ރާއްޖޭގެ އެކި ކުޅިވަރުތަކަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ އަދި އެކަމުގައި ދެމިހުންނެވި މ.ޖަވާހިރުވިލާ މާދިހް އިސްމާއިލް ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ ރޭގެ ވަގުތެއްގައި މާދިހު ނިޔާވީ ހޮނޑުލެވި، ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންދިޔަ ފަހުން ކަމަށެވެ.

އޭނާ ނިޔާވި ފަހުން ކޮވިޑް-19 އަށް ޓެސްޓް ކުރިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ.

މާދިހް ވަނީ އެތައް ކުޅިވަރު އެސޯސިއޭޝަނެއްގެ މުހިއްމު މަގާމުތަކެއް އަދާކުރައްވާފައެވެ. މާދިހު ވަނީ ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިން އެސޯސިއޭޝަންގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. އޭގެ އިތުރުން ވެސް، އެކި ކުޅިވަރުތަކުގައި އޭނާގެ ބައިވެރިވުން އޮތެވެ.

މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި އުމުރުފުފުރާތަކުގެ ކްރިކެޓް ގައުމީ ޓީމްތަކުގެ ކޯޗް ކަން ވެސް ކުރައްވާފައެވެ. އެފްއޭއެމްގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަމާއި އެތުލެޓިކްސް އެސޯސިއޭޝަންގެ ވައިސް ޗެއާޕާސަން ކަމުގެ މަގާމާއި ނެޓް ބޯލް އެސޯސިއޭޝަންގެ އެގްޒެކަޓިވް ކޮމިޓީގެ މެންބަރުކަން ވެސް އަދާކުރެއްވި އެވެ.

މާދިހް ނިޔާވިއިރު އޭނާ ހުންނެވީ ގިޔާސުއްދީން ސްކޫލްގެ ސްޕޯޓްސް ކޯޑިނޭޓަރަކަށެވެ. ނިމިގެންދިޔަ ފުޓްބޯޅަ ސީޒަންގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ބެންޗުން ވެސް ފެނިފަ އެވެ. މާޒިޔާގައި އޭނާ މަސައްކަތްކުރަމުންދިޔައީ އެ ކްލަބުގެ ފިޒިއޯތެރަޕިސްޓްގެ ގޮތުގަ އެވެ.

މާދިހް ނިޔާވުމާއި ގުޅިގެން ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގެ ކުރީގެ އެއްވަނަ ގޯލްކީޕަރު މައުރޫފް އަހްމަދު (މާއްޓޭ) ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދިހްގެ މުޅި އުމުރު ދުވަސް ކަހަލަ ގޮތަކަށް އޭނާ ހޭދަކުރީ ދިވެހި ކުޅިވަރުގެ ހިދުމަތްތެރިއެއްގެ ގޮތުގައި ކަމަށެވެ. ހާއްސަކޮށް ކުޅިވަރުގެ އާ ޖީލުތައް ބިނާކުރުމުގައި އޭނާ ކޮށްދެއްވި މަސައްކަތް މާއްޓޭ ފާހަގަ ކުރެއްވެވިއެވެ.

ސްވިމިން އެސޯސިއޭޝަންގެ ނައިބު ރައީސް އިސްމާއިލް އަލީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މާދިހް އެއީ އިންސާނީ ޚިދުމަތެއްގެ ގޮތުގައި ދަރުމައަށް އެތަށް ބަޔަކަށް ފަތަން ދަސްކޮށްދެއްވި އިންސްޓްރަކްޓަރެއް އަދި ކުދިންނަށް ތަމްރީނު ދެއްވި ސްވިމިންގ ކޯޗެއް ކަމަށެވެ. މީގެ އިތުރުން ވެސް އެއީ ސްވިމިންގ އެސޯސިއޭޝަނަށް އެތައް ޚިދުމަތެއް ކޮށްދެއްވި ޚިދުމަތްތެރިއެއް ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ކުޅިވަރު ދާއިރާގެ ވަރަށް ގިނަ ބޭފުޅުން އަންނަނީ މީސް މީޑިއާގައި މާދިހްގެ ހިދުމަތް ފާހަގަ ކުރައްވާ އޭނާއަށް ހެޔޮ ދުއާ ކުރައްވަމުންނެވެ.

މާދިހު އަކީ ކޮވިޑްގެ އާލާސްކަންފުޅުގައި މިދިޔަ އަހަރު ނިޔާވި ރ.އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅެކެވެ. މާދިހު އަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއްފޯވާޑް އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

މާދިހްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު 09:00 ގައި އާސަހަރާގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. ބާބޫ

  ޔާﷲ! މާދިހް ގެ ފާފަ ފުއްސަވާ ސުވަރުގޭގެ ނިޢްމަތް ދެއްވާށި. އާމީން

  45
 2. ހުސައިން

  إنّا للّه وإنّاإليه راجعون
  اللّهم اغفرله والرحمه وعافه واعف عنه وأكرم نزله واغسله بلماء والثّلج والبرد

  35
  1
 3. އުއްމުފައުޒާން

  މާދިހްސަރގެ ފާފަތައް ފުއްސަވައި ދާއިމީ ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން. އަޅުގަނޑު ދަރިފުޅުގެ ވެސް ސްވިމިންގ ކޯޗް.
  ވ. އަޚްލާޤް ރަނގަޅު ސަރއެއް.
  ގަޑިއަށް ވ. ފަރުވާ ބެހެއްޓެވި.

