މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރު ގޮސް މަޖާކޮށްލާނެ ރަށެއްގެ ގޮތުގައި ފަރުކޮޅުފުށި ހަމަޖައްސަން ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ދަތުރުދާނެ ހާއްސަ ތަނެއް ކަނޑައަޅާފައި ނެތުމުން އެކަމަށް އެންމެ ރަނގަޅު ތަނެއްގެ ގޮތުގައި ފާހަގަ ކުރެވެނީ ފަރުކޮޅުފުށި ކަމަށެވެ. އަދި އެތަން ދަތުރުދާ ރަށަކަށް ހެދުމަށް ނިންމީ ސިޓީ ކައުންސިލްގެ އިހްތިސާސް ހިނގާ ތަނަކަށް ވުމުން ކަމަށް ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުގެ އެކި ލިޔެކިޔުން ތަކުން ދައްކާ ގޮތުގައި ފަރުކޮޅުފުށި މިހާރު އޮތީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައި ކަމަށެވެ. އަދި އެރަށަށް ދަތުރުދާ ރަށަކަށް ހަދާ، އެރަށް ތަރައްގީ ކުރުމަށް ކުރާ ކޮންމެ އިންވެސްޓްމެންޓްއަކުން މާލެ ސިޓީ ރައްޔިތުންނަށާއި، ސިޓީ ކައުންސިލަށް ލާބަ އާއި މަންފާ ލިބޭ ގޮތަށް ކަނޑައަޅާފައިވާނެ ކަމަށް ވިދާޅުވިއެވެ.

"މާލެ ސިޓީގެ އިހްތިސާސްގެ ތެރޭގައި ހުޅުމާލެ ހިމެނޭ ގޮތަށް އޮތީ. ފަރުކޮޅުފުއްޓަކީ ފަޅުރަށެއްގެ ގޮތުގައި އަދި މިއޮންނަނީ. އެހެންވީމަ އަޅުގަނޑުމެންގެ ކައުންސިލް ބައްދަލުވުމުގައި އިއްތިފާގުން ފާސްކުރީ ފަރުކޮޅުފުށި މާލެ ސިޓީ ރައްޔިތުން ދަތުރު ގޮސް އުޅޭނެ ރަށަކަށް ހެދުމަށް" މުއިއްޒު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރުދާނެ ރަށެއް ކަނޑައެޅުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ. މި ވައުދު ފުއްދުމަށްޓަކައި ރައީސް އިބްރާހިމް ސޯލިހް ވަނީ އެނބޫދޫ ފަޅުގެ ރަށެއް މިކަމަށް ކަނޑައަޅާ މަޝްރޫއުއެއް އިފްތިތާހް ކުރައްވާފައެވެ. އެރަށުގެ ބޮޑުމިނުގައި ތިން ކިލޯމީޓަރު ހުރެެވެ.

މި ރަށް ޕިކްނިކް ދާ ރަށެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފެއްޓެވި މަސައްކަތް އިފްތިތާހް ކުރައްވާފައި ވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ހަތް މަސް ދުވަސް އެރަށަށް ދަތުރު ދެވޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އޭގެ ފަހުން 2 އަހަރު ވީއިރުވެސް އެރަށަށް ދިއުމަށް ހުޅުވާލާފައެއް ނުވެއެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން މިހާރު އާންމުކޮށް ދަތުރު ދަރުރު ގޮސް އުޅެނީ އަތޮޅު ތެރޭގެ ފިނޮޅުތަކަށެވެ.

މިހާރު ދަތުރު ދާނެ ރަށެއްގެ ގޮތުގައި ސިޓީ ކައުންސިލުން ކަނޑައަޅާފައިވާ ފަރުކޮޅުފުއްޓަކީ ކުރިން "ކްލަބް މެޑް" ރިސޯޓު ހިންގި ތަނެވެ. އެ ތަން ހުސްކުރީ ވެސް، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހި ހިއްކުމަށެވެ. އޭގެ ފަހުން އެ ތަން ކޮވިޑް ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ދަނީ ބޭނުން ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ތިވެސް ރަނގަޅު، އެކަމު އެންމެ ރަނގަޅީ ވަށައިގެން މޫދު އޮންނަގޮތަށް ހިއްކައިގެން ވިޔަސް ހަމަ ވަކި ރަށެއް.

    2
    1
  2. ހައްޗެ

    މަލޭ މީހުންނައް އަބަދުވެސް ލިބޭނީ މިކަހަލަ ގޮޑެއް. މަލޭ މީހުންނައް ކޮންކިރިޓު ކޮށި. ރައްޖެތެރެ މީހުންނައް ތާޒާވައި ރީތި ބީޗު ތަކާ ތުޑި.