ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑުގައި ހިމެނޭ އަތޮޅު ކައުންސިލްގެ ރައީސުންގެ މެންބަރުގެ މަގާމަށް ކުރިމަތިލެއްވި ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރުގެ ކެންޑިޑެސީގެ މައްސަލަ ހައި ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަތުމުން، މައްސަލަ އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަޝީރުގެ ކެންޑިޑެސީ ބަލައިނުގަތީ ކެންޑިޑެސީ ފޯމު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތަށް ވުރެ ހަތަރު މިނެޓު ފަހުން ބަޝީރު އޭނާގެ ފޯމު ހުށަހެޅުއްވުމުން ކަމަށް ބުނެއެވެ.

މި މައްސަލަ އިންތިހާބީ މައްސަލައެއްގެ ގޮތުގައި ހައި ކޯޓަށް ބަޝީރު ހުށަހެޅުއްވިއިރު، އެއީ ހައި ކޯޓުގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ އިންތިޚާބީ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި އެ މައްސަލަ ބަލައިނުގަންނަން ނިންމާފައިވެއެވެ.

ހައި ކޯޓުގެ ރަޖިސްޓަރާގެ އެ ނިންމެވުމުގައި ފާހަގަ ކުރައްވާފައިވަނީ ހައި ކޯޓަށް ބަޝީރު ހުށަހެޅުއްވި މައްސަލައަކީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ހައި ކޯޓަށް ބެލުމުގެ އިހްތިސާސް އޮންނަ މައްސަލަތަކުގެ ތެރެއިން މައްސަލައެއް ނޫން ކަމުގައެވެ.

ބަޝީރު މިއަދު "ވަގުތު" އަށް ވިދާޅުވީ އެ މައްސަލަ މިހާރު ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން ބަޝީރު މި މަގާމަށް ކުރިމަތި ލެއްވިއިރު، ދެން މި މަގާމަށް ކުރިމަތި ލެއްވީ ޕީޕީއެމްގެ ފަރާތުން ކ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ނިމާލެވެ.

އެހެންވެ އިންތިޚާބަކާ ނުލައި ނިމާލް އެ މަގާމަށް ހޮވިފައިވާ ކަމަށް އީސީއިން ކަނޑައަޅައެވެ. އެކަމަކު މި މައްސަލަ އަދި ސުޕްރީމް ކޯޓަށް ވެސް ބަޝީރަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ބަޝީރު ކުރިން ވިދާޅުވެފައިވާ ގޮތުގައި އޮންލައިންކޮށް ހުށަހަޅަން ޖެހޭ އެ ފޯމު އޭނާ ސުންގަޑި ހަމަވުމުގެ އެއް މިނެޓް ކުރިން ފޮނުވި ކަމަށެވެ. އެކަމަކު އީސީއަށް އެ ފޯމު ފަހުން ލިބިދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

ބަޝީރު ވަނީ ސުންގަޑީގެ ކުރިން މެސެޖް ފޮނުވި ކަމަށް ފެންނަ ސްކްރީން ޝޮޓެއް ވެސް ހިއްސާކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ބަޝީރު ދަރިފުޅާ ތިކަން ދެން ތިއޮތީ ވެނިމިފައި.
    ތިކަމާ ހިފުން ހުއްޓާލައިފާ ކުރިއަށް އޮތް ތަނުގައި ގަޑިއަށް ފަރުވާތެރިވީމާ ހުންނާނީ ރަނގަޅަށް. އެއްމިނިޓަކީ ދެން ޤަބޫލު ކުރެވޭނީ ހަމަ ފަރުވާކުޑަ ކަމުންކަމަށް. އެއްދަރި ހުންނަ މީހުންނާއި ދިމާއަށް ކިޔާނެ އެއްކުއްޖަކީ ނެތްކުއްޖެކޭވެސް. ލައްކަ ލަހުންނޭ އެފޮނުވުނީ