  42
 4. Anonymous

  "ދާދިއަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް
  ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާ އަކަށް ނިމުމެއްނެތޭ

  35
 5. ކޮތަރު

  ޔާﷲ މާދިޙް އިސްމާޢީލް ކަށްވަޅުގެ ޢަޒާބުންނާއި ނަރަކައިގެ ޢަޒާބުން ދިންނަވައި ސުވަރުގޭގެ ދާއިމީ ނިޢްމަތަށް ވާޞިލް ކޮށްދެއްވަވާ ފާނދޭވެ. އާމީން.
  ވަރަށް އަޅްލާޤް ރަނގަޅު ހިތްހެޔޮ، އެއްމެނާވެސް ގުޅޭ ދީންވެރި ބޭފުޅެއް.

  35
 6. ss

  Inna lillahi wainna ilaihi raajioon

  22
 7. Anonymous

  މާދިހް ކު އްލި ގޮތަކަށް އަވަހާރަވީ.މަ އްޔިތާގެ ފާފަ ފުަ އްސަވާ ސުވަރުގެ މިންވަރު ކުރަ އްވާށި. އާމީން

  29
 8. ކޮވިޑް

  އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިއޫން. މައްޔިތާއަށް ހެޔޮ ރަޙުމަތް ލައްވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށް ދެއްވާށީ އާމީން.

  30
 9. ނިޔާޡް

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  28
 10. ޢައިސް

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ

  11
 11. ނަސްރު

  إنّا للّه وإنّاإليه راجعون
  اللّهم اغفرله والرحمه وعافه واعف عنه وأكرم نزله واغسله بلماء والثّلج والبرد

  12
 12. ހެޔޮއެދޭ ޓީޗަރ

  إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
  ކޮންމެ ޓީޗަރސްޑޭ އަކީ މާދިހުސަރގެ ހަނދާނާ އެކުވެފައިވާ ދުވަހެއް އެއީ ވަރަށް ލޯބިވާ މަޖާ ރަނގަޅު ސާރއެއް. ސާރއަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ

  13
  1
 13. މބކ

  މައްޔިތާއަށް ހެޔޮރަޙްމަތް ލައްވައި، މައްޔިތާގެ ފާފަފުއްސަވާށި. ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.

  12
 14. މުސްލިމު

  މާދިހުއަށް ފާފަ ފުއްސަވައި ހެޔޮ ރަޙްމަތް ލައްވާށި.
  އަނބިމީހާއަށާ ދަރިފުޅަށް ކެތް ތެރިކަން ދެއްވައި ސަވާބު އިތުރު ކުރައްވާނދޭވެ. އާމީން.

  14
 15. އަލީ

  މާދިޙް ގެ ފާފަފުއްސަވާ ސުވަރުގޭ މަތިވެރި ނިއުމަތް މިންވަރުކުރަށްވާށި ! އާމީން
  މާދިޙް އަކީ ވަރަށް އަހުލާގު ރަގަޅު މީހުންނާއި އަޅާލާ އޯގާތެރި ބޭފުޅެއްކަން އަޅުގަނޑަށްވެސްވަނީ ފަހަގަކުރެވިފައި ، މާދިޙް އާއި އެކު އަޅުގަނޑަށް ވެސް ޙައްޖު ދަތުރެއްގައި ބައިވެރިވެވުނު މާދިޙް އަކީ ނަމޫނާ ބޭފުޅެއް !

  15
 16. ހުސެން

  މިސްކިތުގެ އަހުލުވެރިއެއް.ފާފަ ފުއްސަވާށި

 17. ނަވްބެ

  އަޅުގަނޑު ހަޔާތުގައިވެސް މާޑު ކަހަލަ ހިތްހެޔޮ ދީނަށް ލޯބިކުރާމީހުން ވަރަށް ނުދެކެން. އަޅުގަނޑުމެން ހައްޖަށް ދިޔައިރު މުޒްދަލިފާއަށް ކުރި ދަތުރުގައި ދިވެހި ދިދަ ހިފައިގެން ގުރޫޕުގެ ހުރިހާ އެންމެންނަށް މަގުދައްކައިދޭން ކުރީގައި ހުންނެވީ މާދިހު. އެކަމުން އެކަނިވެސް މާދިހުގެ ހެޔޮކަން އެނގޭ. މާތް ﷲ މާދިހުގެ އެންމެ ފާފަތައް ފުއްސަވައި ސުވަރުގެޔަށް ވައްދަވާށި......