ބޯ ހިޔާވަހިކަމުގެ މަންޒިލަކަށް ގުޅީފަޅު ހެދުމުގެ ފުރުސަތު ސަރުކާރުން ނުދީފި ނަމަ އެ މައްސަލަ ކޯޓަށް ގެންގޮސްގެން ވެސް މާލެ ސިޓީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެ ކަމަށް މާލެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ގުޅީފަޅުގައި ޕޯޓު ގާއިމުކުރުމަށް ސިޓީ ކައުންސިލް ދެކޮޅު ކަމަށާއި ސިޓީ ކައުންސިލުން ބޭނުންވަނީ ގުޅީފަޅަކީ މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭނެ މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރަން ކަމަށެވެ.

އަދި އެ މަސައްކަތަށް އަލިމަގެއް ނުފެނިއްޖެ ނަމަ ކޯޓަށް ގޮސްގެން ވެސް އަލިމަގެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި، އެކަން ކައުންސިލް މެމްބަރުންގެ އިއްތިފާގުން ނިންމާފައި ވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ދަންނަވަނީ މިއަދު ނޫނީ މާދަމާ ކޯޓަށް ދާ ވާހަކައެއް ނޫން. އެއްވެސް އަލިމަގެއް ނުފެނިއްޖަ ނަމަ ކޯޓަށް ދާ ވާހަކަ. އަޅުގަނޑު އުންމީދެއް ނުކުރަން އެގޮތަށް އެކަން ދާނެ ކަމަށް. ރައްޔިތުން އެދޭ ގޮތަށް ގުޅީފަޅުގެ ކަންތައްތައް ބަދަލުކުރަން އަދި ސިޓީ ކައުންސިލްގެ ދައުރަކަށް ފުރުސަތެއް ނުލިބޭ" މުއިއްޒު ވިދާޅުވިއެވެ.

ގުޅީފަޅަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ގެދޮރުވެރިކުރުމުގެ މަޝްރޫއު ހިންގަން ނިންމާފައި އޮތް ބިމެކެވެ. ނަމަވެސް މި ސަރުކާރުވެރިކަމަށް އައުމާއެކު ވަނީ ގުޅީފަޅުގެ ބޮޑު ބަޔެއްގައި ވިޔަފާރީ ބަނދަރެއް ގާއިމް ކުރުމަށް ނިންމާފައެވެ. މި ޕްލޭންއާއި މާލޭގެ އެތައް ރައްޔިތެއް ހިއްނުތަނަވަަސްވެފައި ވަނިކޮށް މާލެ ސިޓީ މޭޔަރުކަމަށް މުއިއްޒު ނިކުންނެވީ ގުޅީފަޅު ބޯހިޔާވަހިކަމަށް ޚާއްޞަ ތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ވައުދާ އެކުއެވެ.

ޑރ. މުއިއްޒު މީގެ ކުރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވައި ގުޅީފަޅުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް އެދިވަޑައިގެންފައެވެ. އެ ބައްދަލުވުމުގައި ވިޔަފާރި ބަނދަރުގެ ޕްލޭން ބަދަލުވެދާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވި ކަމަށް މުއިއްޒު މީގެ ކުރިން ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ބައްދަލުވުމަށްފަހު ޖެހިގެން އައި ހަފްތާގައި ގުޅީފަޅުގެ އީއައިއޭ އަށް ބަދަލެއް ގެނައުމަށް ކޮންސަލްޓަންޓު ބައްދަލު ކުރެއްވި ކަމަށް މޭޔަރު ވިދާޅުވިއެވެ.

ގުޅިފަޅު ތަރައްގީކުރުމުގެ މާސްޓަ ޕްލޭން އާއްމުކޮށްފައިވާ އިރު، ޕޯޓަކާއި އިންޑަސްޓްރިއަލް ވިލެޖެއްގެ އިތުރުން ހިއްކާ ބިމުގެ 15 ޕަސެންޓް ބޯހިޔާވަހިކަމަށް ހާއްސަކުރަން ސަރުކާރުން ނިންމާފައިވެއެވެ. ޕްރައިމެރިލީ ޕޯޓް ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ އެ ސިޓީއިން 700 ފޫޓުގެ ބިންކޮޅުތަކެއް 1،200 އާއިލާއަށް ދޫކުރަން ކަނޑައަޅާފައިވެއެވެ.