބަސް. ވަރަށް އުފާވެއްޖެ މިކަހަލަ ފުރިހަމަ ލިޔުމެއް ވަގުތުން ފެނުމުން. އުންމީދުކުރަނީ ވެއްޓާއި ގުޅޭ އިތުރު ލިޔުންތައް އަރުބާންގެ ފަރާތުން ފެންނާނެ ކަމަށް. ޝުކުރިއްޔާ